ޓްރަމްޕްގެ ސިއްހީ ހާލުކޮޅާމެދު ސީރިޔަސް ސުވާލުތަކެއް!
ވޮޝިންޓަން (2 ޖަނަވަރީ 2026) : އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން އާއި އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަން ފަދަ ބޭބޭފުޅުންގެ މުސްކުޅިކަމާއި އެބޭފުޅުންގެ ކިބައިން ފެންނަ މުސްކުޅިކަމުގެ އަލާމާތްތަކަށް ޖޯކުޖައްސަވައި ފާޑުވިދާޅުވަމުން ގެންދަވާ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިންވެސް މުސްކުޅި ކަމުގެ ބޮޑެތި އަލާމާތްތަކެއް ފެންނަމުންދާތީ އެތައް ބައެއްގެ ސުވާލުތަކަކާ އޭނާ ކުރިމަތިލާން ޖެހިވަޑައިގެންފިއެވެ. ޓްރަމްޕަށް ކުރިމަތިލާން ޖެހިވަޑައިގެންފައިވަނީ އޭނާގެ އަތްފައި ދުޅަވެ ނޫފައިގެންފައި ހުންނަ މައްސަލައިގައާއި އެކިއެކި މުނާސަބާތަކުގައި އޭނާ ނިދިތާއްޔަން ޖެހިވަޑައިގަންނަވާ މައްސަލައިގައެވެ. އަދި ވަރަށް ގިނައިން އޭނާ ވަރުބަލިވެވަޑައިގެން ހުންނަވާ މަންޒަރު ފެންނަމުންދާ މައްސަލައިގައެވެ. މިސުވާލުތަކަށް ޖަވާބު ނުދެއްވަނީ ކީއްވެގެންތޯ ވޯލްސްޓްރީޓް ޖޯނަލް އިން ޓްރަމްޕް އާ ކުރި ސުވާލަކާ ގުޅިގެން ޓްރަމްޕް ވިދާޅުވީ އެ ސުވާލުތަކަށް ޖަވާބު ނުދެއްވަނީ ޖޯބައިޑެންއާއި ހިލަރީ ކްލިންޓަންފަދަ ބޭފުޅުންގެ ކިބައިން ފެންނަ މުސްކުޅި ބަލީގެ އަލާމާތްތައް އޭނާގެ ކިބައިން ނުފެންނާނެތީއެވެ. އަދި އެއީ ހަގީގީ ވާހަކަތަކަށް ނުވާތީއެވެ. އެކިއެކި މުނާސަބާތަކުގައި ޓްރަމްޕް ނިތުތާއްޔަން ޖެހުމާއި ނިދުމަކީ ވަރަށް އާންމު ކަމެކެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އޭނާގެ އަތާއި ފައި ދުޅަވަނީ މުސްކުޅި ވެގެނެއް ނޫނެވެ. އެހެން ވަނީ އޭނާ ބޭނުންކުރައްވާ ބޭހެއް (އެސްޕްރިން) ގެ ސައިޑް އިފެކްޓްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އެކިއެކި މުނާސަބާތަކުގައި ޓްރަމްޕް ނިދިތާއްޔަން ޖެހުމާއި އަދި ވަރަށް ގިނައިން ވަރުބަލިވެފައި ހުންނަ މަންޒަރު ޓްރަމްޕްގެ މޫނުމަތިން ފެނުން އާންމު ވެފައިވާ މައްސަލާގައި ވޯލްސްޓްރީޓް ޖޯނަލް އިން ކުރި ސުވާލެއްގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ ރަސްމީ އެއްވެސް މުނާސަބަތެއްގައި އޭނާ ނިދިތާއްޔަށް ޖެހިފައި ނުވާނެކަމުގައެވެ. ޚާއްސަކޮށް އޭނާގެ ހަށިގަނޑުން ވަރުބަލިކަން ފެނުމަކީ މުސްތަހީލް ކަމެއްކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕްގެ އުމުރުން މިހާރު ވަނީ 80 އަހަރާ ވަރަށް ގާތްވެފައެވެ. ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޓްރަމްޕަށް 80 އަހަރު ފުރޭނެއެވެ. ޓްރަމްޕްގެ މައްޗަށް ވަނީ އޭނާގެ ސިއްހީ ހާލަތު ސިއްރުކުރާ ކަމުގެ ތުހުމަތު ކުރެވިފައެވެ. އަދި ޓްރަމްޕްގެ ސިއްހީ ހާލުކޮޅާބެހޭ ޕޮސިޓިވް މައުލޫމާތެއް ނޫނީ ޕަބްލިކަށް ހާމަ ނުކުރުމަށް ޓްރަމްޕް ވައިޓް ހައުސްގެ ސިއްހީ ޓީމަށް އަމުރުކުރައްވާފައިވާ ކަމަށްވެސް އިތުބާރުހުރި ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ގާނޫނުތައް އޮންނަގޮތުން ވަކި ހާލަތްތަކެއްގައި މެނުވީ އެމެރިކާގެ ރައީސްގެ ސިއްހަތާބެހޭ މައުލޫމާތު އެމެރިކާގެ ރައްޔިތުންނަށް ހާމަކުރާކަށް ނުޖެހެއެވެ. ރައްޔިތުންނަށް ނުވަތަ ޕަބްލިކަށް ހަމަކުރަންޖެހެނީ ވަރަށް ޚާއްސަ ސިއްހީ ހާލަތެއް ރައީސް އާ ކުރިމަތިވުމުންނެވެ. ޓްރަމްޕް ވިދާޅުވާގޮތުން އޭނާގެ ސިއްހީ ހާލުކޮޅު ވަރަށް ބަރާބަރެވެ. އެއްވެސް މައްސަލައެއް ނެތެވެ. ވައިޓް ހައުސްގެ ޑޮކްޓަރުންގެ ޓީމުންވެސް މިކަމުގައި ބުނަނީ ޓްރަމްޕް ވިދާޅުވާ އެއްޗެކެވެ. ރިޕޯޓްތައް ބުނާގޮތުން ވައިޓް ހައުސް އިން ޝާއިއުކުރާ ޓްރަމްޕް ގިނަ ފޮޓޯތަކާއި އޭނާގެ ގިނަ ވީޑީއޯ ތަކަކީ އޭއައި ޖެނެރޭޓެޑް ތަކެއްޗެވެ. އެ އިމޭޖްތަކާއި ވީޑިއޯ ތަކުގައި ޓްރަމްޕް ޕޯޓްރޭ ކޮށްފައިވަނީ ޖާނުން ވަރުގަދަ ސުޕާހީރޯ އެއްގެ ގޮތުގައެވެ. ނަމަވެސް ހަގީގަތުގައި އެކި މުނާސަބަތުތަކުގައި ޓްރަމްޕް ފެންނައިރު ވަރަށް ގިނައިން އޭނާ ވަރުބަލިވެ ނިދިތާއްޔަށް ޖެހިފައިވާ މަންޒަރުތައް ފެންނަމުން ދެއެވެ. އެއްފަހަރު މަތިންދާބޯޓަށް އަރާ ސިޑިންވެސް ޓްރަމްޕް ކައްސާލައިގެން ވަރަށް ބޮޑަށް އަރިއަޅާލައިގެން ގޮސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ