އެމްޑީއޭ ކެނޑިޑޭޓުން ރައްޔިތަކު ތަފާތު ނުކުރާނެ، ސައްތައިންސައްތަ ވޯޓުން ހޮވައިދެއްވާ: ސިޔާމް
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެނޑިޑޭޓުންނަކީ އެއްވެސް ރައްޔިތަކު ތަފާތުކުރާނެ ބައެއް ނޫން ކަމަށާއި، އެ ޕާޓީގެ ކެނޑިޑޭޓުން ސައްތައިންސައްތަ ވޯޓުން ހޮވައިދިނުމަށް އެ ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު މިއަދު އެދިވަޑައިގެންފިއެވެ. ދ. ހުޅުދެލީގައި ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ، ދާއިރާގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން އެ މަނިކުފާނު ކޮށްދެއްވަނީ ވަކި ފަރުދަކަށް ނުވަތަ ވަކި ސިޔާސީ ކުލައަކަށް ބެލުމެއްނެތި، ރައްޔިތުންނަށް އޯގާތެރިވުމަކީ އެ މަނިކުފާނުގެ ވިސްނުންފުޅު ކަމަށްވާތީ ކަމަށެވެ. ސަވީސް، ތިރީސް އަހަރު ތިބޭފުޅުންނަށް ފެނިގެންދާނެ، ތިބޭފުޅުންނާ އެއްކޮށް އުޅެމުން ގޮސްފައި މި އޮތީ. މި 30 އަހަރު ވީއިރުގައި ތިއިން އެއްވެސް ރައްޔިތަކަށް އަޅުގަނޑު ހަދައިފައިވީ ދޮގެއް ނޯންނާނެ. މަކަރެއް ނޯންނާނެ. ވައުދެއް ވެެއްޖެޔާ ވައުދާ ޚިލާފުވެފައެއް ނޯންނާނެ. ވައުދު އޮންނާނީ ރަނުން ރަނަށް ފުއްދައިދީފައި،" ސިޔާމް ވިދާޅުވިއެވެ. އެމްޑީއޭގެ ރައީސް ސިޔާމް ދ. ހުޅުދެއްޔަށް ވަަޑައިގަތުމުން އެ ރަށު ރައްޔިތުން އެެ މަނިކުފާނަށް މަރުހަބާ ވިދާޅުވަނީ -- ސަން ފޮޓޯ ސިޔާމް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ސިޔާސީ މައިދާނަށް ނިކުންނަ ކޮންމެ ބޭފުޅެއްގެ އަމަލުތައް ވެސް ބަހާއި އަމަލާ ދިމާވާ ގޮތަށް ހުންނަންވާނެ ކަމަށެވެ. އަދި އެމްޑީއޭގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް އިޝާރާތްކުރައްވައި ސިޔާމް ވިދާޅުވީ، އެ ކެނޑިޑޭޓުންނަކީ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ގެންގުޅޭނެ ބައެއް ނޫން ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ. މި ބައްދަލުވުމުގައި ސިޔާމް ވަނީ ހުޅުދެލީ ކައުންސިލަށް އެމްޑީއޭގެ ފަރާތުން ކުރިމަތިލައްވައިފައިވާ ކެންޑިޑޭޓުންނަށް ރަށުގެ ހުރިހާ ރައްޔިތުންގެ ތާއީދު ދެއްވައި، 100 އިންސައްތަ ވޯޓުން އެ ބޭފުޅުން ހޮވައިދެއްވުމަށް ވަރަށް ބޮޑަށް އެދިވަޑައިގެންފައެވެ. ސިޔާމްގެ މި ވާހަކަފުޅުގައި ބޮޑަށް ބާރުއެޅުއްވީ އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ