25 އަހަރުގެ ތަޖުރިބާއިން މާޖިދު ހެދި ސީޕްލޭނުން އެންމެން އާ ޝޯހުކޮށްލައިފި
މިއަދު ގިނަ ބަޔަކު ހައިރާން ކުރުވީ، ދިވެއްސަކު ތައްޔާރުކުރި ސީޕްލޭނަކުންނެވެ. އެ ސީޕްލޭންގެ ފޮޓޯތައް ފެނި، "އަނގަ ނުހުޅެވޭ" މީހަކު ނެތެވެ. މިހާރު ވެސް 200އަށް ވުރެ ގިނަ މީހުން ލައިކު ދީފައިވާއިރު، ސަތޭކައަށްވުރެ ގިނަ މީހުން ވަނީ އެ ފޮޓޯތައް އެހެން މީހުންނާ ޝެއާކޮށްފައެވެ. ރާއްޖޭގައި މި ސީޕްލޭން ތައްޔާރުކުރުމުގެ މާހިރަކީ މިހާރު އުމުރުން 43 އަހަރުގެ މުހައްމަދު މާޖިދެވެ. ސެވަ ބްލޭންކު ރަން ދެލި ރިސޯޓުގައި ވަޒީފާ އަދާކުރަމުން އަންނަ މާޖިދަކީ، މާވަޑި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ނ. ޅޮހިއަށް ނިސްބަތްވާ މާޖިދުގެ ބައްޕައާއި މުނި ކާފައަކީ ވެސް މާވަޑިއެކެވެ. މުޅި އާއިލާއަކީ ވެސް ވަރަށް ފަންނީ މަސައްކަތް ކުރާ މެންބަރުންތަކެއް ހިމެނޭ އާއިލާއެކެވެ. މާޖިދު ހެދި ސީޕް ޕްލޭން ----- އެހެންވެ، ފަންނީ އެކި ކަހަލަ އެއްޗެހި ހެދުމުގެ ޝައުގު މާޖިދަށް ވެސް ހުރީ ވާރުތަވެފައެވެ. އެ ޝައުގު ހުރި މިންވަރު އޭނާގެ ވާހަކަތަކުން ވެސް ވަޒަންކޮށްލެވުނެވެ. މާޖިދު ކިޔައިދިން ގޮތުގައި، މިހާރު ވެސް އޭނާ ރިސޯޓަށް އަންނަ ގެސްޓުންނަށް އެކި ކަހަލަ އެއްޗެހި ވިއްކައެވެ. އެ ރިސޯޓުގެ ޕްލޭން އަސްލަކަށް ބަލައިގެން ފަރުމާކުރުމަކީ، މާޖިދު ކުރިން ވެސް ކުރަމުން އައި ޚިޔާލެކެވެ. އެ ރިސޯޓުގައި މަސައްކަތް ކުރާތާ 11 އަހަރުވީއިރު، އެ ޚިޔާލު ހަގީގަތަކަށް ހަދަން ލިބުނީ، ރިސޯޓުގައި އޮތް ހަރަކާތަކަށެވެ. މާޖިދެކޭ އެއްގޮތަށް އެ ރިސޯޓުގެ އެހެން މީހުން ވެސް ސީޕްލޭން ދެކެނީ ވަރަށް ޚާއްސަ އެއްޗެއް ގޮތަށެވެ. އަބަދުވެސް ހަމަ އެ ގޮތަށް ސީޕްލޭން ހެދުމުގެ ވާހަކަ ވެރިންގެ މެދުގައި ދެކެވެއެވެ. އެކަމަކު، މިހާތަނަށް އެކަން އޮތީ ނުވެއެވެ. އެ ކަން ހަގީގަތަކަށް ހަދައިދިނުމުގެ ފުރުސަތު އިއްތިފާގުން ލިބުނީ މާޖިދަށެވެ. މެނޭޖުމަންޓުން އެ ޚިޔާލު ހުށަހެޅުމުން ވަރަށް ޔަގީންކަމާ އެކީ، އެ ކަން ވާނެ ކަމަށް މާޖިދު ބުންޏެވެ. "އެ މީހުންނަށް ވެސް އަޅުގަނޑުގެ ކެޕޭސިޓީ އިނގޭތީވެ، ޔެސް ޖެހީމަ އެ މީހުން މާ ބޮޑަކަށް އޭގެ ސުވާލުތަކެއް ނާންނާނެ. މެޓީރިއަލްސްއާ ހުރިހާ ކަމެއް ކުރުމުގެ ބާރު ލިބުނު އަޅުގަނޑަށް،" މާޖިދު ކިޔައިދިނެވެ. ސީޕްލޭން ހަދަމުން ދިޔަ ދުވަސްވަރު އިން ގޮތް ---- ސީޕްލޭން ހެދީ ކިހިނެތް؟ ޚިޔާލީ ދުނިޔެއިން ސީޕްލޭންގެ އަސްލަކަށް ގެނައުމަށް އެންމެ ފުރަތަމަ މާޖިދު ތައްޔާރުކުރީ އޭގެ ކުރެހުމެކެވެ. އޭނާ ބުނި ގޮތުގައި، ވަޑާމުގެ މަސައްކަތް ކުރާ މީހުންނަށް ކުރެހުމުގެ ހުނަރާއި ތައުލީމު ނެތްނަމަ، ޒަމާނީކޮށް އެ ކަމެއް ނުކުރެވޭނެއެވެ. މިގޮތުން، ކުރެހުމުގެ ހުނަރު ވެސް ހުރި މާޖިދަށް އެހެންވެ، ސީޕްލޭން ފަރުމާ ކުރަން ވަރަށް ފަސޭހަވިއެވެ. އެއަށް ފަހުގައި، އޭނާ ވިސްނީ، ކަނޑުގައި ބެލެންސް ކުރެވޭނެ ކަހަލަ އެއްޗަކުން ސީޕްލޭން ހަދާށެވެ. އެ ކަމަށް ވިސްނައި، އޭނާ ޚިޔާރު ކުރީ، ފައިބާ ގުލާހުން އެކަން ކުރާށެވެ. އެ ގޮތަށް ނިންމުމުގައި ވެސް އޭނާ އެހެން މީހެއްގެ ލަފައެއް ނުހޯދައެވެ. އެއީ، އޭނާއަކީ، ލޯންޗާއި ދޯނިތައް ޑިޒައިންކުރާ މީހެއްކަމުން އެއްޗެހީގެ ބަރުމިން ވަރަށް ރަނގަޅަށް އެނގޭތީއެވެ. ފައިބާ ގްލާސް ޚިޔާރުކުރީ، އެ ތަޖުރިބާގެ އަލީގައި ކަމަށް މާޖިދު ކިޔައިދިނެވެ. ކުރެހުން ނިންމުމަށް ފަހުގައި، އިތުރަށް ފުރިހަމަ ކުރަން އޭނާ ވިސްނީއެވެ. އެ ގޮތަށް ވިސްނަނީ، ސީޕްލޭން ހަދާ އަސްލުގެ ފޮޓޯއެއް ކައިރީގައި ބައިދައިގެނެވެ. މާޖިދަކީ، އަބަދުވެސް އޭނާ ކުރާ ކަމެއް ވަރަށް ފުރިހަމައަށް ކުރަން ބޭނުންވާ މީހެކެވެ. އެ އަޒުމުގައި އޭނާ ފެށި، މި މަސައްކަތް ވައިރަލްވެ، ގިނަ ބަޔަކަށް ކަމުދާނެ ކަން މަސައްކަތް ފެށިއިރު ވެސް އޭނާ އުންމީދުކުރިއެވެ. މާޖިދު ކިޔައިދިން ގޮތުގައި، ކުރެހުމަށް ފަހުގައި ހެދީ މޯލްޑެވެ. އެއަށް ފަހުގައި، ފައިބާ ސީޓު އަޅައި، ވަށައިގެން ބެންޑުކުރިއެވެ. އޭގެ ބޭރުން މުޅިން މެޓު ކޮށްފައި، އެތެރެ އެއްކޮށް ހޮލޯ ކުރަން ކަފައެވެ. "އެތެރެ ހަމަ ހުސްކޮށް އޮންނަން ޖެހޭނީ. ސަބަބަކީ. މީގަ ހުންނަ ބަރުމިނާއި ކަނޑުގެ މި އުޅަނދުގެ މޫވްމަންޓާ އެއްޗެހި އެކިއުރޭޓެއް ނުވާނެ. ތުނި އެއްޗެއް [މި ބޭނުންކުރަނީ]. އެކަމަކު، ވަރުގަދަކޮށް ހުންނަން ޖެހޭނީ" މާޖިދު އިތުރަށް ތަފްސީލުކޮށްދިނެވެ. އެ ހުރިހާ ކަމެއް ކުރުމަށް ފަހުގައި، އެތެރޭގައި އިންނަ ޓިމްބާ މޯލްޑު ނަގަނީއެވެ. އެއީ ނެތް އެއްޗެއް ކަމަށް މާޖިދު ބުންޏެވެ. އެއަށް ފަހުގައި ސީޕްލޭންގެ ބާކީ ހުރި އެހެން ބައިތައް ވެސް ހަދާފައި ހުރީ ވަކި ވަކިންނެވެ. އެ ބައިތައް ރިސޯޓުގައި ހެދުމަށް ފަހުގައި، އެހެން ރަށަކަށް ގެންގޮސް، ގުޅުވީ، ފެކްޓްރީއެއްގައެވެ. މާޖިދު ބުނީ، މި ސީޕްލޭންގައި އަދި އިންޖީނެއް ނެތް ކަމަށެވެ. އެކަމަކު، ފަރުމާކޮށްފައި ވަނީ، އިންޖީނު ވެސް އެޅޭ ގޮތަށެވެ. "އެއަށް ވެސް ވާހަކަދެކެވެމުން އެބަދޭ މީތި ހެދުނުލެއް ކޮލިޓީކަމުން. މެނޭޖުމަންޓުން އެބަ ބޭނުންވޭ ދުއްވާ ގޮތަށް ވެސް [ހަދަން]" ގިނަ ބަޔަކު ހައިރާން ކުރުވީ، މިއީ އެހާ އަސްލާ އެއްގޮތަށް ފަރުމާކޮށްފައިވާ އެއްޗަކަށްވާތީއެވެ. އެ މަސައްކަތް މާޖިދަށް ނިންމާލެވުނީ، ދޮޅު މަހުންނެވެ. އެހާ ފުރިހަމަ ކޮށެވެ. އެ ރިސޯޓުގެ އަސްލު ފްލައިޓަކާ އަޅާ ކިޔާއިރު، ފަރުމާކުރީ ކޯއްޗެއްކަން ވަކިކުރަން ދަތިވާނެއެވެ. އެހާވެސް ރީތިވެފައި، ފުރިހަމައެވެ. އިންޖީނެއް ނެތަސް، ހަދައި ނިންމުމަށް ފަހުގައި، ސީޕްލޭން ދުއްވައިފިއެވެ. އެއީ، ސީބޮބް ބޭނުންކޮށްގެނެވެ. ސީބޮބަކީ، ގެސްޓުން ފީނުމަށް ނުވަތަ ސްނޯކްލިއަށް ދާއިރު، ބޭނުންކުރާ ކުރާ ކުޑަ އުޅަނދެވެ. އެ އުޅަނދު ބޭނުންކުރާއިރު، މޫދުގައި މީހަކު އޭގައި ހިފަހައްޓާލައިގެން އޮންނާނެއެވެ. ސީޕް ޕްލޭން ދުއްވަން ތައްޔާރު ވަނީ ---- މި މަސައްކަތާ ދޭތެރޭ އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. މި ފެންވަރުގައި އެ މަސައްކަތް ނިމޭނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ވެސް ނުކުރާނެއެވެ. އެކަމަކު، އެ މީހުންގެ ނިންމުން ބަދަލު ކުރަން މަޖުބޫރުކުރުވީ، މާޖިދުގެ ކޮލިޓީ މަސައްކަތެވެ. "އަޅުގަނޑު ވެސް ވަރަށް އުފާވެފައި މި ހުރީ ދިވެއްސަކަށް މި ފެންވަރުގެ ކަމެއް ކޮށްލެވުނީމައި. ފަޚުރެއްގެ ގޮތުގައި ދެކެން،" މާޖިދު އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލިއެވެ. މާޖިދު ގަބޫލުކުރާ ގޮތުގައި، މި ކަހަލަ ކަމެއް ކޮންފިޑެންސެއް ނެތް މީހަކަށް ނުކުރެވޭނެއެވެ. ގިނަ ބަޔަކު ކުރަމުން އަންނަ ތައުރީފުތަކުން އޭނާ ހުރީ އުފަލުން ފޮޅިފައެވެ. ދާއިރާގައި އެތައް އަހަރެއް ވީއިރު ވެސް، ނުލިބުނު ހިތްހަމަޖެހުން އޭނާއަށް ލިބިއްޖެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ