މި އަހަރު ނިމުމުގެ ކުރިން އައްޑޫގައި ވެސް ސަރުކާރުން ޓެކްސީ ލައިން ހިދުމަތް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޓްރާންސްޕޯޓް މިނިސްޓަރު އަމީން މި ކަން އިއުލާން ކުރެއްވީ އެމްޓީސީސީން ގެނައި 150 އިލެކްޓްރިކް ކާރާ އެކު މާލެ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ފަށަން ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ތަފްސީލް - އަމީން ވިދާޅުވީ މާލޭގެ އިތުރުން މާލެއާ ޖެހިގެން އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށްވާ އައްޑޫގައި ވެސް މިފަދަ ހިދުމަތެއްގެ ބޭނުން ޖެހިފައިވާކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ.
"މާލޭން ބޭރުން، އައްޑު އަތޮޅުގައި ވެސް މި ވަގުތަށް މިފަދަ ހިދުމަތެއް ބޭނުން އެބަވޭ. މި އަހަރު ތެރޭގައި، ރައީސްގެ އިރުޝާދާ އެކު އައްޑޫގައި ވެސް މި ހިދުމަތް ސަރުކާރުން ފަށާނެ،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުމާލެ އާއި އެއާޕޯޓް އަދި މާލެ ބްރިޖަކުން ގުޅުވާލި ފަހުން މާލެ ސަރަހައްދުގައި ދަތުރުފަތުރު ކުރުމުގައި އެއްގަމު އުޅަނދުތަކަށް އޮތް ޑިމާންޑު ކުރިއަށް ވުރެ އެތައް ތަނަކުން ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ ޓެކްސީ ލިބުމުގައި އާންމުންނަށް ހުރި ދަތިތަކަށް ސަރުކާރުގެ ޓެކްސީ ލައިނާ އެކު ހައްލު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ވިލިމާލެ އާއި ގުޅިފަޅާއި މާލެ ބްރިޖަކުން ގުޅުވާލުމުގެ ކުރިން ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ފުޅާކޮށް އިތުރު ކާރު ވެސް ގެންނާނެ އެވެ.
"ވަރަށް ރަނގަޅު ސެކިއުރިޓީ ނިޒާމެއް ޑްރައިވަރުންނަށް މީގައި ގާއިމުކުރެވިފައިވޭ. ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތެއް ވެސް މިއާ އެކީ ކަސްޓަމަރުންނަށް ހަމަޖެހިގެންދާނެ، އަދި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކުގައި ޓެކްސީކުރުމަށް ބާރުއެޅިގެން ދާނެ،" އަމީން ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ސަރުކާރުން މާލެ ސަރަހައްދުގައި މި ހިދުމަތް ފެށުމަށް ބޭނުންވާ ކާރުތައް ގެނައީ މިދިޔަ މަހު ފަހުކޮޅުގަ އެވެ. އެމްޓީސީސީން ފޯރުކޮށްދޭ މި ހިދުމަތަށް އެ ކުންފުނިން ގެނައި 150 ކާރުގެ ތެރޭގައި ކުދި ގޯޅިތަކުގައި ދުއްވޭ ވަރުގެ ކުދި ސައިޒުގެ 70 ކާރު ހިމެނެ އެވެ.
ސަރުކާރުން މި ހިދުމަތަށް ގެނައީ ތިން ސައިޒެއްގެ ކާރެކެވެ. އެމްޓީސީސީން ބުނި ގޮތުގައި:
ޑީޕަލް S05 ސައިޒުގެ 60 ކާރު؛ މި ކާރުތަކުގައި ހަތަރު ސީޓު، ކާގޯ ސްޕޭސް ނުވަތަ ޑިކީގެ ގޮތުގައި ކާރުގެ ފަހަތް އަދި ކާރުގެ ކުރީ ޓްރަންކް ވެސް ލަގެޖު އެރުވުމަށް ބޭނުން ކުރެވޭނެ
ލޫމިން ސައިޒުގެ 70 ކާރު؛ މިއީ މާލޭގެ ހަނި ގޯޅިތަކަށް ވަދެވޭ ވަރުގެ ކުދި ސައިޒު އަދި މި ކާރުތަކަށް ކާގޯ ސްޕޭސް ނުވަތަ ޑިކީއަށް ކުދި ސައިޒުގެ ލަގެޖުތައް ލެވޭނެ
ޑީޕަލް S07ގެ 20 ކާރު؛ މިއީ ހަތަރު ފަސިންޖަރުންނަށް ދަތުރުކުރެވޭ އަދި މި ކާރުތަކުގެ ކާގޯ ސްޕޭސް ނުވަތަ ޑިކީގެ ގޮތުގައި ކާރުގެ ފަހަތް އަދި ކާރުގެ ކުރީ ޓްރަންކް ވެސް ލަގެޖު އެރުވުމަށް ބޭނުންކުރެވޭނެ
މި އަހަރު ނިމުމުގެ ކުރިން އައްޑޫގައި ވެސް ސަރުކާރުން ޓެކްސީ ހިދުމަތް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ