ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްތައް ގާއިމްކުރުމުގެ މަޝްރޫއުގެ ސަބަބުން ބޭންކިން ނިޒާމަށް ވަންނަ ފައިސާ އިތުރުވާން މަގު ފަހިވާނޭ ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝަރީފް ލިންކްޑްއިންގައި ޝާއިއުކުރެއްވި ލިޔުމެއްގައި ވިދާޅުވީ ރަށްރަށުގައި ގާއިމްކުރާ ސެލްފް ސާވިސް އޭޓީއެމްތަކުގެ ސަބަބުން ފިޒިކަލް ބްރާންޗްތަކަށް އާންމުން ބަރޯސާވާ މިންވަރު ކުޑަވާނެ ކަމަށެވެ. އެގޮތުން:
ގިނަ ރަށްރަށުގައި ފައިސާ ނެގުމަށްވުރެ ޖަމާކުރާ މިންވަރު އިތުރު؛ މިކަމުން ފައިސާ ބޭންކިން ނިޒާމަށް ވެއްދުމަށް މަގުފަހިވާނެ
މިކަމުގެ ސަބަބުން މެޝިންތަކަށް ފައިސާ އަޅަން ޖެހޭ މިންވަރު މަދުވެ، ހިންގުމުގެ ހަރުދަނާކަން އިތުރުވާނެ
"މި މެޝިންތަކަކީ ކޭޝް ރިސައިކްލަރުންގެ ގޮތުގައި މަސައްކަތްކުރާ މެޝިންތަކެއް،" ޝަރީފް ލިޔުއްވާފައިވެ އެވެ.
ތަފްސީލް - ރާއްޖޭގައި ވެސް ޑިޖިޓަލް މުއާމަލާތްތައް އިތުރުވަމުން ދިއުމާއެކު، އޭޓީއެމްތަކަށް ބަރޯސާވުން ކުޑަވަމުން އަންނަކަށް ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ރަށްރަށުގައި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރަށް ބަލާއިރު، ސެލްފް-ސަވިސް ބޭންކިން މޮޑެލް މުހިންމު ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އޭޓީއެމްތައް ގާއިމްކުރުމަކީ:
ނަގުދު ފައިސާ މަދު މުޖުތަމައަކަށް ބަދަލުވުމުގެ މަގުމަތީގައި އެޅޭ މުހިންމު ފިޔަވަޅެއް
ޑިޖިޓަލް ބޭންކިންއާ އެކު އޭޓީއެމްތައް ސްޓްރެޓެޖިކްކޮށް ގާއިމްކުރުމުން، މާލީ ޝާމިލްވުން އިތުރުވާނެ
"އޭޓީއެމްތައް ގާއިމްކުރުމަކީ ފުރިހަމަ ޑިޖިޓަލް ބޭންކިންއަކަށް މަގުފަހިކޮށްދޭ ކަމެއް،" ޝަރީފް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ސެލްފް-ސާވިސް ބޭންކިން އާއި ޑިޖިޓަލް އާ ގޮތްތައް ބޭނުންކުރުމުގައި ހަމަހަމަ ގޮތްތަކެއް ގެންގުޅެން ޖެހޭ ކަމަށެވެ. އަދި ވަކިވަކި ރަށްރަށުގައި މީހުން ދިރިއުޅޭ ޖަޒީރާ ގައުމަކަށްވުމުން ބޭންކިން ހިދުމަތް ފޯރުކޮށްދޭން ކުރިމަތިވާ ދަތިތަކަށް ސެލްފް ސާވިސް އޭޓީއެމް ބެހެއްޓުމުން ހައްލުތަކެއް ލިބޭ ކަމަށެވެ.
"ބަދަލުވަމުންދާ ބޭންކިންގެ ވެށީގައި އެއްވެސް ރަށެއް އިސްތިސްނާ ނުވާނެކަން ކަށަވަރުކުރުމަކީ ބީއެމްއެލްގެ އަމާޒެއް،" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލްގެ ޑިޖިޓަލް ހިދުމަތްތަކަށް އާންމުން ހޭލުންތެރިކުރުމަށް ވެސް މަސައްކަތްތަކެއް ފަށާފައިވާކަން ޝަރީފް ފާހަގަކުރެއްވި އެވެ. އެގޮތުން ބޭންކުގެ ޓީމްތައް ރަށްރަށަށް ގޮސް ބީއެމްއެލްގެ ޑިޖިޓަލް ހިދުމަތްތަކާއި ސެލްފް ސާވިސް އޭޓީއެމް ބޭނުންކުރާނޭ ގޮތްތައް އާންމުންނަށް ބުނެދޭން ފަށާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުން ބޭންކިން ނިޒާމަށް ވަންނަ ފައިސާ އިތުރުވާނެ: ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ