ގެއިން ނުކުންނައިރު ޛިކުރުކޮށްގެން ނުކުންނަން ބޭނުންވިޔަސް ކިޔަން ހަނދާން ނެތެނީ ކީއްވެ؟ ކުރަން އެއަށްވުރެ މުހިންމު ކަމެއް ނެތް!

އިންސާނުން މިއަދު ދިރިއުޅެމުން މިއަންނަނީ ވަރަށް އަވަދިނެތިއެވެ. ކޮންމެހެން ދާންޖެހޭ ތަނަކަށްދާންވެސް ގިނަ ފަހަރު ގެއިން ނުކުމެވެނީވެސް ވަޤުތު ކުޑަތަންވާ ފަހުންނެވެ. އެހެންވެ ނުކުމެވެނީ އެތައް ކަމެއް ހަނދާން ނެތިހުރެއެވެ. އެއިގެ ތެރެއިންވެސް އެންމެ ގިނައިން ހަނދާންނެތޭ ކަމަކީ ގެއިން ނުކުންނަމުން ކިޔަންޖެހޭ ޛިކުރުތައް ކިޔުމެވެ. 
ގިނަ ބައަކު ގެއިން ނުކުންނަން މަސައްކަތް ފަށަނީ ކިޔަންހުންނަ ޛިކުރުތައް ކިޔައިގެން ނުކުތުމުގެ އެދުން ހިތުގައި ބާއްވައިގެންނެވެ. ނަމަވެސް ގިނަ ފަހަރަށް ގެއިން ނުކުންނަން ތައްޔާރުވެ ނިމޭއިރު ދުޢާ، ޛިކުރު ކިޔަން އޮންނަނީ ހަނދާންނެތިފައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ 
މިވާގޮތަކީ ދުޢާތަކާއި ޛިކުރުތައް ކިޔައިގެން ގެއިން ނުކުމެއްޖެ ނަމަ އެމީހާގެ މައްޗަށް ޝައިޠޯނާއަށް އެއްވެސް ބާރެއް ނުފޯރުވޭނެކަން އެނގޭތީ އަވަސްއަވަހަށް މަސައްކަތްކޮށްގެން ކިޔަން ހަނދާން ނައްތުވައިލަނީއެވެ. ވީމާ ގެއިން ނުކުންނަން އުޅޭއިރު މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ވިސްނައި ފަރުވާތެރިވާންވާނެއެވެ! ގެއިން ބޭރަށްދާއިރު ފައިވާން ނުވަތަ ބޫޓަށް އަރަން ހަނދާންކުރުމަށްވުރެވެސް މުހިންމީ ދުޢާކޮށް ޛިކުރުކިޔުމެވެ. 
ގެއިން ބޭރުގައި އުޅޭއިރު ޝައިޠޯނާގެ ކިބައިން ސަލާމަތްކަން އެދި މިފަދައިން ދުޢާކުރާށެވެ! މި ދުޢާ ކޮށްފި މީހަކު، ﷲ ސުބްޙާނަހޫ ވަތަޢާލާ ، ޝައިޠާނާގެ ކިބައިން ރައްކާތެރި ކުރައްވަވާނެތެވެ! އިން ޝާ ﷲ 
بِسْمِ اللهِ ، تَوَكَّلْتُ عَلى اللهِ وَلا حَوْلَ وَلا قُوَّةَ إِلاّ بِالله . 
މާނައީ: "ﷲގެ އިސްމު ފުޅުން ފަށަމެވެ. މިއަޅާ ﷲއަށް ވަކީލު ކުރަމެވެ. ﷲގެ ޙަޟްރަތުން މެނުވީ އެއްވެސް އާރެއް އަދި ބާރެއް ނުވެއެވެ." 
ދުޢާކުރަންވީ ހަމައެކަނި ގެއިން ނުކުންނަމަކުން ނޫނެވެ. ބާޒާރުތަކާއި، ސުޕަމާޓުތަކާއި، ޝޮޕިން ކޮމްޕްލެކްސް ފަދަ އަދި ޢާންމު ފިހާރަކައަކަށް ވަންނަމަވެސް ރައްކައުތެރިކަމުގެ ގޮތުން ދުޢާކުރަންވާނެއެވެ. 
އެހެނީ އެ ތަންތަނަކީ، ﷲ ހަނދުމަކުރުމުން އެއްކިބާވެ ތިބުން ބޮޑު ތަންތަނެވެ. މިފަދަ ތަންތަނުގައި ﷲ ގެ ޛިކުރު ކުރާ މީހުން ވަރަށް މަދެވެ. އަދި މިފަދަ ތަންތަނުގައި ޝައިޠާނުން ގިނަވާނެއެވެ. 
އެހެންކަމުން އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ﷺ ވަނީ މިފަދަ ތަންތަނަށް ވަންނަމުން ކުރުމަށް ދުޢާއެއް ދަސްކޮށްދެއްވާފައެވެ. މިދުޢާ ކުރުމުން އަހަރެމެން އެފަދަ ތަންތަނުން ގަންނަ ތަކެތީގައި ﷲ ބަރަކާތް ލައްވާނެއެވެ. އަދި ޝައިޠާނުންގެ ކިބައިން ޙިމާޔަތް ކުރައްވާނެއެވެ. 
لا إلهَ إلاّ اللّه وحدَهُ لا شريكَ لهُ، لهُ المُلْكُ ولهُ الحَمْد، يُحْيي وَيُميتُ  وَهُوَ حَيٌّ لا يَموت، بِيَدِهِ الْخَيْرُ وَهوَ على كلّ شيءٍ قدير. 
ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އެއިލާހީ އެއްކައުވަންތަ، އެއިލަހަށް ޝަރީކަކުނުވާ އިލާހެވެ. އެއިލާހަށް ވެރިކަން ލިބިވޮޑިގެންވެއެވެ. އަދި އެއިލާހަށް ރިވެތި ޘަނާއާއި ތާރީފް ލިބިވޮޑިގެންވެއެވެ. އެއީ ދިރުއްވަވައި މަރުގަންނަވާ އިލާހެވެ. އެއިލާހީ ދިރިދެމިވޮޑިގެންވާ އަވަހާރަވުމެއްނެތް އިލާހެވެ. ހުރިހާ ހެޔޮކަމެއް އޮތީ އެއިލާހުގެ ކުޅަދުންވަންތަ ކަމުގެ ދަށުގައެވެ. އެއިލާހީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ!"
 
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ