މި ރަމަޟާންމަހު ގޭބީސީތަކުގެ ފެން ބިލުން އެންމެ މަދުވެގެން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން މިއަދު ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވި ގޮތުގެ މަތިން، މި ރަމަޟާންމަހު ގޭބީސީތަކުގެ ފެން ބިލާއި ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެމްޑަބްލިއުއެސްސީން ބުނާ ގޮތުގައި، ރަމަޟާންމަހު ފެން ބިލުން އާންމު މަހުގެ މިންވަރަށްވުރެ އިތުރުވާ މިންވަރު ކަސްޓަމަރުންނަށް ޑިސްކައުންޓްގެ ގޮތުގައި ލިބޭނެއެވެ.
އެމްޑަބްލިއުއެސްސީން ހާމަކުރި ގޮތުގައި، އޭޕްރީލް މަހު ފޮނުވާ ބިލުން އުނިކޮށްދެވޭ މިންވަރަކީ 10 އިންސައްތައަށްވުރެ ކުޑަ މިންވަރެއްނަމަ، އެ މިންވަރު 10 އިންސައްތައާ ހަމައަށް މަތިކޮށްދެވޭނެއެވެ. އަދި އޭޕްރީލް 2025 ގައި ފޮނުވާ ބިލް އާންމު މަހުގެ ބިލަށްވުރެ ކުޑަނަމަ، ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން 10 އިންސައްތަ އުނިކޮށްދެވޭނެއެވެ.
އާންމު މަހެއްގެ ގޮތުގައި ބަލާނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ، މާރޗް އަދި އޭޕްރީލް ނުހިމަނައި، އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވްރެޖް މިންވަރަށްކަން އެމްޑަބްލިއުއެސްސީން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން، އޭޕްރީލް މަހުގައި އަލަށް ބިލްކުރެވޭ މީޓަރުތަކަށާއި، ކުރިން ރަޖިސްޓަރީ ކުރެވިފައިވީނަމަވެސް މިހާތަނަށް ބިލް ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ 2025 އޭޕްރީލް މަހު ފޮނުވާ ބިލްކަމުގައިވާނަމަ، އެފަދަ ފަރާތްތަކަށްވެސް ރަމަޟާންމަހުގެ ބިލުން 10 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެކަމަށް އެމްޑަބްލިއުއެސްސީން ވަނީ ކަށަވަރުކޮށްދީފައެވެ.
ރަމަޟާންމަހު ފެން ބިލުން އެންމެ މަދުވެގެން 10 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ