ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ދޫކޮށްލައިފިއެވެ.
މި ދެ ބޭފުޅުން މި މަގާމަށް ޝައުގުވެރިކަން ދޫކޮށްލާފައިވާކަން އިތުބާރު ހުރި މަސްދަރުތަކުން ވަނީ ”ސަންގު“އަށް ކަށަވަރުކޮށްދީފައެވެ.
މަޖިލީހަށް އާ ނައިބު ރައީސަކު އިންތިޚާބު ކުރަން ޖެހުނީ، އެ މަޤާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް އައުމުގެ ޝައުގުވެރިކަން ފާޅުކޮށް މިހާރު އެންމެ ބޮޑަށް ލޮބީ ކުރަމުން ދަނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއެވެ.
މީގެއިތުރުން، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް މި މަގާމަށް ޝައުގުވެރިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް، ފަލާހު ވަނީ އެފަދަ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއް ހިއްސާ ކުރައްވައި އެކަން ދޮގުކުރައްވާފައެވެ.
ޕީއެންސީގެ ޕީޖީ ގުރޫޕްގެ ތެރޭގައި މަޖިލީހުގެ ނައިބް ރައީސް ކަމަށް އައުމުގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށް ދިޔަނަމަވެސް، މިކަމުގައި އަމަލު ކުރާނެ ވަކިގޮތެއް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އިރުޝާދެއް ދެއްވާފައެއް ނުވެއެވެ.
މަޖިލީހުގެ ނައިބްރައީސަށް ވުމުގެ ޝައުގު ސަލީމްބެއާއި ޓޮމް ދޫކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ