ހޯމަދުވަހުން ފެށިގެން ދަމަނަވެށި ބަންދުކުރަނީ

ހޯމަދުވަހުން ފެށިގެން ދަމަނަވެށިން ދެމުންގެންދާ ޚިދުމަތްތައް މާފަންނުގައި ހިންގާ އާބަން ޕްރައިމަރީ ހެލްތު ސެންޓަރު އަދި ހުޅުމާލެ 2 ގެ ޖީޕީ ކްލިނިކަށް ބަދަލުކޮށް، އެއިމާރާތް ބަންދުކުރަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.
ހެލްތު މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޯމަދުވަހުން ފެށިގެން ދަމަނަވެށި ހިންގަމުން އައި އިމާރާތާއި، އެ އިމާރާތާއި ޖެހިގެން ހުރި ތެލަސީމިއާ ސެންޓަރު ހިންގި އިމާރާތް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
އާންމު ސިއްޙަތުގެ ނިޒާމުގެ ދަށުން ޤާއިމް ކުރެވިފާއިވާ ދަމަނެވެށިތަކުން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ޖަހައި ދިނުމާއި، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓަރކުރުމާއި، ޢާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމާއި، މުޖުތަމައަށް އަމާޒުކޮށްގެން ޚާއްޞަ ޞިއްޙީ ޕްރޮގްރާމްތައް ހިންގުމާއި، ބަލިތައް ދެނެގަތުމަށް ކުރާ ސްކްރީނިންގތައް ހެދުން ހިމެނެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ސެޝަންތައް ބޭއްވުމާއި ކައުންސެލިން ޚިދުމަތްވެސް މިތަނުން ދެއެވެ.
މާލެ ސަރަހައްދުގައި ދެވަނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ޤާއިމް ކުރުމުގެ ކުރިއަށްދާއިރު، މި ސެންޓަރުތަކުން ދަމަނަވެށިން ޚިދުމަތްދޭ މިންވަރަށްވުރެ ފުޅާކޮށް ޚިދުމަތް ދިނުމަށް ވަނީ އަމާޒު ހިފާފައެވެ. އެގޮތުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް މި ސެންޓަރުތަކުން ހަމަޖައްސައިދޭނެއެވެ. މީގެ އިތުރުން ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ