އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތަވާލުކޮށްފިއެވެ. މީގެ މަހަކަށް ވުރެ ގިނަ ދުވަސް ކުރިން އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އޭނާ ގާނުނުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ. މިގޮތުން، އެ މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް މެމްބަރުން ވެއްދި ކަމަށެވެ. އެ މައްސަލައިގައި ޖަވާބުދާރީވާން އިހުސާނަށް އެއް ގަޑިއިރު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފައެވެ. މާދަމާގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ ފުރަތަމަ ކަމެއްގެ ގޮތުގައެވެ. އިހުސާނާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން އިތުރު ކަންކަން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެމްޑީޕީން ވަނީ، އިހުސާން ފުލުހުންގެ މަސްއޫލުވެރި ވަޒީރުގެ ހައިސިއްޔަތުން އެ ޚިދުމަތުގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށާއި ސަރުކާރުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގު ކުރަން ހުރަސް އަޅާ ކަމަށް ތުހުމަތުކޮށްފައެވެ. ގާނުނުތަކުގައި ފުލުހުންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް މިނިސްޓަރު ހުރަސްއަޅާ ކަމަށް އެ މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ