ސްޓޫޑެންޓް ލޯނަށް ހުޅުވާލައިފި؛ އެންމެ މަތީ އަދަދަކީ 3.2 މިލިއަން ރުފިޔާ

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލް ކުރުމަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މި ފުރުސަތު ރަސްމީކޮށް ހުޅުއްވާލެއްވި އިރު، މިއަދު ވަނީ އެކަމާ ގުޅޭ ލޯނުގެ އާ އުސޫލު ވެސް އާއްމުކޮށްފަ އެވެ.
ތަފްސީލް - ގެޒެޓުގައި މިހާރު އާއްމުކޮށްފައި އެ އުސޫލުގައިވާ ގޮތުން ލޯނުގެ ގޮތުގައި ދޫކުރެވޭ އެންމެ މަތީ އަދަދަކީ 3.2 މިލިއަން ރުފިޔާ އެވެ
އެ އުސޫލުގައި ބުނެފައިވާ ގޮތުގައި:
ލޯނުގެ ގޮތުގައި ޓޮޕްއަޕް ލޯނާ ނުލާ އެންމެ ގިނައިން ދޫކުރެވޭނީ 2.5 މިލިއަން ރުފިޔާ
އަދި ޓޮޕްއަޕް ލޯނުގެ ގޮތުގައި ދޫކުރާ 700،000ރ.އާ އެކު އެ އަދަދު 3.2 މިލިއަން ރުފިޔާއަށް އަރާނެ
އެ ފަދަ ހާލަތުގައި ލޯނު ދޫކުރާނީ ޝަރުތު ހަމަވާ އިތުރު ގެރެންޓާ އެއްވެސް ހުށަހެޅުމުން
ހަޔާ އެޑިއުކޭޝަން މިނިސްްޓްރީން ބުނީ 'ކުރި ޕޯޓަލް' މެދުވެރިކޮށް ލޯނަށް ހުށަހެޅޭނެ ކަމަށެވެ.
އެނގުން މުހިއްމު - ކުރިން އޮންނަ ގޮތުން ލޯނަށް ހުށަހަޅަން ޖެހޭނީ ވަކި މުއްދަތެއްގެ ކުރިންނެވެ. އެކަމަކު މިހާރު ވަނީ، އަހަރުގެ ކޮންމެ އިރަކު ވެސް، ވަކި މުއްދަތެއް ނެތް ގޮތަށް ލޯނަށް ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ.
ދަރިވަރުންގެ މަތީ ތައުލީމަށް، ސަރުކާރުން ކޮންމެ އަހަރު ވެސް ބޮޑު ހަރަދެއް ކުރެ އެވެ. އެގޮތުން މިދިޔަ އަހަރު ވެސް، އެކި ސްކޮލަޝިޕްތަކުގައި ކިޔެވުމަށް 222 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 2024 އިން 2025އާ ހަމައަށް: 
ސްކޯލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް 471 މިލިއަން ރުފިޔާ ދޫކުރި
މިދިޔަ އަހަރު އެކަނި ވެސް ސްކޯލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް 222 މިލިއަން ރުފިޔާ ދޫކޮށްފައިވޭ
ލޯނު ސްކީމުތަކުގައި ކިޔަވާ ދަރިވަރުންނަށް 1.2 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައި
މިދިޔަ އަހަރު އެކަނި ވެސް 548 މިލިއަން ރުފިޔާ ލޯނު ސްކީމުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ