ރޯމް (އޭޕްރީލް 2) - ޖެހިޖެހިގެން ތިން ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން މީޑިއާ އާއި ސަރުކާރުން ކުރިމަތިވި ޕްރެޝަރާ ހެދި އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން، (އެފްއައިޖީސީ)ގެ ރައީސް، ގަބްރިއެލް ގްރަވީނާ ވަނީ މަގާމުން އިސްތިއުފާދީފި އެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ގްރަވީނާގެ އިސްތިއުފާ އަށް ސްޕޯޓްސް މިނިސްޓަރު، އަންދްރެއާ އަބޯޑީ ވެސް ވަނީ ގޮވާލައްވައިފަ އެވެ.
ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާގެ ނައިބު ރައީސްކަން ކުރިން ކުރެއްވި ގްރަވީނާ، އެފްއަައިޖީސީގެ ރައީސަކަށް އިންތިހާބުވީ، 2018 ވަނަ އަހަރު އެވެ. ގްރަވީނާގެ ލީޑަޝިޕްގައި، އިޓަލީ އަށް ޖެހިޖެހިގެން ތިން ވަނަ ފީފާ ވޯލްޑް ކަޕުން ފުރުސަތު ގެއްލުމުން ފާޑުކިޔުން އިންތިހާ އަށް ބޮޑުވި އެވެ. ހަތަރު ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީ އަކީ ވޯލްޑް ކަޕް ކާމިޔާބުކުރި ގައުމުތަކުގެ ތެރެއިން ޖެހިޖެހިގެން ތިން ވޯލްޑް ކަޕަށް ކޮލިފައިނުވި ފުރަތަމަ ގައުމެވެ.
މި ހުރިހާ ކަމަކާ އެކު ވެސް ގްރަވީނާ ފުރަތަމަ ނިންމެވީ އިސްތިއުފާ ނުދިނުމަށެވެ. އެކަމަކު، ހިންގާ ކޮމިޓީއާ އެކު، ބޭއްވި ބައްދަލުވުމުގައި ހުރިހާ ކަމަކަށް ބެލުމަށް ފަހު، މަގާމުން ދުރުވާން އަމިއްލަ އަށް ނިންމެވީ އެވެ.
އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަަޕަށް ވެސް އިޓަލީ ކޮލިފައިނުވެ ދިޔައިރު، ހުރިހާ ފަހަރަކު ވެސް ކެޓީ ޔޫރަޕްގެ ޕްލޭއޮފް ބުންނެވެ.
މި ފަހަރުގެ ކުރިން، ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން، 1-0 އިން އިޓަލީ ބަލިކުރި ގޯލު ޖެހީ އިތުރު ވަގުތުގައި އަލެކްސަންޑަ ޓްރަޖޯވްސްކީ އެވެ. ކުރިން ފަހަރުތަކާ ހިލާފަށް އިޓަލީން މި ފަހަރުގެ ޕްލޭއޮފް ފުރަތަމަ މެޗުން ވަނީ މޮޅުވެފަ އެވެ. އެކަމަކު، ޕްލޭއޮފް ފައިނަލުން ބޮސްނިއާ އަތްދަށުވެ ކެޓީ އެވެ.
އިޓަލީ ކޯޗިން ޓީމުގައި މަސައްކަތްކުރި ކުރީގެ މަޝްހޫރު ގޯލްކީޕަރު، ޖިއަންލުއީޖީ ބުފޮން ވެސް ވަނީ ގައުމީ ޓީމުގެ ކޯޗިން ރޯލުން އަމިއްލަ އަށް ވަކިވެފަ އެވެ.
ޕްރެޝަރާ ހެދި އިޓަލީ ފުޓްބޯޅަ ރައީސް އިސްތިއުފާދީފި ޕްރެޝަރާ ހެދި އިޓަލީ ފުޓްބޯޅަ ރައީސް އިސްތިއުފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ