ޢަލީ އިޙްޞާން ފިރާޤް
އާންމު ދިރިއުޅުގައި މީހާގެ މޫޑު ހުންނަނީ އުފަލާއި (Happy) ހިތާމަ (Sad) ނުވަތަ އެދެމެދުގައިވާ ނޯމަލް މޫޑް (Euthymia) ގައެވެ.
މީހާގެ މޫޑު މަށްޗަށް ގޮސް ދިޔުން ނުވަތަ އުފާވުންވެސް ތިން ބަޔަކަށް ބަހާލެވިފައިވެއެވެ. އެގޮތުން އާދައިގެ ވަރަށްވުރެ ބޮޑަށް އުފާވުމަށް ހައިޕޯމޭނިއާ (hypomania) އޭކިޔައެވެ. އިންތިހާއަށް އުފާވުމަށް މޭނިއާ (mania) އޭކިޔައެވެ. ދެން އެއާޖެހިގެން އޮންނަ ހާލަތަކީ އިންތިހާއަށް އުފާވުމާއެކު ސައިކޯސިސް (Manic psychosis) ގެ އަލާމާތްތައް ފެންނަ ހާލަތެވެ.
ހިތާމަ ކުރުމާއި ދެރަވުމަކީ އާދައިގެ ކަމެކެވެ. އެއީ ނަފްސާނީ މައްސަލައެއް ނޫނެވެ. އެކަންތައް ނަފްސާނީ މައްސަލައަކަށްވަނީ އެތައް ދުވަހެއް ވާއިރުވެސް އެހާލަތުން އަރައިނުގަނެވޭތީއެވެ. އެކަންތައްތަކުގެ ސަބަބުން ތިމާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭތީއެވެ. އާދައިގެ މީހެއް ދިރިއުޅޭ ގޮތަށް އުޅެން އުނދަގޫވާތީއެވެ.
ކުރިން ދެންނެވި ފަދައިން މީހާގެ މޫޑު މަށްޗަށް ދިޔުން ބައިތަކަކަށް ބަހާލެވިފައިވާ ފަދައިން މީހާގެ މޫޑު ދަށަށް ދިޔުމުގެ ހާލަތުވެސް ބައިތަކަކަށް ވަނީ ބެހެވިފައެވެ. އެގޮތުން އާދައިގެ ވަރަށްވުރެ ބޮޑަށް ދެރަވުން ނުވަތަ ހިތާމަ ކުރުމަށް މައިލްޑް ޑިޕްރެޝަން (Mild depression) އޭ ކިޔައެވެ. އެއަށްވުރެ ބޮޑުވަރު ވުމުން މޮޑްރޭޓް ޑިޕްރެޝަން (Moderate depression) އޭ ކިޔައެވެ. އިންތިހާއަށް ދެރަވުމުން ނުވަތަ ހިތާމަ ކުރުމުގެ ހާލަތަށް ސިވިޔާ ޑިޕްރެޝަން (Severe depression) އޭ ކިޔައެވެ. ދެން އޮންނަ ހާލަތަކީ އިންތިހާއަށް ދެރަވުމާއެކު ސައިކޯސިސްގެ އަލާމާތްތައް ފެންނަ ހާލަތެވެ.
ބައިޕޯލާ ޑިސްއޯޑާ އަކީ ނަފްސާނީ ބަލިތަކުގެ ތެރެއިން މޫޑާ ގުޅުން ހުރި ބައްޔެކެވެ. ނުވަތަ މޫޑް ޑިސްއޯޑާއެެކެވެ. ބައިޕޯލާ ޑިސްއޯޑާ އަކީ އުފާވުމުގައިވެސް އަދި ހިތާމަކުރުމުގައިވެސް އޭގެ އިންތިހާއަށް ދިޔުމެވެ. މި ބަލީގައި މީހާގެ މޫޑު ހުންނާނީ މިދެމެދުގައި ބަދަލުވެ ބަދަލުވެއެވެ. މިސާލަކަށް ދުވަސްކޮޅަކު ވަރަށް އުފަލުގައި ފެނިފައި އޭގެ ދުވަސްކޮޅެއްފަހުން އޭގެ ދިމާ އިދިކޮޅަށް ޑިޕްރެޝަން އަށް ދާތަން ފެންނާނެއެވެ. ބައިޕޯލާ ޑިސްއޯޑާ ގެ ދެވައްތަރެއް ހުރެއެވެ. އެއީ ބައިޕޯލަރ ޑިސްއޯޑާ I އަދި ބައިޕޯލަރ ޑިސްއޯޑާ II އެކެވެ.
ބައިޕޯލަރ ޑިސްއޯޑާ I ގައި މީހާގެ މޫޑު އިންތިހާއަށް މައްޗަށް ނުވަތަ އުފާވެ (mania) އޭގެ ސަބަބުން ސައިކޯސިސް ކުރިމަތިވާ ހާލަތަށް ދެއެވެ. މި މޭނިކް އެޕިސޯޑް ގެ ކުރިން ނުވަތަ ފަހުން, އާދައިގެ ވަރަށްވުރެ ބޮޑަށް އުފާވުން ނުވަތަ ސިވިޔާ ޑިޕްރެޝަން އާ ކުރިމަތިލާން ޖެހިދާނެއެވެ.
ބައިޕޯލަރ ޑިސްއޯޑާ II ގައި މީހާގެ މޫޑު ބަދަލުވަމުން ދާނީ ހައިޕޯމޭނިއާއި މޭޖާ ޑިޕްރެޝަން އާ ދެމެދުގައެވެ. މިބައިގައި މޭނިއާ ނުވަތަ އިންތިހާ ދަރަޖައަށް އުފާވުމެއް ކުރިމައްޗެއް ނުވާނެއެވެ. އަދި ސައިކޯސިސްގެ އެއްވެސް އަލާމާތެއްވެސް ކުރި މައްޗެއް ނުވާނެއެވެ.
މޭނިއާ އަދި ހައިޕޯމޭނިއާގައި ފެންނާނެ އަލާމަތްތައް:
ކުރިންވެސް ދެންނެވިފައިވާނެ ފަދައިން މި ހާލަތަކީ އުފާވެރިކަން އާދައިގެ ވަރަށްވުރެ ބޮޑުވުމެވެ. ބައެއް ފަހަރު އޭގެ ސަބަބުން ސައިކޯސިސްގެ އަލާމާތަތައްވެސް ފެންނާނެއެވެ. މިފަދަ ހާލަތުގައި މީހާ މާބޮޑަށް ހަރަކާތްތެރިކޮށް އުޅުމާއި, ރޭގަނޑު ނިދިނައުމާއި, ކުޑަވަގުތުކޮޅަކު ނިދައިގެންވެސް ވަރަށް ހަރަކާތެރިކޮށް އުޅުމާއި, ގިނައިން ވާހަކަ ދެއްކުމާއި, އަވަސް އަވަހަށް ވާހަކަ ދެއްކުމާއި, ވަކިކަމަކަށް ވިސްނުން ހުއްޓާލައިގެން ހުންނަން އުނދަގޫވުމާއި, ވަކި ތަރުތީބަކުން ކަންތައްތައް ކުރަން އުނދަގޫވުމާއި, އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ބޮޑުވުން ހިމެނެއެވެ. މިހާލަތުގައި ވަރަށް ގިނަފަހަރު ވިސްނާލުމެއްނެތި ކަންތައްތައް ކުރާނެއެވެ. މިސާލަކަށް މީހާގެ މާލީ ހާލަށް ވިސްނާލުމެއްނެތި ފިހާރައަކަށް ގޮސް ގިނަ އެއްޗެހިތަކެއް ގަތުން ފަދަ ކަންތައްތައް ހިމެނެއެވެ.
ކުރިންވެސް ދެންނެވި ފައިވާނެ ފަދައިން ބައިޕޯލާ ޑިސްއޯޑާގައި ދުވަސްކޮޅަކު މީހާގެ މޫޑު ވަރަށް މަތިކޮށް ހުރެދާނެއެވެ. އެފަދަ ދުވަސްކޮޅަކު މީހާގެ އުޅުމާއި މިޒާޖަށް އަންނާނެ ބަދަލުތައް މަތީގައި އެވަނީއެވެ. ދެން މި ބަލައިލަނީ މީހާގެ މޫޑު ދަށަށް ދާ ދުވަސްކޮޅު ފެނިގެންދާނެ އަލާމާތްތަކަށެވެ.
މޫޑުދަށްގޮސް ޑިޕްރެޝަންއަށް ދިޔުމުން ފެންނާނެ އަލާމާތްތައް:
މިހާލަތުގައި ފެންނާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ކަންކަމާ ދެރަވެ ނާއުއްމީދުވެ ގޮތްހުސްވުމާއި, ވަރުބަލިވެ ކަމެއް ކުރާނެ ހިތްވަރެއް ނެތުމާއި, ތިމާއަކީ އެއްވެސް މީހެއް ނޫނޭ ހިތަށް އެރުން ނުވަތަ ތިމާއަކީ ބޭކާރު މީހެއްކަން ހިތަށް އެރުމާއި, ކަންކަމާ ވިސްނާ ފިކުރުކުރަން އުނދަގޫވުމާއި, ސަމާލުކަން ދިނުމަށް އުނދަގޫވުން ހިމެނެއެވެ. ކާހިތްނުވުމާއި އޭގެ ސަބަބުން މީހާގެ ބަރުދަން ލުއިވުމަކީ މީގެ އަލާމާތެކެވެ. އަދި ބައެއް މީހުންނަށް މިހާލަތުގައި ނިދަން އުނދަގޫވާއިރު އަނެއްބައި މީހުންނަށް މާގިނައިން ނިދޭ ގޮތް މެދުވެރިވެއެވެ. ބައެއް ފަހަރު އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވުމުގެ ހިޔާލުތައްވެސް މިހާލަތުގައި އާދެއެވެ.
މިދެންނެވި ފަދަ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަކާ މަޝްވަރާކޮށްގެން ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެކެވެ. އާއިލާގެ ތެރޭގައި އެފަދަ ބަލިމީހަކު ހުރިނަމަ އެމީހަކަށް ފަރުވާގެ ކަންތައްތައް ފަހިކޮށް ދިނުމާއި އެހީތެރިވުމަކީ މުހިންމުކަމެކެވެ.
މޫޑާ އުފާވެރިކަމާ މުހިންމު ބައެއް ކަންކަން: ބައިޕޯލާ ޑިސްއޯޑާއަކީ ކޮބާ؟ މި ބަލީގައި ފެންނާނެ އަލާމާތްތަކަކީ ކޮބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ