ސަރުކާރުގެ ހައުސިން މަޝްރޫއުގެ ތެރެއިން ގެ އަޅަން ބޭނުން އެންމެންނަށް ފުރުސަތު ހުޅުވާލައިފި

ސަރުކާރުން ކުރިއަށް ގެންދާ ހައުސިން މަޝްރޫއުގެ ތެރެއިން، އަމިއްލަ ގޯތީގައި ގެ އެޅުމުގެ ފުރުސަތު، ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދަން އިއުލާން ކޮށްފައިވާ ހުރިހާ ރަށަކަށް ހުޅުވާލައިފި އެވެ. 
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ފުރުސަތު އެންމެ ފުރަތަަމަ އިއުލާން ކުރެއްވީ ކުޑަހުވަދޫގަ އެވެ. އެ ރަށުގައި މިހާރު އިއުލާން ކޮށްފައިވާ 500 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ ތެރެއިން، އަމިއްލަ ގޯތީގައި ގެ އެޅުމުގެ ފުރުސަތު ސަރުކާރުގެ އެހީގައި ފަހިކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ތަފްސީލު - މި ދަތުރުގައި މީދުއަށް ވަޑައިގެން، މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވެސް ރައީސް ވަނީ ހަމަ އެ ފުރުސަތު ހުރިހާ ރަށަކަށް ވެސް ތަނަވަސްކޮށްދެއްވާފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
ސަރުކާރުގެ ވައުދެއްގެ ގޮތުން ގިނަ ރަށްތަކެއްގައި ވަނީ ހައުސިން ޔުނިޓް އެޅުމަށް އިއުލާންކޮށްފައި
މީގެ ކުރިން އެ ރަށްތަކުގައި އަޅަން ނިންމީ ހަމައެކަނި، ވަކި ސަރަހައްދެއްގައި ފްލެޓްތަކެއް 
ނަމަވެސް މިހާރު ވަނީ އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވާ މީހަކު ހުރި ނަމަ، އެކަން ފަހިކޮށްދޭން ނިންމާފައި
ފްލެޓް އަޅާނީ، އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވާ މީހުން ކަނޑައެޅުމަށް ފަހު ބާކީވާ އަދަދަށް
ރައީސް ވަނީ، ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ރަށްރަށުގެ ކައުންސިލުން، އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވާ މީހުންގެ މައުލޫމާތު މި ރޯދަ މަސް ނިމުމުގެ ކުރިން މިނިސްޓްރީއަށް ފޮނުވުމަށް އެދިވަޑައިގެންފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެގޮތަށް އެދޭ ކޮންމެ މީހެއްގެ ވެސް ގޯތީގައި ތިން ކޮޓަރީގެ ގެއެއް އަޅައިދޭނެ އެވެ.
"ވަރަށް ގިނަ ރައްޔިތުން ބޭނުންވާނެ އަމިއްލަ ގޯތީގައި ގެ އަޅަން. އެއީ ވަރަށް ގިނަ މީހުންނަށް ދަތި ކަމަކަށްވޭ ބޭންކަށް ގޮސް ލޯނު ހޯދުން ވެސް،" ރައީސް ވިދާޅުވި އެވެ. 
އެގޮތް ބޭނުން ނުވާ ނަމަ، އިސްލާމިކް ފައިނޭންސް ސްކީމްގެ ދަށުން ދޫކުރާ ލޯނު ނަގައިގެން ގެ އެޅުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ