ދަރިވަރުންގެ ފައިސާ ދިނުމުގައި އިހުމާލުވި ކަމަށް ބުނެ މެންބަރު މުހައްމަދު އިބްރާހީމް ރިޕޯޓެއް ހުށަހަޅުއްވައިފި

ސަރުކާރުގެ ލޯނު ނުވަތަ ސްކޮލާޝިޕްގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ދޫކުރަން ޖެހޭ ފައިސާ ފޮނުވުން ލަސްވާ މައްސަލާގައި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިހުމާލުވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅުއްވައިފި އެވެ.
ވީކިހިނެއް؟ - މަޖިލިސް މެންބަރުންގެ ލެޓާހެޑްގައި، މެންބަރު މުހައްމަދު އިބްރާހީމް މި ރިޕޯޓް ފޮނުއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއަކާ އެކީގަ އެވެ.
މެންބަރު ފޮނުއްވީ ޖުމުލަ 19 ސަފްހާ ހިމެނޭ ދެ ލިޔުމެކެވެ.
ތަފްސީލް - ފުރަތަމަ ލިޔުމަކީ މިނިސްޓްރީއަށް ހުށަހަޅާފައިވާ
ފައިސާގެ އެކި މުއާމަލާތްތައް ލަސްވަމުންދާ ގޮތް ތަފްސީލުކޮށްދޭ ރެކޯޑްތަކެކެވެ.
އޭގައިވާ ގޮތުން:
ގިނަ އަދަދެއްގެ ދަރިވަރުންނަށް ދޭންޖެހޭ ސްޓައިޕެންޑް ނުލިބި ދެ މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތެއް ވެފައިވޭ
ޓިކެޓް ފައިސާ އާއި އެހެނިހެން ހަރަދުތަކުގެ ބަދަލު ހޯދަން ހުށަހެޅިތާ އެތައް މަހެއް ވީއިރުވެސް ފައިސާ ޖަމާވެފައެއް ނުވޭ
މިނިސްޓްރީން އީމެއިލްތަކަށް ޖަވާބު ނުދޭކަމާއި، ވަޓްސްއަޕް މެދުވެރިކޮށް ދެނީ ވަރަށް ނުސާފު ޖަވާބުތަކެއްކަން ދަރިވަރުން ފާހަގަކޮށްފައިވުން
ފައިސާ ލަސްވުމުގެ ސަބަބުން ކުލި ދެއްކުމަށާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ފައިސާ ނެތި ދަރިވަރުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާކަން
ދެވަނަ ލިޔުމަކީ އެކި ގައުމުތަކުގައި ކިޔަވަމުންދާ
ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް އެކުލެވޭ ތަފްސީލީ ލިޔުމެކެވެ.
އޭގައިވާ ގޮތުން:
 މިހާރު ދެވޭ ސްޓައިޕެންޑަކީ މީގެ ގިނަ އަހަރުތަކެއް ކުރީގެ ރޭޓްތަކަކަށްވުމުން، މިހާރުގެ އިންފްލޭޝަންއާ ގުޅިގެން އެ ފައިސާއިން ހަރަދުތައް ހަމައެއް ނުޖެއްސޭ
މިނިސްޓްރީއިން ކޯސް ފީ ނުދެއްކުމުގެ ސަބަބުން އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ކިޔަވާ ދަރިވަރުންގެ އެކައުންޓްތައް ސަސްޕެންޑްކޮށް، ނަތީޖާ ނުފެނުމާއި ކްލާސްތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވޭ؛ ބައެއް ދަރިވަރުންގެ ސްކޮލާޝިޕް ކެންސަލްވާ ހިސާބަށް ކަންކަން ގޮސްފައިވުން
ދަރިވަރުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ގެއްލުމާއި އެއް ލިޔުމެއް ތަކުރާރުކޮށް ހުށަހަޅަން އެންގުމާއި، އަދި ކަމާބެހޭ މުވައްޒަފުންނާއި ބައްދަލުނުވުން ފަދަ މައްސަލަތައް ހިމެނޭ
މިނިސްޓްރީގެ މަސައްކަތްތައް ހުރި ގޮތުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް، ސަރުކާރުގެ ނިޒާމަށް އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައި
ފޯނު ނުނެގުމާއި ދަރިވަރުން "ސީން" ކުރުމަށް ފަހު ޖަވާބު ނުދިނުމަކީ އާންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވުން
"މި ރިޕޯޓުގައި ބަޔާންކޮށްފައިވާ
ކަންކަމަކީ ތިޔަ މިނިސްޓްރީގެ ފަރާތުން ވަގުތުން ވަގުތަށް އިސްލާހުކޮށް، ދަރިވަރުންނަށް
ލިބެމުންދާ ގެއްލުންތަކަށް ހައްލު ހޯދައިދޭންޖެހޭ ކަންކަމެވެ. ވީމާ މިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވައި، މިސިޓީގައި
ބަޔާންކުރެވިފައިވާ ކަންކަމަށް ޖަވާބެއް ދެއްވުން އެދި ދެންނެވީމެވެ،" މެންބަރުގެ ސިޓީގައިވެ އެވެ.
އެނގުން މުހިންމު - މި ކަންބޮޑުވުންތައް ކޮންމެވެސް ވަރަކަށް ސޯޝަލް މީޑިއާގައި ތިލަވާން ފެށުމުން މިނިސްޓްރީން 'މިހާރު' ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރަސްމީކޮށް އެއްވެސް ދަރިވަރެއްގެ ފަރާތުން ޝަކުވާ ލިބިފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ