ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުސާރައިގެ މައްސަލަ ބޮޑުވެ މިދިޔަ މަހުގެ މުސާރަ އަދިވެސް ޖަމާނުކުރާކަން އެނގިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އާންމު ގޮތެއްގައި ކޮންމެ މަހެއްގެ އެއްވަނަ ދުވަހު މުވައްޒަފުންނަށް މުސާރަ ދޭ ވެމްކޯއަށް މި އަހަރު ފެށުނުފަހުން މުސާރަ ދިނުމުގައި ލަސްތަކެއް ދިމާވާން ވަނީ ފަށާފަ އެވެ.
އެކި މަސްދަރުތަކުން މި ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ނުދެވި ލަސްތަކެއް ދިމާވަނީ ކުންފުނީގެ ކޭޝްފްލޯ ދަށްވުމުން، ފިނޭންސް މިނިސްޓްރީން ފޯރުކޮށްދޭން ޖެހޭ ފައިސާ ބަރާބަރަށް ފޯރުކޮށްނުދޭތީ އެވެ.
ނިމިދިޔަ ރޯދަ މަހު ވެމްކޯގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ޖަމާކޮށް ނިމުނީ ރޯދަ މަސް ފެށުނުފަހުންނެވެ. ގާނޫނުގައި ބުނާގޮތުން ރޯދަ އިނާޔަތަކީ ރޯދަ މަސް ފެށުމުގެ ކުރިން ދޭންޖެހޭ އެއްޗެކެވެ.
މި އަހަރުގެ ޖެނުއަރީ މަހު ބެލިއިރު ވެމްކޯގެ މުވައްޒަފުންގެ މުސާރައިން ކަނޑާ ޕެންޝަން ފައިސާ، އެ މުވައްޒަފުންގެ ޕެންޝަން އެކައުންޓުތަކަށް ޖަމާނުކުރާކަން ހާމަވި އެވެ. އޭރު ހާމަވި ގޮތުގައި ވެމްކޯއިން ޕެންޝަނަށް އެންމެ ފަހުން ފައިސާ ދެއްކީ އޮކްޓޯބަރު 16، 2024، ގަ އެވެ.
ވެމްކޯއިން އެކަމަށް އެއްބަސްވެ އޭރު ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދެނީ އެ ކުންފުންޏަށް ލިބޭ އާމްދަނީގެ އިތުރުން ސަރުކާރުން ދޭ ފައިސާއިން ކަމަށެވެ. މީގެތެރެއިން އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ އެކި ފަރާތްތަކުން ނުދައްކާ ކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ގެންގުޅޭ އެއް ކުންފުނި، ވެމްކޯއަށް މިދިޔަ އަހަރު އެކަނިވެސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 439.6 މިލިއަން ރުފިޔާ ހަރަދުކުރިކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.
ވެމްކޯއިން 2023 ގައި މުވައްޒަފުންގެ މުސާރައިގެ ގޮތުގައި 225.6 މިލިއަން ހަރަދުކުރިއިރު، 2024 ގައި މުވައްޒަފުންގެ މުސާރައަށް ހަރަދުކުރީ 335.3 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެ ކުންފުނިން މުވައްޒަފުންގެ މުސާރައަށް ކޮންމެ އަހަރަކު ހޭދަކުރަމުންދާ މިންވަރު ދަނީ ބޮޑުތަނުން ބޮޑުވަމުންނެވެ.
މިދިޔަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި 3,500 އެއްހާ މުވައްޒަފުން ތިބިއިރު، ހިނގަމުންދާ ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން ވެމްކޯއަށް ނަގާފައިވާކަން ފާހަގަކުރެވެ އެވެ.
ޕީސީބީން ބުނާ ގޮތުގައި ވެމްކޯއަށް 2024 ވަނަ އަހަރު 138 މިލިއަން ރުފިޔާ ގެއްލުންވި އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއްވީ 55 މިލިއަން ރުފިޔާއާއެކު ފަހު ކުއާޓާގަ އެވެ. އެ ކުންފުންޏަށް 2024 ވަނަ އަހަރު 61 މިލިއަނުގެ ގެއްލުމެއް ލިބުނުއިރު، 2023 ގައި 93 މިލިއަނުގެ ގެއްލުމެއް ލިބިފައިވެ އެވެ.
ވެމްކޯގެ މުސާރައިގެ މައްސަލަ ބޮޑުވެ މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ ވެމްކޯގެ މުސާރައިގެ މައްސަލަ ބޮޑުވެ މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ