2023 ވަނަ އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި އެތައް ސަތޭކަ ޕްރޮޖެކްޓެއް 2023 ވަނަ އަހަރު ކުރީ ސަރުކާރުން ހިންގިއެވެ. އިންތިހާބަށްޓަކާ ރައީސް ސޯލިހު ސަރުކާރުން ގިނަކަންތައް ތަކެއް ދައުލަތުގެ ބަޖެޓުން ހިންގިކަމަށް އޭރު އިދިކޮޅުގައިއޮވެ މުއިއްޒުމެން ތުހުމަތުކުރިއެވެ. އެހުރިހާ ކަމެއް ކުރަން 2023 ވަނަ އަހަރަށް ފާސްކުރީ 42 މިލިޔަންގެ ބަޖެޓެކެވެ.
17 ނޮވެންބަރުގައި ފެށުނު މުއިއްޒު ވެރިކަން ފެށުމަށް ދޮޅުމަސް ދުވަހަށް މުއިއްޒަށް 6.5 ބިލިޔަނުގެ ސަޕްލިމެންޓްރީ ބަޖެޓެއް ލިބުނެވެ. މުއިއްޒުގެ ފުރަތަމަ އަހަރު މާލީ އަހަރަށް (2024) އަށް ލިބުނީ ރާއްޖޭގެ ތާރީހުގައި ސަރުކާރަކަށް ލިބުނު އެންމެ ބޮޑު ބަޖެޓެވެ. 49.3 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. ރިޔާސީ އިންތިހާބުގެ އަހަރަށްވުރެ އެތައް ގުނައެއް ބޮޑު ބަޖެޓެއް ލިބުމުންވެސް ރައްޔިތުންނަށް ކަމެއް ނުކޮށްދޭން ދެއްކި ބަހަނާއަކީ ފަށާފައިވާ ޕްރޮޖެކްޓައް ހިންގަން ބަޖެޓް ނެތް ވާހަކައެވެ.
ވެރިކަމުގައި ރަނގަޅު އެއް އަހަރުނުވަނީސް 6.5 ބިލިޔަނުގެ ސަޕްލިމެންޓްރީ ބަޖެޓަކާއި 49.3 ބިލިޔަނުގެ އަހަރީ ބަޖެޓް ގެ ގޮތުގައި މުއިއްޒަށް ލިބުނު 55.8 ބިލިޔަން ހުސްކޮށް 11 މަސްތެރޭގައި ތަޅާއަޅާ އަޅާލީ ރައްޔިތަކަށް ކޮށްދިން ކަމެއް ނެތިއެވެ. 31 ބިލިޔަން ހަދުކުރި ގޮތް އެގެންނެތް 49.3 ބިލިޔަނުގެ ބަޖެޓުން ނުފުދިގެން އިތުރު 5.1 ބިލިޔަންގެ ސަޕްލިމެންޓްރީ ބަޖެޓެއް މި އަހަރަށް ފާސްކޮށްގެން މުއިއްޒު ދައުލަތް ދަވާލާއިރު ރައްޔިތުން ތިބީ ވާގިނައްތާލާފައެވެ.
ކަރަންޓް ބިލް ކިތަންމެ ބޮޑަސް ފެންބިލު 3 ގުނަވިޔަސް ކުރާނެ ކަމެއްނެތް ކަހަލައެވެ. އާސަންދަ ނުލިބި ބޭސްފަރުވާ ނުކުރެވުނަސް ބާޒާރުގެ އަގުތައް ބޮޑުވެ އަނގަޔާ އަތާ ދިމާނުވިޔަސް ދެންކުރާނީ ކީއްހޭ ބުނެ ފުއްދާލުން ނޫން ގޮތެއް ނެތޭ ހީވެއެވެ. ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް ހުއްޓާލާ ވަޒީފާތަކުން އެތައް ސަތޭކަ މީހުން ކަނޑާ އުކާލިޔަސް ކުރެވޭނެ ކަމެއްނެތީއޭ ހީވާކަހަލައެވެ.
މާލެ ސަރަހައްދުން ދީފާ ގޯތިތައް އޮޅުވާލާ ގޯތިތައް ބަދަލުކޮށް ކުރީގެ ރަޖިސްޓްރީތަކުގެ ސައްހަކަން ގެއްލުވާލާ ގާނޫނީ ތާށިކަމެއްގެ ތެރެއަށް ގޯތިތައް ވައްޓާލައިފިއެވެ. ލޭންޑް ޔޫސް ޕްލޭނެއްގެ އަވާގައި ޖައްސައިގެން ގޯތިތައް އޮޅުވާލާ ގޯތި ލިބުނު މީހުން ތިބީ ވާވައްދާފައެވެ. ގެޒެޓްކޮށް ވަކިބަޔަކަށް ދޭން ސަރުކާރުން ނިންމާ އިއުލާންކޮށްފައިވާ ފްލެޓްތަކުގެ ހައްގުވެރިން ބަދަލުކޮށް ފްލެޓްތައް ދިނުންވެސް މައްސަލަ ގަޑެއްގެ ތެރެއަށް ވައްޓާލާ ވަގުތީ ލިސްޓެއް އިއުލާނުކޮށްގެން ދިގުދަންމާލާއިރުވެސް ބަލަހައްޓައިގެން ތިބީ ވާނުވާގައެވެ.
މަސްގަންނަ އަގު ކުޑަކޮށް މަސްވެރިކަމަކީ ލައިގެންކާން ކުރާ މަސައްކަތަކަށް ހަދާ މަސްވެރި އާއިލާތައް ބިކަކޮށްފިއެވެ. ކިރާމަހަށް އަގު ހޯދުމަކީ މުޒާހަރާކޮށްގެން ނޫނީ ނުދޭ އެއްޗަކަށް ހަދައިފިއެވެ. ޓޫރިޒަމްގެ ޓެކްސްތައް ބޮޑުކޮށް ބަޖެޓް ޓޫރިސްޓުންނަށް ނާދެވޭ ވަރަށް ޓެކްސްތައް ބޮޑުކޮށްފިއެވެ. ދަރަނިވެރިވެގެން ކޮށްފައިވާ ބޮޑެތި އިންވެސްޓްކަމުގައިވާ ގެސްޓް ހައުސްތަކުގައި ތަޅުއަޅުވަންޖެހި ލޯކަލް ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތައް އިނދަޖެހި ރަށްފުށުގެ ތަނަވަސްކަން ފޭރިގަންނައިރު ކައްކާ ހިޔާލީ ފޮލާގައި ރައްޔިތުން ކުޅުހިކިފައި ތިބެން އަދިވެސް ތިބެންވީހެއްޔެވެ.
ގިނަ ބަޔަކު ދެވި ހިފާފައިވާ ދުންފަތުގެ ބާވަތްތަކުގެ ޓެކްސް ބޮޑުކޮށްފިއެވެ. ސިނގިރެޓުން ޓެކްސް އިންތިހާއަށް ބޮޑުކުރީ ސިއްހަތުގެ ލޭބަލް ޖަހައިގެން ދައުލަތުން ދަވާލާނެ ފައިސާ އިތުރު ކުރުމަށެވެ. އަތްނުފޯރާ ވަރަށް ސިނގިރެޓްގެ އަގުބޮޑު ކުރުމުން ސަލާންޖެހުމާއި ފޭރުމާއި ވައްކަމާއި ސްމަގުލްކުރުން އިތުރުވެ ރައްޔިތުން ކެކިއަރައިގަންނަ ހިސާބަށް ކަންކަން ގޯސްވެއްޖެއެވެ.
ސަރުކާރުން ރާވާ ހީލަތްތެރި ތަރައްގީގެ ޕްލޭނަކުން ހުވަފެނީ އާބަންސެންޓަރަކުން ހައްލާލެވޭ ވަރަށްވުރެ ރައްޔިތުންގެ ހާލަތު ދަށްވެއްޖެއެވެ. އަނގަޔާ އަތާ ދިމާނުވެ ދަރާވިކި ކުލިނުދެއްކި ވަޒީފާނެތި، އޮތް ވަޒީފާއިން ލިބޭ މުސާރައިން ދެކޮޅު ނުޖެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޑިގެންދާއިރު ސިނގިރެޓް ފަދަ ދެއްވަކަށް ހުރަސް އެޅުމުން ދައްކާ ހުވަފެނަކުން މުއިއްޒުގެ ކަންތައް މާރީތިކޮށެއް ނުދާނެއެވެ.
މުއިއްޒުގެ ކަންތައް މާރީތިކޮށެއް ނުދާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ