އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާއެކު ވައިޓްހައުސްގެ އޯވަލް އޮފީހުގައި ހުކުރުދުވަހު ފެށްޓެވި ބައްދަލުވުމުގައި އާދަޔާޚިލާފަށް ފާޑުވިދާޅުވެ ވަރަށް ބޮޑަށް ނުރުހުންފާޅުކުރެއްވުމުން ޒެލެންސްކީ ވައިޓް ހައުސްއިން ނުކުމެވަޑައިގަތުމަށް ދެންނެވިކަމަށް ވެއެވެ.
މާ ޑިޕްލޮމެޓިކް ނޫން މި ބައްދަލުވުމަށްފަހު، ޒެލެންސްކީ އަދި އޭނާގެ ވަފުދު އެހެން ކޮޓަރިއަކަށް ބަދަލުވެ، ޔޫކްރެއިންގެ ލީޑަރު އަލުން ބައްދަލުވުން ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރިކަމަށް ވައިޓް ހައުސް އޮފިޝަލެއް ބުނެފައިވެ އެވެ. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކް ވޯލްޓްޒް އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ޔުކްރެއިންގެ ވަފުދަށް ދެންނެވީ ޓްރަމްޕް ބޭނުންވަނީ ޒެލެންސްކީ ވަގުތުން ވައިޓް ހައުސް ދޫކޮށް ވަޑައިގަތުމަށެވެ.
ޓްރަމްޕާއެކު ބާއްވާ ބައްދަލުވުމުގައި، ޒެލެންސްކީ ރާއްވަވާފައިވަނީ ޔޫކްރެއިންގެ މައުދަންތަކަށް އެމެރިކާއަށް އިތުރު އެކްސެސް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށެވެ.
ޔޫރަޕްގެ ގިނަ ބޮޑުވަޒީރުން، ރައީސުން އަދި ފޮރިން މިނިސްޓަރުން ސޯޝަލް ޕްލެޓްފޯމް އެކްސްގައި ޒެލެންސްކީ އަދި ޔޫކްރެއިނަށް އެއްބާރުލުންދޭނެކަމަށް ބުނެފައިވެ އެވެ. މިހާތަނަށް އެންމެ ވަރުގަދައަށް ޝުއޫރު ފާޅުކުރައްވާފައިވަނީ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން، ސުވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓާސަން އަދި ރަޝިޔާއާ އިންވެގެންވާ އެސްޓޯނިއާގެ ފޮރިން މިނިސްޓަރެވެ.
އޯވަލް އޮފީހުގައި އަރާރުން ފެށުނީ އެންމެ ފުރަތަމަ އެމެރިކާގެ ނާއިބް ރައީސް ޖޭޑީ ވާންސް ވިދާޅުވި އެއްޗަކަށް ޒެލެންސްކީ ޖަވާދެއްވުމުންނެވެ.
"ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރައީސް (ޓްރަމްޕް) ކުރައްވާ މަސައްކަތަށް ތިބޭފުޅާ ޝުކުރުވެރިވާންޖެހޭނެ" ކަމަށް ވާންސް ވިދާޅުވެ، އޭގެ އިތުރުން ހަނގުރާމައިގެ ސަބަބުން ޔުކްރެއިންއަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާކަން ފާހަގަކުރެއްވި އެވެ.
"އިހްތިރާމާއެކު، ހަނގުރާމައާ ބެހޭގޮތުން ތިބޭފުޅާ (ނާއިބް ރައީސް ވާންސް) ވަރަށް އަޑުހަރުކޮށް ވާހަކަދައްކައިފިނަމަ ..." ވާންސްގެ އިތުރު ފާޑުކިޔުންތަކަށް ޒެލެންސްކީ ޖަވާބުދެއްވަން ފެށްޓެވެމުން ޓްރަމްޕް އޭނާގެ ވާހަކަ މެދުކަނޑާލެއްްވި އެވެ.
"އޭނާ އަޑުހަރުކޮށެއް ވާހަކަ ނުދައްކާ. އޭނާ އަޑުހަރުކޮށެއް ވާހަކަ ނުދައްކާ. ތިބޭފުޅާގެ ގައުމު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި،" ޓްރަމްޕް ވިދާޅުވި އެވެ.
ޒެލެންސްކީ ޖަވާބުދެއްވަން އުޅުއްވުމުން، ޓްރަމްޕް ވިދާޅުވި އެވެ: "ނޫން، ނޫން، ތިބޭފުޅާ ވަރަށް ގިނައިން ވާހަކަދައްކައިފި."
"ތިބޭފުޅާގެ ގައުމުއޮތީ ބޮޑު ދަތިތަކެއްގައި. މިކަން ތިބޭފުޅާއަށް ކާމިޔާބެއް ނުވާނެ. ތިބޭފުޅާ މިމައްސަލަތަކުން ސަލާމަތްވާން ފުރުސަތެއް ލިބޭނީވެސް އަޅުގަނޑުމެންގެ ސަބަބުން،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް އޯވަލް އޮފީހުގައި ނޫސްވެރިންގެ ކުރިމަތީގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ ދިމާއަށް ތަކުރާރުކޮށް ހަޅޭއްލަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ