500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުން؛ ފެނިގެންދަނީ ޒިންމާތައް އަދާކުރުމުގެ ފުރިހަމަކަން: ގާސިމް

ބައި ބިލިއަން ޑޮލަރުގެ ސުކޫކްގެ އަގު އެއްފަހަރާ އަދާކުރުމުން ދޭހަވެގެންދަނީ، ދައުލަތުގެ ޒިންމާތައް އަދާކުރުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ސާބިތުކަމާއެކު ހުންނެވިކަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ވަނީ، ސޮވެރިން ޑިވެލޮޕްމެންޓު ފަންޑާއި، ރިޒާވްގައި ރައްކާކޮށްފައި ހުރި ފައިސާ ބޭނުންކޮށްގެން ރާއްޖެއިްނ އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫން ދައްކައި ހަލާސްކޮށް ނިންމިކަން ހާމަކޮށްފައެވެ.
މިކަން ފާހަގަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީގެ ކުރިން ފިނޭންސް މިނިސްޓަރުކަންވެސް ކުރެއްވި ގާސިމް ވިދާޅުވީ،  ފެނިގެން މިދިޔައީ، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް، އިޤްތިޞާދީ ގޮތުން ނިންމަވަމުންދާ ހަރުދަނާ ނިންމެވުންތަކުގެ ނަތީޖާ ކަމަށެވެ. މީގެ އިތުރުން، ދައުލަތުގެ ޒިންމާތައް އަދާކުރެއްވުމުގައި ބަހައްޓަވާ ސާބިތުކަން ހާމަކޮށްދޭ މުހިންމު ކާމިޔާބީއެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދީ ޙާލަތު މިވަގުތު އޮތްގޮތަށް ބަލައި، މިފަދަ ބޮޑު ލޯނެއް ދައްކައި ޚަލާޞްކުރުމަކީ ރާއްޖޭގެ މާލީ އިތުބާރާއި، ޒިންމާދާރު ލީޑަރޝިޕެއް އޮތްކަން ހާމަކޮށްދޭ ކަމެއްކަމަށެވެ. މީގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބުމަށް މަގުފަހިވެ، ބައިނަލްއަޤްވާމީ މާލީ ދާއިރާގައި ދިވެހިރާއްޖޭގެ މަޤާމު އިތުރަށް ވަރުގަދަވެގެން ދާނޭކަމަށެވެ.
"ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހޯއްދެވި މި ކާމިޔާބީއާ މެދު އަޅުގަނޑު ނުހަނު އުފާކުރަން. މިކަމުން ދައްކުވައިދެނީ އަހަރުގެ ބާކީ އޮތް ލޯނުތައް ވެސް ދައްކައި ނިންމަވާނެ ކަމުގެ ފުރިހަމަ އިތުބާރު" ގާސިމް އިބްރާހީމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ކުރިން ނަގާފައިހުރި ދަރަނީގެ ދަންތުރަތަކުން ރާއްޖެ ސަލާމަތްކޮށް، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށެވެ. މިފަދަ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކު އަބަދުވެސް ވާނޭކަމަށް ގާސިމްގެ ޕޯސްޓްގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުން ވަނީ ސުކޫކުގެ ފައިދާގެ ގޮތުގައި ދައްކަަންޖެހޭ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ދައްކާފައެވެ. މި ސުކޫކަކީ ކުރިން ސަރުކާރުން ނެގި 250 މިލިއަން ޑޮލރުގެ ސަނީ ސައިޑް ބޮންޑު އަދާކުރުމަށ 2021 ވަނަ އަހަރު އެއިރުގެ ސަރުކާރުން ވިއްކި ސުކޫކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ