ރާއްޖެ އެތެރެކުރާ މުދަލުން ނަގާ ޑިއުޓީތައް ކުޑަކޮށް، ކަރަންޓުގެ އަގު ހެޔޮކުރުމަށް އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރުން މިއަދު މަސައްކަތް ކުރަމުންދަނީ ތަކެތީގެ އަގު ބޮޑުކޮށްގެން ރައްޔިތުން ބިކަ ހާލުގައި ޖައްސަން ކަމަށެވެ. ނަމަވެސް އެ ވިސްނުން ދޫކޮށްލައި ޑިއުޓީގެ އަގު ކުޑަކޮށް، ޚިދުމަތްތަކުގެ އަގު ކުޑަކުރަން ގޮވާލާ ކަމަށް އިމްރާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރަށް ގޮވާލަނީ ނަންގަވަމުން ގެންދަވާ ޑިއުޓީތަކާއި ޓެކްސްތައް ކަނޑުއްވާލައްވާށޭ. ރައްޔިތުންނަށް ހެޔޮ އަގުގައި ޚިދުމަތް ފޯރުކޮށް ދިނުމުގެ ވިސްނުން ގެންގުޅުއްވާށޭ. ރައްޔިތުންނާ މެދު ހެޔޮ ގޮތުގައި ކަންކަން ކުރުމުގެ ވިސްނުން ގެންގުޅުއްވާށޭ،" އިމްރާން ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ތަކެއްޗާއި ޚިދުމަތްތަކުގެ އަގު ހެޔޮކުރަން ވައުދުވެގެން އައި މި ސަރުކާރުން މިހާރު ކަންކަން ކުރަމުންދާ ގޮތުން ސަރުކާރާ މެދު ރައްޔިތުންނަށް އޮތް އިތުބާރު މުޅިން ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އެފަދަ ކަންކަމުގެ ސަބަބުން އެއްވެސް ބަޔަކަށް ފައިދާ ނުވާނެ ކަމަށާއި ނަމަވެސް ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން ހަނާ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު އައްޑޫ އާއި ކުޅުދުއްފުށީގައި ތިބި ރައްޔިތުން އެ މީހުންނަށް އާމްދަނީ އިތުރުވާނެ އެއްވެސް ގޮތެއް ނެތިފައި ތިއްބާ ކުއްލިއަކަށް ބިލްތައް ތިން ގުނަ ނުވަތަ ހަތަރު ގުނައަށް އަރާފައި އަނެއް ރަށުގައި ހަވާ އެރުވީމަ މިއީ ދެކޮޅު ނުޖެހޭ ސިޔާސަތުގެ ސަރުކާރު." އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތެޔޮ ހޯދާނެ ކަމަށް ވައުދުވަމުން ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ފެންނަނީ މުޅިން ސިޔާސީ ވާދަވެރިންނަށާއި ރައްޔިތުންނަށް ޖެއްސުން ކުރަމުންދާތަން ކަމަށެވެ. އެކަންކަމާ ދެކޮޅަށް އަޑު އުފުލަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑިއުޓީތައް ކުޑަކޮށް، ކަރަންޓުގެ އަގު ހެޔޮކުރަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ