މި ސަރުކާރުން ހިންގާ "ބޯހިޔާވެހިކަން އެންމެންނަށް" ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް މާލޭގައި ދިރިއުޅޭކަން ސާބިތުކުރުމަށް ކައުންސިލްގެ ލިޔުމެއް ހުށަހެޅޭނީ އެ މައުލޫމާތު ކައުންސިލުން ބަލަހައްޓާނަމަ ކަމަށް ހައުސިން މިނިސްޓްރީގެ އުސޫލުގައި ބަޔާންކޮށްފި އެވެ.
ސްކީމްގެ ދަށުން ބިމާއި ފްލެޓަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން މަރުހަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން އެ އިދާރާއިން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކާއި، މާލޭގައި ދިރިއުޅެފައިވާ މުއްދަތު ސާބިތުވާކަމުގެ ލިޔުމެއް ހުށަހަޅަންޖެހެ އެވެ.
ނަމަވެސް ރަށު ކައުންސިލަކުން ނުވަތަ ސިޓީ ކައުންސިލަކުން މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަޔާންކޮށް ދޫކުރާ ލިޔުމަކީ އެ ކައުންސިލެއްގައި ބަލަހައްޓާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސާބިތުކޮށް ނުދެވޭ ލިޔުމަކަށްވާނަމަ، އެ ލިޔުމެއް ބަލައި ނުގަނެވޭ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.
ހައުސިން މިނިސްޓްރީގެ ނިންމުމާ ގުޅިގެން މަޑަވެލި ކައުންސިލުން ވަނީ އެ ކައުންސިލުން އެ ރަށަށް ނިސްބަތްވާ މީހުން މާލޭގައި އުޅޭކަމުގެ މައުލޫމާތު ރަސްމީކޮށް ބަލަހައްޓާފައި ނުވާތީ، އެ ކައުންސިލަށް މާލޭގައި ރަށުގެ މީހަކު ދިރިއުޅޭކަން ސާބިތުކުރުމަށް އެއްވެސް ލިޔުމެއް ނުދެވޭނެ ކަމަށެވެ.
މާލޭގައި ދިރިއުޅޭކަން ސާބިތުކުރުމަށް ގްރޭޓާ މާލެ ސަރަހައްދުގައިވާ ސްކޫލަކުން ނުވަތަ ތައުލީމީ މަރުކަޒަކުން ތައުލީމު ހާސިލުކޮށްފައިވާކަން އެނގޭ ލިޔުމެއް ނުވަތަ ޕަބްލިކް ނޯޓަރީއެއްގެ ކުރިމަތީގައި ހުވައެއްކޮށް، މާލޭގައި އެ މީހަކު ދިރިއުޅެފައިވާ ގޭގެ ވެރިފަރާތުން ނޮޓޮރައިޒްކޮށް އެފިޑެވިޑެއް ހުށަހެޅިދާނެ އެވެ.
މީގެއިތުރުން ޕެންޝަން ސްކީމަށް ހިއްސާކުރާ ވަޒީފާދޭ ފަރާތްތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން އަދި ޕެންޝަން ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާދޭ ފަރާތްތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ވެސް ހުށަހެޅިދާނެ އެވެ.
ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވެހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ބިމާއި ފްލެޓަށް އެދި ހުށަހެޅުމަށް ވަނީ ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ބިމަށް އެޕްލައިކުރުމުގެ މުއްދަތު މާޗު 4، ގެ 23:59 އަށް ހަމަވާއިރު، ފްލެޓަށް އެޕްލައިކުރުމުގެ މުއްދަތު ހަމަވާނީ އެޕްރީލް 17، ގެ 23:59 ގެ ނިޔަލަށް ކަމަށެވެ.
އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ޖުމްލަ 15،000 ބިން އަދި 7،900 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރެއިން ބިންތައް ރަސްމާލެއިން ދިނުމަށް ހަމަޖެހިފައިވާއިރު، ފްލެޓްތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެނެވެ.
މާލޭގައި ދިރިއުޅޭކަން ސާބިތުކުރަން ކައުންސިލް ލިޔުމެއް ހުށަހެޅޭނީ އެ މައުލޫމާތު ބަލަހައްޓާނަމަ މާލޭގައި ދިރިއުޅޭކަން ސާބިތުކުރަން ކައުންސިލް ލިޔުމެއް ހުށަހެޅޭނީ އެ މައުލޫމާތު ބަލަހައްޓާނަމަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ