އިއްޒަތްތެރި ރައީސެވެ!
މަނިކުފާނު ކުރައްވައިގެން ތިޔަ ހުންނެވި ހުވާގެ އެއް ޝަރުތަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމެވެ. އަނެއް ކަމަކީ، މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމެވެ. މީގެ އިތުރުން އެހެން ޝަރުތުތަކެއް ހުއްޓަސް، މި ލިޔުމުގެ ބޭނުމަށް އެ ޝަރުތުތަކުގެ ވާހަކަ މުހިންމެއް ނޫނެވެ.
ގާނޫނުއަސާސީގެ ހަ ވަނަ މާއްދާގައި އެ ބުނާ ވެރިކަން ހިންގުމުގެ ބާރު މަނިކުފާނަށް ލިބިވަޑައިގެންފައިވަނީ، ގާނޫނުއަސާސީގެ ޖަދުވަލު އެކެއްގެ ނަންބަރު އެކެއްގައިވާ ހުވާ ކުރެއްވުމުންނެވެ. ހަ ވަނަ މާއްދާގައި ބުނެފައި އޮންނަ ގޮތުން، މަނިކުފާނު ދިވެހި ދައުލަތުގެ ވެރިކަން ހިންގަވަން ވާނީ، ގާނޫނުއަސާސީގެ އިމުގެ ތެރޭގައެވެ. އެ އިމުން ބޭރަށް އެންމެ ފިޔަވަޅެއް އެޅުއްވިޔަސް، މަނިކުފާނު ކުރެއްވި ހުވަޔާ ހިލާފުވެވަޑައިގަތީއެވެ. މާނައަކީ ވެރިކަން ކުރައްވަން ވާނީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެއެވެ. އަދި އެމީހެއްގެ މާލީ ފުދުންތެރިކަމަށް ބަލައިގެން ވެސް ތަފާތުކޮށްގެން ނުވާނެއެވެ. އެފަދަ އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމުގެ ޒިންމާ، ގާނޫނުއަސާސީގެ 18 ވަނަ މާއްދާއިން އަޅުވާފައިވަނީ ދައުލަތުގެ ބޮލުގައެވެ.
ގާނޫނުއަސާސީގެ 106 ވަނަ މާއްދާގެ މަފްހޫމުން، މިއަދު އެ ޒިންމާ އެޅިފައިވަނީ މަނިކުފާނުގެ އިސްތަށިފުޅުގައެވެ. އެއީ ދައުލަތާއި ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުންނެވެ. އަދި އެ ޒިންމާ އަދާކުރަންވާނީ، ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ކަމަށް، ހަމައެކަނި މި މާއްދާގައި ވެސް ތިން ފަހަރު ބަޔާންކޮށްފައިވެއެވެ.
ދައްކަން މިއުޅެނީ، ވަކި ބަޔަކަށް މަންފާއެއް ހޯދައިދިނުމަށްޓަކައި، ނުވަތަ ކުރިއަށް އޮތް ރިއާސީ އިންތިހާބަށް ރައްޔިތުންގެ ތެރެއިން ބަޔަކު ރުއްސުމަށްޓަކައި، މަނިކުފާނު ގާނޫނުއަސާސީއާ ހިލާފަށް އަމަލުކުރެއްވުން އާދައަކަށް ހައްދަވާފައިވާ ވާހަކައެވެ. މަނިކުފާނުގެ ހިތް ތިރިކަމާއި ރައްޔިތުންގެ ހާލަތު ކައިރިން ބައްލަވާކަން ދެއްކުމަށްޓަކައި، އަދި ރައްޔިތުންގެ ދޫތަކުން އެ ވާހަކަތައް ދެއްކުމަށްޓަކައި، ރައްޔިތުންނާ އެކު މިހާރު ތިޔަ ބާއްވާ ބައްދަލުވުންތަކުގައި، ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައި ނެތް ކިތަންމެ ބާރެއް މަނިކުފާނު ބޭނުން ކުރައްވައިފީމުއެވެ.
ދަންބެރަށް ވުރެ ތަގުޑި ދިގު ނުކޮށް ދަންނަވަމެވެ. ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުން އާންމު ރައްޔިތުންނަށް ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން، ވަކި ބަޔަކު ދައުލަތަށް ދައްކަންޖެހޭ ކުލި މައާފްކޮށްދިނުމަކީ މަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫނެވެ. އަދި ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ވެސް މައާފްކުރުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް މަނިކުފާނަކަށް ނެތެވެ.
މަނިކުފާނު ތިޔަ އަރާވަޑައިގަންނަވަނީ އެތައް ބައެއްގެ ހައްގަކަށެވެ. މަނިކުފާނު އަތްޕުޅު ތިޔަ ބާނުއްވަނީ ދެ ފަރާތެއްގެ ދެމެދުގައި ވެފައިވާ އަހުދުނާމާއަކަށެވެ. ފްލެޓްތައް ހަވާލުކުރުމަށް އެޗްޑީސީ އާއި ފްލެޓް ލިބުނު މީހާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި، ކުއްޔާއި ކުލި ނުދައްކައިގެން ކުރާ ޖޫރިމަނާ މައާފްކުރުމުގެ އެއްވެސް ބާރެއް އަދި އިހުތިޔާރެއް ވެސް ރައީސުލްޖުމްހޫރިއްޔާއަށް ދީފައެއް ނެތެވެ. ގާނޫނުއަސާސީން ވިޔަސް އަދި ގާނޫނަކުން ވިޔަސް، ރައީސުލްޖުމްހޫރިއްޔާއަށް އެ ބާރާއި އިހުތިޔާރު ދީފައެއް ނެތެވެ.
ވީއިރު، ތިމަން މަނިކުފާނަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމަށްވީތީ، ކުލި މައާފްކޮށްފީމެކޭ ނުދެންނެވޭނެއެވެ. ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކަށް ބަދަލު ގެނައުމުގެ ގާނޫނީ ހައިސިއްޔަތެއް މަނިކުފާނަކަށް ނެތެވެ. އެއީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ވެސް ލިބިގެންވާ އިހުތިޔާރެއް ނޫނެވެ. އަދި އެޗްޑީސީއަކަށް ވެސް، ވަކި ބައެއްގެ ކުލި މައާފްކޮށްދިނުމުގެ އިހުތިޔާރެއް ނެތެވެ.
ދެ ސަބަބަކަށްޓަކައެވެ. ފުރަތަމަ ކަމަކީ ކުއްޔާއި ކުލި ނުދެއްކުމުގެ ޖޫރިމަނާ މައާފްކުރެވޭނެ އުސޫލެއް އެއްބަސްވުމުގައި ވެސް ބަޔާންކޮށްފައި ނެތުމެވެ. ދެ ވަނަ ސަބަބަކީ، ވަކި ބައެއްގެ އަތުން ކުލި ނަގާފައި، އަނެއް ބައެއްގެ އަތުން ކުލި ނުނަގައި މައާފްކުރުމުން، އަސާސީ ހައްގުތައް ލިބިދިނުމުގައި ދައުލަތުގެ ފަރާތުން ދަމަހައްޓައި ނަގަހައްޓަންޖެހޭ ހަމަހަމަކަމުގެ އަސާސް ފުނޑުފުނޑު ކޮށްލެވޭތީއެވެ.
އެއް ބަޔަކު ދަރައި ވިކިގެން ވެސް، ވެފައިވާ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމަށްޓަކައި ކުލި ދައްކަނީއެވެ. ކުލި ނުދެއްކި އެންމެ 24 ގަޑިއިރު ފާއިތުވިޔަސް، އެއަރާ ޖޫރިމަނާ ވެސް ދައްކަނީއެވެ. އަނެއް ބަޔަކު އެޕާޓްމަންޓް ކުއްޔަށް ދީގެން ލިބޭ ބޮޑު ނަފާއިން އެކައުންޓްތައް ފުރަމުން، އަދި އަގު ބޮޑު ދިރިއުޅުމުގެ އުފާ ލިބިގަންނަމުން ދާއިރު، ދައުލަތަށް ދައްކަންޖެހޭ ކުލި ނުދައްކައި ހެވިފައި ތިބެންވީއެވެ. އާހިރުގައި ރައީސުލްޖުމްހޫރިއްޔާ އެމީހުންނަށް ދެއްވަނީ ދީލަތި މައާފެކެވެ.
ހަމަހަމަކަމަކީ ކޮބައިތޯއެވެ؟ ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަކީ މިއީތޯއެވެ؟ ރައްޔިތުންގެ މެދުގައި ތަފާތު ނުކުރުމަކީ މިއީތޯއެވެ؟ އަރިހުގައި ސަނާ ދަންނަވަން ތިއްބެވި ދީނީ އިލްމުވެރިން ބުނެދެއްވާ އަދުލުވެރިކަމަކީ މިއީތޯއެވެ؟ ވެރިކަން ހޯއްދެއްވުމަށްޓަކައި ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ އަގަކީ މިއީތޯއެވެ؟
ހިޔާވަހިކަމަކީ ގާނޫނުއަސާސީގެ 23 ވަނަ މާއްދާއިން، ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ. އަދި ކޮންމެ ރައްޔިތަކަށް މި ހައްގު ހޯދައިދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެކެވެ. އަދި މި ހައްގު ކަށަވަރުކޮށްދިނުމުގައި، އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމާއި ހަމަހަމަކަން ގާއިމުކުރުމަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެކެވެ.
ނަމަވެސް މަނިކުފާނު ތިޔަ ކަންތައް ކުރައްވަނީ ދިމާ އިދިކޮޅަށެވެ. ވަކި ގޮތަކަށް ދިވެހި ދައުލަތާ އެކު އެއްބަސްވެގެން ފްލެޓާ ހަވާލުވުމަށް ފަހުގައި، އެތަނަށް ދައްކަންޖެހޭ ކުލި ނުދެއްކުމުން، އެމީހުން ދައްކަންޖެހިފައި އޮތް ކުލި މައާފްކޮށްދިނުމަކީ، ފާޅުގައި ކަނޑައެޅިގެން ވަކި ބަޔަކަށް ދައުލަތުން ނުހައްގު އިނާޔަތްތަކެއް ދިނުމެވެ. އެއްވެސް ހަމައެއް އުސޫލެއް ނެތި، ރައްޔިތުންގެ މެދުގައި ތަފާތުކުރުމެވެ. އެއީ ހަމަހަމަކަން ނައްތައިލުމެވެ.
ފްލެޓްތަކުގެ ކުލި މައާފްކޮށްދިނުމަކީ، އަދުލުވެރިކަމުގެ މިންގަނޑުން ބެލިޔަސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ސަބަބަކީ، ކުލި ނުދައްކައި ތިބި އެތައް ހާސް ބަޔަކަށް ކުލީގެ އަފޫ އާންމެއް ތިޔަ ދެއްވީ، އެއްވެސް ވަރަކަށް ކަމުގެ ހަގީގަތް ބެއްލެވުމެއް ނެތިއެވެ. ކުލި ނުދައްކައި އުޅޭ މީހުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން، ކުލި ދައްކަން އުޒުރުވެރިވެފައި ތިބި މީހުންނަށް، ހަމަޖެހިފައި އޮތް އުސޫލެއްގެ ތެރެއިން ލުޔެއް ދިނުމަށް ދެކޮޅު ހަދަނީކީ ނޫނެވެ.
ނަމަވެސް، ތިޔަ ގޮތަށް ފްލެޓްތަކުގެ ނުދައްކައި ހުރި ހުރިހާ ކުއްޔެއް މައާފްކޮށްދިނުމަކީ، ގަވާއިދުން ކުލި ދައްކަމުން އަންނަ މީހުންނަށް ދިން އަނިޔާއެކެވެ. އެމީހުންނަށް ކުރި މަލާމާތާއި ފުރައްސާރައެކެވެ. ތިޔަ ފައިދަށުލެއްވީ ދައުލަތް ހިންގުމުގައި ދަމަހައްޓަންޖެހޭ އަދުލުވެރިކަމުގެ އަސާސެވެ. ތިޔަ ރޫޅައިލެއްވީ ރައްޔިތުންގެ މެދުގައި ދަމަހައްޓަންޖެހޭ ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ ބިންގަލެވެ.
މަނިކުފާނު މުޅި ދިވެހި އުންމަތަށް ތިޔަ ހިއްވަރު ދެއްވަނީ، ވައުދަށް ކަމޭ ނުހިތުމަށެވެ. އެއްބަސްވުންތައް ތަންފީޒު ނުކުރުމަށެވެ. އަހުދަށް ވަފާތެރި ނުވެ ޣަދަރުވެރިވުމަށެވެ. މިއީ ކަނޑައެޅިގެން އިސްލާމީ ޝަރީއާގެ ނައްސުތަކުން ނަހީކުރައްވާފައިވާ ކަންކަމެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާ، ބޭއިންސާފާއި ތަފާތުކުރުމުގެ މަގަށް ރައްޔިތުން ލަވަމުން ދާއިރު، އެއީ އަދުލުވެރި ވެރިއެކޭ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟
ކަމެއް ކުރައްވަންޏާ، މީގެ ކުރިން ވެސް ވައުދުވެފައިވާ ގޮތަށް، ނުދައްކައި ހުރި ކުލިތައް އެމީހުންގެ އަތުން އަތުލައްވާށެވެ! ނުވަތަ ކުލި ނުދައްކާ ހާލަތުގައި އަމަލުކުރުމަށް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމުގެ ހިތްވަރު ކުރިއަށް ނެރުއްވާށެވެ! ވޯޓުގެ ދަށުގައި ފިތިފައި ހުންނަވައިގެން، ރައްޔިތުންގެ ހައްގުތަކަށް އަރާވަޑައިނުގަންނަވާށެވެ! ކުރިއަށް އޮތް އިންތިހާބުގެ ދަހިވެތިކަމުގައި، ތިޔަ ގޮތަށް ރައްޔިތުންގެ މެދުގައި ތަފާތު ނުކުރައްވާށެވެ!
މަގާމާއި ހައިސިއްޔަތުގެ ހިޔަނި ފެނުމުން، ތިމާގެ ސައިޒު މާ ބޮޑުކަމަށް ހީވިޔަސް، އަސްލު ސައިޒަކީ ވޯޓު ކަރުދާހުގައި ރައްޔިތުން އެ ޖަހާ ފާހަގައިގެ ބޮޑުމިން ނޫންތޯއެވެ! އެހެންވީމާ، ތިޔަ ގޮތަށް ރައްޔިތުންނަށް އަނިޔާވެރި ނުވާށެވެ! ހަމަހަމަކަން ގާއިމުކުރައްވާށެވެ! އަދުލުވެރިވެވަޑައިގަންނަވާށެވެ!
މަނިކުފާނު ތިޔަ އުފެއްދެވީ ދިވެހި ރައްޔިތުންގެ މެދުގައި ބޮޑު ފިތުނައެކެވެ. އެ ފިތުނައިން ދެން ސަލާމަތެއް ނުވެވޭނެއެވެ. މިހާލަތުގައި އެންމެ އަދުލުވެރި ގޮތަކަށް ވާނީ، މިހާރު ކުލި ދައްކަމުން އަންނަ މީހުން ވެސް، އެއްވެސް ފްލެޓެއްގެ ކުލި ނުދެއްކުމެވެ. ޔަގީނުން ވެސް ކަށަވަރުވާ ކަމަކީ، ކުލި ނުދެއްކިޔަސް އެއްވެސް ފްލެޓެއް އަތުނުލެވޭނެ ކަމެވެ. ފްލެޓްތަކުން މީހުން ނެރެ މަގުމަތިކޮށެއް ވެސް ނުލެވޭނެއެވެ. އެ ހިއްވަރެއް ދިވެހި ސަރުކާރަކު ނުހުންނާނެއެވެ.
ވިސްނަވާށެވެ! މާލެއިން ބިންކޮޅު ދޫކޮށްލުމަށް އެއްބަސްވުމުން – ރައީސް ނަޝީދުގެ ވެރިކަމުގައި – ހުޅުމާލެއިން ގޯތި ދިން މީހުންގެ ތެރެއިން، ދޫކޮށްލަންޖެހޭ ބިންކޮޅު ދައުލަތާ ހަވާލުނުކޮށް ކިތައް މީހުން އެބަތިބި ހެއްޔެވެ؟ އެ ގޯތިތައް ދިން ފަހުން ބަދަލުވެގެން މިދިޔައީ ކިތައް ސަރުކާރުތޯއެވެ؟ އެމީހުން މާލެއިން ދޫކޮށްލަންޖެހޭ ބިންކޮޅުން ވެސް ނަފާ ހޯދަނީއެވެ. ހުޅުމާލެއިން ލިބުނު ގޯތިވެސް ބުރިބުރިއަށް ނަގައިގެން ކުއްޔަށް ދީގެން ނަފާ ހޯދަނީއެވެ. ދިވެހި ދައުލަތް ކޮބައިތޯއެވެ؟
ރައްޔިތުންގެ ހައްގު ހޯދާނީ ރައްޔިތުންނެވެ. ހަމަހަމަކަމާއި އަދުލުވެރިކަން ވެސް ހޯދަންވީ ރައްޔިތުން އަމިއްލައަށެވެ. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް އަދި ފީއެއް ދައްކާނެ ކަމެއް ނެތެވެ. ވަކި ބައެއްގެ ޓްރެފިކް ޖޫރިމަނާ އާއި އަހަރީ ފީ މައާފްކޮށްދޭ އިރު، އެހެން މީހުން އެ ޖޫރިމަނާ އާއި ފީތައް ދައްކަންޖެހޭ އަސާސެއް ނެތެވެ. ވަކި ބައެއްގެ ފްލެޓްތަކުގެ ކުލި މައާފްކޮށްދޭ އިރު، އެހެން މީހުން އެ ކުލިތައް ދައްކަންޖެހޭނެ ހަމައެއް ނެތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި މިހާރު އޮތީ ދެ ގޮތުން ކުރެ އެއް ގޮތެވެ. އެއް ގޮތަކީ، ތިޔަ މައާފްކުރެއްވި ކުރެއްވުން އަނބުރާ ގެންދަވައި، އެއްބަސްވުންތަކުގައި ހުރި ގޮތަށް އަމަލުކޮށް ކުލިތައް އަނބުރާ ދައުލަތަށް ހޯއްދެވުމެވެ. ދެ ވަނަ ގޮތަކީ، ތިޔަ މައާފްކުރެއްވި ކުލިތަކާ ގުޅޭ ފްލެޓްތަކުގެ ސްކީމްގައި ހިމެނޭ ފްލެޓްތަކުގެ ތެރެއިން މިހާތަނަށް ކުލި ދައްކާފައިވާ މީހުންގެ ފައިސާ އަނބުރާ އެމީހުންނަށް ރުޖޫއަކޮށްދިނުމެވެ.
މިއިން ކޮންމެވެސް އެއް ގޮތަކަށް ސަރުކާރުން ނުނިންމާހާ ހިނދަކު، އެއްވެސް ފްލެޓަކަށް ދިވެހި ރައްޔިތަކު ދެން ކުލި ދައްކާނެ ކަމެއް ނެތެވެ. ކުލި ނުދެއްކިޔަސް ކޯޓަކަށް ވެސް ނުދެވޭނެއެވެ. އަދި ފްލެޓު އަތެއްވެސް ނުލެވޭނެއެވެ. ފްލެޓަކުން ނުވެސް ނެރެވޭނެއެވެ. ބާރު އޮތީ ރައްޔިތުންގެ އަތުގައެވެ. މަގު ގެއްލިފައިވާ ވެރިއަކު ހަމަ މަގަށް އެޅުވޭތީ ރައްޔިތުން، އެބައިމީހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެންނެވެ.
ސިޓީބިޓީ: ފްލެޓަށް ކުލި ދައްކާނެ ކަމެއް ނެތް، ފްލެޓް އަތެއް ނުލެވޭނެ! ސިޓީބިޓީ: ފްލެޓަށް ކުލި ދައްކާނެ ކަމެއް ނެތް، ފްލެޓް އަތެއް ނުލެވޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ