ތަކުރާރުކޮށް އެއް އިރުޝާދެއް ދޭން ނުޖެހޭ ގޮތަށް، ޗެޓްޖީޕީޓީއަށް 'ސްކިލްސް' ފީޗާއެއް ތަޢާރަފުކުރަނީ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދާއިރާގައި އެންމެ ކުރީގައި އުޅޭ ކުންފުނި، އޯޕަންއޭއައިއިން އެ ކުންފުނީގެ މަޝްހޫރު ޗެޓްބޮޓް "ޗެޓްޖީޕީޓީ"އަށް "ސްކިލްސް"ގެ ނަމުން އައު ފީޗާއެއް އިތުރުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ ޔޫޒަރުން ތަކުރާރުކޮށް އެއް އިރުޝާދުތަކެއް ނުވަތަ ޕްރޮމްޓްތަކެއް ދޭންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށް ތަޢާރަފުކުރާ ފީޗާއެކެވެ. މިދިޔަ ހަފުތާގައި އެ ކުންފުނިން ވަނީ ޑިވެލޮޕަރުންނަށް ޚާއްސަ އޭއައި ކޯޑިން އޭޖެންޓް "ކޯޑެކްސް"އަށް ވެސް މި ފީޗާ ތަޢާރަފުކޮށްފައެވެ. https://sun.mv/215702 އޭއައިއާރްޕީއެމްގެ ލީޑް އިންޖިނިއާ ޓިބޯ ބްލަހޯ، 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކޯޑެކްސް އަށްފަހު އޯޕަންއޭއައިއިން ދެން އަމާޒު ހިފާފައިވަނީ ޗެޓްޖީޕީޓީއަށް ސްކިލްސް ގެނައުމަށް ކަމަށެވެ. ސްކިލްސްއަކީ ކުރު އަކުރުތަކެއް ނުވަތަ ޝޯޓްކަޓްތަކެއް ބޭނުންކޮށްގެން، ކުރިން ރާވާފައިވާ ޚާއްސަ ކޮމާންޑްތަކެއް ނުވަތަ އިރުޝާދުތަކެއް ޗެޓްގެ ތެރެއަށް ގެނެސްދޭނެ ފީޗާއެކެވެ. މީގެ ސަބަބުން ކޮންމެ ވަގުތަކުވެސް، އަދި އާ ޗެޓް ސެޝަނެއް ފެށި ނަމަވެސް ފަސޭހަކަމާއެކު އެ ޚާއްސަ އިރުޝާދުތައް ބޭނުންކުރެވޭނެއެވެ. މިސާލަކަށް ރިސާޗް މަސައްކަތެއް ކުރާ މީހަކު، އޭއައި އިން ދޭ ޖަވާބުތަކަކީ ހަމައެކަނި ދީފައިވާ މަޢުލޫމާތުގެ ނުވަތަ ލިންކުތަކުގެ މައްޗަށް ބިނާކޮށް ދޭ ޖަވާބުތަކެއްކަން ކަށަވަރުކުރަން ބޭނުންވާނަމަ، ކޮންމެ ފަހަރަކު އެ ވާހަކަ ލިޔުމުގެ ބަދަލުގައި އެކަމަށް ޝޯޓްކަޓެއް ހަދާލެވޭނެއެވެ. ހަމައެގޮތަށް ވަކި ގޮތަކަށް ޕެރެގްރާފްތައް އެކުލަވާލުމަށާއި، ވަކި ޢަދަދަކަށް ބަސްތައް ބޭނުންކުރުމަށް ޝަރުޠުކުރުން ފަދަ ކަންކަން އެންމެ ކޮމާންޑަކުން ފަރުޖައްސާލެވޭނެ ގޮތް މި ފީޗާ މެދުވެރިކޮށް ހަދާލެވޭނެއެވެ. ކޯޑެކްސްގައި ސްކިލްސް ހިމެނުމުގައި އޯޕަންއޭއައި އިން ބޭނުންކޮށްފައިވަނީ އެންތްރޮޕިކްގެ އޭޖެންޓްސްކިލްސް ސްޓޭންޑަޑެވެ. ޗެޓްޖީޕީޓީގައި ވެސް މިކަން މަސައްކަތްކުރާނީ ހަމަ އެގޮތަށް ކަމަށް ބެލެވެއެވެ. އެގޮތުން ޔޫޒަރުންނަށް މި ފީޗާ ބޭނުންކުރެވޭނީ ކީބޯޑުގައި އިންނަ "ފޯވަޑް ސްލޭޝް" (/) އަށް ފިތާލުމަށްފަހު، އެ ހަދާފައިވާ ޝޯޓްކަޓް ޖަހާލުމުންނެވެ. މިއީ ޔޫޒަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ގޮތަކަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ. ބްލަހޯ ހާމަކުރި ގޮތުގައި، މި ފީޗާގެ އިތުރުން ހަދާފައިވާ ސްކިލްސްތައް ބަދަލުކޮށް އިސްލާހުކުރުމަށް "ސްކިލްސް އެޑިޓާ" އެއްވެސް ހިމެނޭނެއެވެ. އަދި މީގެ އިތުރުން، މިހާރު ޔޫޒަރުން ހަދާފައިވާ "ކަސްޓަމް ޖީޕީޓީ"ތައް "ސްކިލްސް"އަށް ބަދަލުކުރެވޭނެ ގޮތް ހެދުމަށް ވެސް އޯޕަންއޭއައިއިން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކަސްޓަމް ޖީޕީޓީ އާއި ސްކިލްސްގެ އެންމެ ބޮޑު ތަފާތަކީ، ޖީޕީޓީތައް މަސައްކަތް ކުރަނީ ހަމައެކަނި އެކަމަށް ޚާއްސަ ޗެޓް ސެޝަނެއްގައި ކަމަށް ވީނަމަވެސް، "ސްކިލްސް" ފީޗާ ބޭނުންކޮށްގެން ކޮންމެ ޗެޓެއްގެ ތެރޭގައި ވެސް ޝޯޓްކަޓްތައް ބޭނުންކުރެވޭ ކަމެވެ. މިހާރު ފެތުރެމުންދާ މި ވާހަކަތަކާ ގުޅިގެން އޯޕަންއޭއައިއިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ