އޭޑީކޭއިން ފުރަތަމަ ފަހަރަށް މެޑިކަލް އިންޓާނުންގެ ތަމްރީނުތައް ފަށައިފި

އޭޑީކޭ ހޮސްޕިޓަލުން 20 ޑޮކްޓަރުންނާއެކު އެ ހޮސްޕިޓަލުގެ އެންމެ ފުރަތަމަ މެޑިކަލް އިންޓާނުންގެ ބެޗާއެކު ތަމްރީނުތައް މިއަދު ފަށައިފިއެވެ. އެ ހޮސްޕިޓަލުން ބުނީ ވަނީ ހޮސްޕިޓަލުގެ ފުރަތަމަ މެޑިކަލް އިންޓާނުންގެ ބެޗާއެކު އެއް އަހަރު ދުވަހުގެ ތަމްރީނުތައް ފަށައިފައިވާކަމަށެވެ. އެ ހޮސްޕިޓަލުން ބުނީ އެމްއެމްޑީސީއިން ފާސްކޮށްފައިވާ 12 މަސް ދުވަހުގެ އެ ޕްރޮގްރާމުގައި އެކަޑަމިކް ލެކްޗާތަކާއި ވޯކްޝޮޕްތައް އޮންނާނެ ކަމަށެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ތެރޭގައާއި، ޕްރީ ހޮސްޕިޓަލް އަދި އެކި ސަރަޙައްދުތަކުގެ ހުރިހާ ކްލިނިކަލް މާޙައުލެއްގައި ސުޕަވައިޒްކުރެވޭ ކޭސްތަކަށް ބިނާކޮށް އަމަލީގޮތުން ބައިވެރިވެ ކުރިއަށްދާނެ ގޮތް ދަސްކޮށްދޭނެ ކަމަށް ބުންޏެވެ. އޭޑީކޭއިން ބުނީ އަމާޒަކީ އެ 20 ޑޮކްޓަރުންނަކީ ހުނަރުވެރި ކުޅަދާނަ އަދި އޯގާތެރި، ލައިސަންސް ލިބިފައިވާ ކްލިނިކަލް ޕްރެކްޓިޝަނަރުންނަށް ހެދުން ކަމަށެވެ. މަހަކު 14،500 ރުފިޔާ ދައްކަންޖެހޭ ގޮތަށް އޭޑީކޭއިން އިންޓާންޝިޕް ޕްރޮގްރާމަށް ހުޅުވާލީ ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. އޭޑީކޭއިން އިންޓާންޝިޕް ޕްރޮގްރާމް ފަށާފައި ވަނީ އައިޖީއެމްއެޗްގައި އިންޓާންޝިޕަށް ޑިމާންޑު ބޮޑުވެފައި ވަނިކޮށެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި އިންޓާންޝިޕް ޕްރޮގްރާމް ފަށާފައި ވަނީ 2018ވަނަ އަހަރެވެ. އޭގެ ފަހުން 2019ގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ސްކޫލް އޮފް މެޑިސިން ރާއްޖޭގައި ގާއިމްކޮށް ވަނީ ކިޔަވައިދޭން ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ