ނިލަންދެ އަތޮޅު ދެކުނު ބުރީގެ ރައްޔިތުންނަށް ދަތުރު ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި، ދ. އުއްދޫ ކަނޑައަޅުއްވައި، މިރެއިން ފެށިގެން އެ ރަށް އާންމުން ދަތުރު ދިއުމަށް ހުޅުވައިލެވިފައިވާކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ނިލަންދެ އަތޮޅު ދެކުނު ބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މީދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ދ. އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރީގެއުސޫލުން ބޭނުންކުރައްވައި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރަށް އަނބުރާ ލިބިފައިވާ ރަށެކެވެ. ދ. އުއްދޫ މިހާރު ހަވާލުކުރައްވާފައި ވަނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރަށް ބަލަހައްޓަވާނީ އެ ވުޒާރާއިން ކަމަށާއި، ދ. އުއްދޫއަށް ދަތުރުގޮސް އުޅުމުގެ ކަންކަންވެސް އެ ވުޒާރާގެ ތެރެއިން ފަހިވެގެން ދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މިކަމާ ގުޅުން ހުރި ތަފްސީލުތައް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން، ކުރިއަށް އޮތް ދުވަސްތަކުގައި އިޢުލާންކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް، ދ. މީދޫގެ ރައްޔިތުންނަށް އުންމީދު އައުކޮށްދެނިވި އެތައް ކަމެއްގެ ވާހަކަފުޅު، ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް، މި ދައުރުގެ ތެރޭގައި އެކަށީގެންވާ ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ނިޒާމުގެ ޚިދުމަތް، މި ހިނގާ 2025 ވަނަ އަހަރުގެ ނިޔަލަށް ލިބެން ފަށާނެ ކަމަށާ، ރަށަށް ދިމާވެފައި އޮތް ކުނި މެނޭޖުކުރުމުގެ މައްސަލައަށްވެސް ވެމްކޯ މެދުވެރިކުރައްވައި، ވަރަށް ފުރިހަމަ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދ. މީދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.
ދ. މީދޫގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުންތަކުގައިވެސް މިރޭގެ ރަސްމިއްޔާތުގައި ކަމާ ބެހޭ ފަރާތްތަކުން ވަނީ ސޮއިކުރައްވާފައެވެ. މީދޫގައި ވެމްކޯގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް ޠާރިޤު އިބްރާހީމް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޖުތަބާ ޖަލީލު ސޮއިކުރެއްވިއިރު، މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައިވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކުރައްވާފައެވެ. މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދު الله މުއްޠަލިބް އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓާޔަޑް) އަޙްމަދު ސަޢުދީއެވެ. އަދި މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައިވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުތައް ހަލުވި ދުވެލީގައި ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ކުޅިވަރުގެ ރޮނގުންވެސް ރަށަށް ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ. ހަމަ މިއާއެކު ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށްވެސް މި އަހަރާއި ކުރިއަށް އޮތް އަހަރު ތެރޭގައި ޙައްލު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 2025 ވަނަ އަހަރާއި 2026 ވަނަ އަހަރަކީ، ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ހުރިހާ ވަޢުދުތަކެއް ޢަމަލީ ގޮތުން ފުރިހަމަކޮށްދެއްވާ ނިންމަވައި ދެއްވުން، ރައްޔިތުން ތަޖުރިބާ ކުރައްވާނެ ދުވަސްތަކެއް ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
އާންމު ރައްޔިތުންނަށް ދަތުރު ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ، ދ. އުއްދޫ ހުޅުވައިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ