ބޭރު ގައުމުތަކުގައި ފުޅާކޮށް ޑުރަގް ވިޔަފާރިކުރާ 3 ދިވެއްސަކު ރާއްޖެ ގެންނަަން އެބަ މަސައްކަތްކުރަން: ފުލުހުން
މިވަގުތު ވެސް ތިން ދިވެއްސަކު ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަ ކަމަށާއި، ކަމާ ގުޅުންހުރި ފަރާތްތަކާ އެ މީހުންގެ މައުލޫމާތުތައް ހިއްސާކޮށް، ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، ފުލުހުން މިއަދު ބުނެފިއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު (ޑީއީޑީ)އިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ސަން'އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް ޗީފް ސުޕްރިންޓެންޑެންޓު އަޙްމަދު ނާޢިފް ވިދާޅުވީ، ބޭރު ގައުމުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތިން ދިވެއްސަކު ގެނައުމަށް މަސައްކަތްކުރާއިރު، ބައެއް މީހުން އެކަން ކުރުމަށް ރާއްޖެ ފިލައިގެން ދާން އުޅެނިކޮށް ހުއްޓުވާފައިވާނެ ކަމަށެވެ. "އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ގާއިމްވެގެން ތިބި ކަމުގައިވިޔަސް، މިފަދަ ޖިނާއީ ކުށްކުރާ ފަރާތްތައް އިންޓަޕޯލް ރެޑްނޯޓިސް ނެރެގެން ވިޔަސް ވެސް ދިވެހިރާއްޖެއަށް ގެނެސްގެން އެ ފަރާތްތަކުގެ މައްޗަށް ތަހުގީގު ހިންގާނެކަން،" ނާޢިފް ވިދާޅުވިއެވެ. އެކަމަކު އިންޓަޕޯލް ރެޑް ނޯޓިސް ނެރެ މިހާތަނަށް އެކަކު ވެސް އަދި ނުގެންނަ ކަމަށް ނާޢިފް ވިދާޅުވިއެވެ. ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް ޗީފް ސުޕްރިންޓެންޑެންޓު އަޙްމަދު ނާޢިފް --- ފޮޓޯ: ފުލުހުން ނާޢިފް ވިދާޅުވީ، ބޮޑަށް ފާހަގަވަނީ ތައިލޭންޑާއި މެލޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާގެ އެހެނިހެން ގައުމުތަކުގައި ގާއިމްވެ ތިބެ، އެ ފަރާތްތަކުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށެވެ. "އެގޮތުން އެއާ ކާގޯ މެދުވެރިކޮށް ސީ ކާގޯ މެދުވެރިކޮށް، އަދި ޚާއްސަކޮށް އިލެކްޓްރިކް އައިޓަމްތަކުގައި ބަދިގޭގައި ގެންގުޅޭ ސާމާނުތަކުގެ ތެރޭގައި ހިމެނޭ އަވަނާއި ތެއްޔާ މިކަހަލަ އެއްޗެހީގެ ތެރޭގައި ކޮންސީލްކޮށްގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި ފޮނުވަމުންދާކަން،" އޭނާ ވިދާޅުވިއެވެ. އެހެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނާޢިފް ވިދާޅުވިގޮތުގައި، ބޭރު ގައުމުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ތެރޭ ޖިނާއީ އެކި ރެކޯޑުތަކުގެ މައްސަލަތައް ހުރި މީހުން ވެސް ހިމެނެއެވެ. ނާޢިފް ވިދާޅުވީ، ރެޑް ނޯޓިސް ނެރުމަށްފަހު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ރާއްޖެ ގެނައުމަކީ ބޮޑު މަސައްކަތެއް ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތަށް މަސައްކަތްކުރަންޖެހޭއިރު، މި މަސައްކަތުގައި ކޯޓު މަރުހަލާ ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. ޑީއީޑީގެ ހެޑު، ސުޕްރިންޓެންޑެންޓް އަޙްމަދު މުސްލިމް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކުރުމަށް ބޭރުގެ އިދާރާތަކުގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ