ސަސްޕެންޝަންގައި ހުރި ސިނާގެ އެވޯޑް ނޮމިނޭޝަން ކެންސަލް ސަސްޕެންޝަންގައި ހުރި ސިނާގެ އެވޯޑް ނޮމިނޭޝަން ކެންސަލް

ލަންޑަން (މާޗް 1) - މިދިިޔަ އަހަރު ތެރޭ ދެ ފަހަރެއްގެ މަތިން މަނާބޭހަށް ޕޮޒިޓިވްވި، ދުނިޔޭގެ އެއް ވަނަ ޓެނިސް ތަަރި، އިޓަލީގެ ޖަނިކް ސިނާ އަށް ލޮރިއަސް އެވޯޑުން ލިބުނު ނޮމިނޭޝަން ކެންސަލްކޮށްފި އެވެ.
ސިނާ، 23، އާ ދެކޮޅަށް ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން އިން ހުށަހެޅި މައްސަލައިގައި، އޭނާ އިއުތިރާފުވުމުން، އޭނާ ތިން މަހަށް ސަސްޕެންޑްކުރުމަށް ނިންމި ނިންމުން މިހާރު އަންނަނީ ތަންފީޒުކުރަމުންނެވެ.
ލޮރިއަސް އެވޯޑްގެ އަހަރުގެ ސްޕޯޓްސްމަން އޮފް ދި އިޔާ އެވޯޑަށް ސިނާ ވަނީ ފުރަތަމަ ނޮމިނޭޓްވެފަ އެވެ. އެކަމަކު، އެ އެވޯޑް އިންތިޒާމްކުރާފަރާތުން ވަނީ ސިނާގެ ނޮމިނޭޝަން ކެންސަލްކޮށްފަ އެވެ.
ލޮރިއަސް އެވޯޑްސްގެ ޗެއާމަން، ސޯން ފިޓްޒްޕެޓްރިކް ވިދާޅުވީ، ސިނާގެ ނޮމިނޭޝަން ކެންސަލްކުރަން ނިންމީ، ވަރަށް ގިނަ ގޮތްގޮތުން މަޝްވަރާ ކުރުމަށް ފަހު، އެވޯޑްގެ މަސްލަހަތާއި ހައިބަތު ހިފަހައްޓަން ޖެހޭ ކަމަށް އެވޯޑްގެ އިސް ކޮމިޓީން ނިންމުމުން ކަމަށެވެ.
ސިނާ، މަނާބޭހަށް ޕޮޒިޓިވްވުމުން، އެކަމަށް އިންޓަނޭޝަނަލް ޓެނިސް އިންޓަގްރިޓީ އެޖެންސީ (އައިޓީއައިއޭ) އިން އެކުލަވާލި ޕެނަލުން ނިންމާފައިވަނީ، ގަސްދުގައި ކުރި ކަމެއް ކަމަށްވާތީވެ، ސިނާ ސަސްޕެންޑް ކުރެވެން ނެތް ކަމަށެވެ. އެކަމަކު، ފަހުން ވާޑާ އިން އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅައި، ސިނާ ދެ އަހަރަށް ސަސްޕެންޑް ކުރަން އެދުނެވެ.
ކާސްގައި މި މައްސަލަ ތާވަލުކުރި ފަހުން، ސިނާ ވަނީ، ވާޑާއާ އެކު، އެއްބަސްވުމެއް ހަދައި، ކުށަށް އިއުތިރާފްވެފަ އެވެ. އެ ހުރިހާ ކަމަކަށް ބަލައި، ވާޑާ އިން ނިންމީ، ސިނާ ތިން މަހަށް ސަސްޕެންޑް ކުރުމަށެވެ. އެއީ، ސިނާގެ ސާމްޕަލުން މަނާބޭސް ފެނުނީ އޭނާ އަށް ފަރުވާ ދިނުމުގައި، ފިޒިއޯތެރަޕިސްޓު ބޭނުންކުރި ބޭހެއްގެ ސަަބަބުން ކަމަށް ވާޑާ އިން ހޯދި ހޯދުމުން އެނގިފައިވާތީ އެވެ.
އެކަމަކު، މި މައްސަލައިގައި ޓެނިސް ދުނިޔޭގައި ފެންނަނީ ދެކަފި ހިޔާލުތަކެވެ. ޓެނިސް ލެޖެންޑަރީ ތަރި، ސްޓޭން ވަވްރިންކާ ބުނީ، މިހާރު ޓެނިހަކީ މަހާބޭހުން ސަލާމަތްވެފައި، އޮތް "ކްލީން" ސްޕޯޓެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އަނެއްކޮޅުން، ސާބިއާގެ ތަރި، ނޮވަކް ޖޮކޮވިޗް ބުނީ، މިހާރަކަށް އައިސް ކުޅުންތެރިންނާ މެދު ގޮތް ނިންމުމުގައި، ގަޔާވާ ކުޅުންތެރިންނާ މެދު އޮންނަނީ ވަކި ގޮތެއް ކަމަށެެވެ.
ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރި، ސިނާގެ ސަސްޕެންޝަންގެ މުއްދަތު އޮތީ، މިދިޔަ މަހު 9 އިން މެއި މަހުގެ 4 ވަނަ ދުވަހަށެވެ. ސަސްޕެންޝަންގެ މުއްދަތު ހަމަވާއިރު، ފިޓްކޮށް ހުރުމުގެ ގޮތުން، އަންނަ އޭޕްރީލް މަހުގެ 13 ގައި، ސިނާ އަށް ރަސްމީ ޕްރެކްޓިސްތައް ފެށޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ