ސުކޫކަށް ދައްކަންޖެހޭ 525 މިލިއަން ޑޮލަރުގެ ދަރަނި ސަރުކާރުން އެއްކޮށް ދައްކައިފި

މިދިޔަ ސަރުކާރުގައި 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 525 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި ދިވެހި ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފި ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މާލީ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، ސަރުކާރުން ދައްކާފައިވަނީ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާއެވެ. މި ފައިސާގެ ތެރޭގައި ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓްރަސްޓްގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު ހިމެނެއެވެ. މި ބޮޑު ދަރަނި ދެއްކުމަށް ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވެވެ. މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި ދަރަނި އަދާކުރުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެއެވެ. މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށް ޓަކައި ރައީސް ސާލިޙުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. މާލީ ވުޒާރާއިން ބުނީ، މި ދަރަންޏަކީ ދުނިޔޭގެ އިޤްތިޞާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި، ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއް ކަމަށެވެ. މާލީ ވުޒާރާއިން އިތުރަށް ބުނީ، މި ދަރަނި ދައްކާ ނިމުމާއެކުވެސް ރައްޔިތުންނަށް ބޭނުންވާ ތެލާއި، އަސާސީ ޚިދުމަތްތަކާއި، މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން މާލީ ހަމަޖެހުން ދެމެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން އަބޫދާބީ ފަންޑުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ފަސްކުރުމުގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިމިފައިވާކަންވެސް އެ ވުޒާރާއިން ހާމަކުރެއެވެ.ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ދަމަހައްޓައި، ދައުލަތުގެ ދަރަނި ދަށްކުރެވެނިވި މަގަކަށް ގެނައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ