ރޯދަމަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 7 ރަށެއްގައި ވެސް އިޙްޔާ ފޯރަމް ބާއްވަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި މިއަހަރުގެ ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގައި އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގަނޑެވެ. މިގޮތުން ފުރަތަމަ އިޙްޔާ ފޯރަމް އޮންނާނީ 2024 ވަނަ އަހަރުގެ މާރިޗު 2 ވަނަ ދުވަހުގެ ރޭގައެވެ. މި ފޯރަމްގައި "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުން" މި މައުޟޫއަށް ތަޤްރީރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.
މިއަހަރުގެ އިޙްޔާ ފޯރަމްތަކުގައި ތަޤްރީރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން، އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު، ޑރ. މޫސާ ޢަންވަރު ޙަސަން، ޑރ. އަނާރާ ނަޢީމް އަދި ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމް ހިމެނިވަޑައިގަންނަވައެވެ.
އަތޮޅުތެރޭގައި އިޙްޔާ ފޯރަމް ބާއްވާނެ ރަށްތައް ކަނޑައަޅާފައިވަނީ އެކަމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ރަށްތަކަށް ބަލައިގެންނެވެ. މިގޮތުން ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، ގދ. ގައްދޫ އަދި ރ. މީދޫގައި އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަތޮޅުތެރޭގައި އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ހުކުރު އަދި އަންގާރަ ދުވަހުގެ ރޭތަކުގައެވެ.
 
  
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ