މިދިޔަ މާރިޗު މަހު ކަންނެލި ކިރުވައި މަސްވެރިންނަށް ދޫކުރި ފައިސާ ދަށަށް
ސަރުކާރު މަސް ކުންފުނި މިފްކޯއަށް ނިމިދިޔަ މާރިޗު މަހު ކަންނެލި މަސް ކިރުވައިގެން މަސްދޯނިފަހަރަށް ދޫކުރި ފައިސާ، ފެބްރުވަރީ މަހާ އަޅާ ބަލާއިރު ދަށް ކަމަށް، އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މާރިޗު މަހު ކަންނެލީގެ 194 ޓަނުގެ މަސް ކިރުވައިގެން އެ ކުންފުނިން 2.49 މިލިއަން ރުފިޔާ މަސްދޯނިފަހަރަށް ދޫކޮށްފައިވެއެވެ. އެއީ ފެބްރުވަރީ މަހު 127.32 ޓަނުގެ މަސް ކިރުވައިގެން މިފްކޯއިން މަސްދޯނިފަހަރަށް ދޫކުރި 2.92 މިލިއަން ރުފިޔާއަށް ވުރެ 430،000 ރުފިޔާ މަދު އަދަދެކެވެ. ނަމަވެސް ފެބްރުވަރީ މަހަށްވުރެ މާރިޗު މަހު ކަޅުބިލަމަސް ކިރުވައިގެން މިފްކޯއިން މަސްދޯނިފަހަރަށް ފައިސާ ދޫކުރި އަދަދު އިތުރެވެ. އެގޮތުން މާރިޗު މަހު 1،431 ޓަނުގެ ކަޅުބިލަމަސް ކިރުވައިގެން މިފްކޯއިން މަސްދޯނިފަހަރަށް 26.89 މިލިއަން ރުފިޔާ ދޫކުރިއިރު، ފެބްރުވަރީ މަހު 1،053 ޓަނުގެ ކަޅުބިލަމަސް ކިރުވައިގެން އެ ކުންފުނިން ދޫކުރީ 17.46 މިލިއަން ރުފިޔާއެވެ. މާރިޗު މަހު މިފްކޯއިން ޖުމުލަ 1،625 ޓަނުގެ މަސް ކިރުވައި މަސްދޯނިފަހަރަށް 29.38 މިލިއަން ރުފިޔާ ދޫކުރިއިރު، ފެބްރުވަރީ މަހު 1،180 ޓަނުގެ މަސް ކިރުވައި މަސްދޯނިފަހަރަށް ދޫކުރީ 20.38 މިލިއަން ރުފިޔާއެވެ. އެހެންކަމުން، މިފްކޯގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ފެބްރުވަރީ މަހަށްވުރެ މާރިޗު މަހު މަސްދޯނިފަހަރަށް ނުވަ މިލިއަން ރުފިޔާ އިތުރަށް ދޫކޮށްފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި، ދިހަ ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި މިފްކޯއަށް 20 ރުފިޔާއަށް ގަންނަން ފެށީ މިދިޔަ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިފްކޯއިން ބަލަހައްޓާ، ކަނޑުއޮތްގިރިއަށް ބޮޑު ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ގަންނަން ފެށީ އެ މަހުގެ ދިހަވަނަ ދުވަހެވެ. ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށްވީ ވައުދުތައް ފުއްދުމުގައި ނަތީޖާ ނުފެންނަ ކަމަށް ބުނެ، ނިމުނު ޑިސެންބަރު 10 ގައި އިހުތިޖާޖު ވެސް ކުރިއެވެ. އޭރު، މާލެއަށް ވަންނަ ނެރު ކައިރީ މަސްވެރިން ކުރި އިހުތިޖާޖުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ހިމެނޭހެން ނުވަ މީހަކު ހައްޔަރުކުރިއެވެ. ބޮޑު ކަންނެލި މަސްވެރިން މައިގަނޑު ގޮތެއްގައި އެދެނީ ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަށާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުމަށާއި، މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ