މީގެ ކުރިން އާއްމުކޮށްފައި ނުވާ ޔޫއެފްއޯ ނުވަތަ ގޮތް ނޭނގޭ އުުދުހޭ ތަކެއްޗާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް އެެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓެގަންއިން އާއްމުކޮށްފިއެވެ.
މި ލިޔެކިޔުންތަކުގެ ތެރޭގައި ޖައްވީ އިދާރާ ނާސާއިން 1972 ވަނަ އަހަރު ކުރިއަށް ގެންދިޔަ އެޕޯލޯ 17 މިޝަންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ހިމެނެއެވެ. އެ ފޮޓޯއިން ފެންނަނީ އުޑުމަތިން ތިނެސްކަން ބައްޓަމަށް އެތުރިގެން އުދުހެމުންދާ ތިން ތިއްކެކެވެ.
ޕެންޓެގަނުން ހާމަކުރި ގޮތުގައި އެ ފޮޓޯއިން ފެންނަ ތިން ތިއްކާ ބެހޭ ގޮތުން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް، ފަހުގެ ހޯދުންތަކަށް ރިއާޔަތްކޮށް އެ ވުޒާރާއިން ބުނީ އެއީ ޖިސްމާނީ ސިފަތައް ލިބިގެންވާ ކޮންމެވެސް އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ. މި ލިޔުންތައް އާއްމުކޮށްފައި މިވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަދަ ލިޔުންތަކާ ގުޅޭގޮތުން އިޝާރާތްތަކެއް ކުރައްވަމުން ގެންދަވަނިކޮށެވެ.
ރައީސް ޓްރަމްޕް ވަނީ ޔޫއެފްއޯއާ ގުޅުންހުރި ޝައުޤުވެރި ލިޔުންތަކެއް ވަރަށް އަވަހަށް އާއްމުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޕެންޓެގަނުން ބުނީ ރައީސްގެ އަމާޒަކީ އާންމުންނަށް ވީހާވެސް ދެފުށް ފެންނަ ގޮތަށް މަޢުލޫމާތު ޙިއްޞާކުރުން ކަމަށާއި، އެ މަޢުލޫމާތުތަކާ މެދު ގޮތް ނިންމާނީ އާންމުން ކަމަށެވެ. "މި މަޢުލޫމާތުތަކާ ގުޅޭ ގޮތުން އެ މީހަކު ޤަބޫލުކުރާ ގޮތެެއް ނިންމާނީ އެ މީހެއް،" ޕެންޓެގަނުން ބުނެފައިވެއެވެ.
އަލަށް އާއްމުކުރި ޖުމްލަ 161 ފައިލްގެ ތެރޭގައި ނާސާގެ ފޮޓޯތަކުގެ އިތުރުން، އެމެރިކާގެ ޚާރިޖީ ވުޒާރާއާއި އެފްބީއައިގެ ރަސްމީ ލިޔެކިޔުންތަކާއި، ޖައްވީ އުޅަނދުތަކުގެ ޓްރާންސްކްރިޕްޓުތައް ހިމެނެއެވެ. މީގެ އިތުރުން، އުޑުމަތިން ފެނިފައިވާ ގޮތް ނޭނގޭ އެއްޗެހި ހިމެނޭ 20 އަށްވުރެ ގިނަ ވީޑިއޯ ފައިލް ވެސް ވަނީ އާއްމުކޮށްފައެވެ. މީގެ ތެރޭގައި ޖަޕާނާއި ސޫރިޔާ ފަދަ ޤައުމުތަކުގައި ހުރި އަސްކަރީ ސެންސަރުތަކަށް އަރާފައިވާ މަންޒަރުތައް ހިމެނޭކަން ފާހަގަކުރެވެއެވެ.
ޕެންޓެގަނުން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކި ފަހަރު މަތިން ބަހާލައިގެން މިފަދަ އިތުރު ލިޔުންތައް އާއްމު ކުރަމުންދާނެ ކަމަށެވެ. މިއީ ޔޫއެފްއޯއާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރުން ގެންގުޅޭ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ސިއްރުކޮށްފައި ހުރި ޔޫއެފްއޯއާ ގުޅޭ ފޮޓޯއާއި ވީޑިއޯ އެމެރިކާއިން އާއްމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ