އަވިން ކަރަންޓް އުފައްދާ ފްލޯޓިން އިންޖީނުގެއެއް ސްޓެލްކޯ އިން ގެންނަނީ

ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، އަވިން ކަރަންޓް އުފައްދާ ފްލޯޓިން އިންޖީނުގެއެއް ގަންނަން ވިސްނަމުން އަންނަކަން، ގައުމީ ކަރަންޓް ކުންފުނި ސްޓެލްކޯ އިން ހާމަކޮށްފި އެވެ.
މެދުއިރުމަތީގެ ނޫހެއް ކަމަށްވާ، ހަލީޖް ޓައިމްސްއަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަބްދު ޝުކޫރު ދެއްވި އިންޓަވިއެއްގައި ވިދާޅުވީ، އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ، އަވި ބޭނުންކޮށްގެން، 50 މެގަވޯޓްގެ ކަރަންޓް އުފެއްދޭނެ ފްލޯޓިން އިންޖީނުގެއެއް ޖޮއިންޓް ވެންޗާ އުސޫލުން، ރާއްޖެ ގެނެސް ހިންގުމަށް ކަމަށެވެ. ޝުކޫރު ވިދާޅުވީ އެ ޕްރޮޖެކްޓްގެ މަގުސަދަކީ ތެޔޮ ގަންނަން ކުރާ ހަރަދު ކުޑަކުރުމާއި ކަަރަންޓްގެ ހިދުމަތް މެދުނުކެނޑި ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމެވެ.
ލޯޑް ބޮޑުވެ އިތުރަށް ކަރަންޓް ނުދެވުމުގެ ސަބަބުން ސްޓެލްކޯއަށް ކަރަންޓް ހިދުމަތް ފޯރުކޮށްދެވޭ ކެޕޭސިޓީ ވަނީ، 61 މެގަވޯޓަށް ދާދިފަހުން ވެސް އިތުރުކޮށްފަ އެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން މާލެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މުޅި މާލެއަށް ކަރަންޓް ދިނުމަށް ބޭނުންވާ ވަރަށް ވުރެ މާ އިތުރަށް ކަރަންޓް އުފެއްދިދާނެ އެވެ. ރާއްޖެއަށް އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 2،784 ގަނޑިއިރު އަވިދެ އެވެ.
"އިއާދަ ކުރަނިވި ހަކަތައަށް އިންވެސްޓްކޮށް ތެލަށް ބަރޯސާވުން ކުޑަކުރުން މިއީ އަޅުގަނޑުމެންގެ އަމާޒެއް. މި ޕްރޮޖެކްޓްގެ މަގުސަދަކީ ވެސް އެއީ. މި ގޮތުގައި އަޅުގަނޑުމެން ކުރިއަށް ދާނަން،" ޝަކޫރު ވިދާޅުވި އެވެ.
މާލެ އަތޮޅު ގަސްފިނޮޅު ރިސޯޓުން މިސާލު ނަންގަވަމުން ޝަކޫރު ވިދާޅުވީ، މުޅި އެ ރިސޯޓަށް ބޭނުންވާ ކަރަންޓް އުފައްދަނީ، 6،000 ސްކޮޔާ މީޓަރުގެ ސޯލާ ޕެނަލް ބޭނުންކޮށްގެން ކަމަށާއި އެގޮތުން އެ ރިސޯޓަށް ދުވާލަކަށް ބޭނުންވާ 1.6 މެގަވޯޓްގެ ކަރަންޓް އުފެއްދޭ ކަމަށެވެ. އެ ޕްރޮޖެކްޓަށް ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރު ހަރަދުވިކަން ފާހަގަ ކުރައްވާ ޝަކޫރު ވިދާޅުވީ ރާއްޖޭގައި އަވިން ކަރަންޓް ނުއުފެއްދެންވީ ސަބަބެއް ނެތް ކަން އެ ޕްރޮޖެކްޓުން ވެސް ހާމަކޮށްދޭ ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް ރިސޯޓްތަކުގައި ކޮންމެވެސް ވަރަކަށް އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރި ނަމަވެސް، އަތޮޅު ތެރޭގެ ރަށްތަކުގައި އިއާދަކުރަނިވި ހަކަތަ އެހާ ބޮޑަށް ބޭނުން ނުކުރެވޭ ކަމަށެވެ. ޝަކޫރު އަދި ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އަތޮޅުތެރެއަށް އިއާދަކުރަނިވި ހަކަތަ ފުޅާކުރުން ކަމަށެވެ.
އެ ކުންފުނިން މިހާރު ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ޝަކޫރު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހި 2018 ގައި ނިމޭ އިރު، އެ ރަށުގައި 50 މެގަވޯޓްގެ ކަރަންޓް އުފެއްދޭ ވަރުގެ އިންޖީނުގެއެއް ހުންނާނެ ކަމަށެވެ. އަދި އެއާޕޯޓްގެ ކަރަންޓް ވިއުގަ އާއި އެ އިންޖީނުގެ ގުޅާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޕެސެންޖަރުންގެ ޓްރެފިކަށް ބަލާ އެ ކެޕޭސިޓީ އިތުރުކުރެވޭނެ ގޮތަކަށް ކަންކަން ރާވާނެ ކަމަށް ވެސް އޭނާ ވިދާޅުުވި އެވެ.
އެއް ޕަވަ ހައުސްއަކުން މުޅި ރާއްޖެއަށް ކަރަންޓް ދިނުމަށް އޮތް ހަމަ އެކަނި ގޮތަކީ ސަބްމެރިން ކޭބަލް ބޭނުންކޮށްގެން އެކަން ކުރުންކަން ފާހަގަ ކުރައްވައި، ޝަކޫރު ވިދާޅުވީ އެއީ ވަރަށް އަގު ބޮޑު މަޝްރޫއެއް ކަމަށާއި އެފަދަ މަޝްރޫއެއް ހިންގިއްޖެ ނަމަ، ކަރަންޓްގެ މައްސަލައަށް ވަރަށް ބޮޑަށް ލުއި ލިބޭނެކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ