ލިސާން 52
ކޮޓަރީގެ ހުރިހާ ލައިޓްތަކެއް ދިއްލާލައިގެން އޮތްއިރު އިރުއިރުކޮޅަކާ ދެފަރާތަށް ކަޅި ހިންގެމުން ދިޔައެވެ. ޝާރިފްއަށް ހީވަނީ އޭނައަށް އެފެނުނު ބިރުވެރި އެތި މިހާރުވެސް އޭނައަށް ބަލަހައްޓައިގެން ހުރިހެންނެވެ. ލޯ މަރައިލިޔަސް ހީވަނީ އެ މަންޒަރު ސިފަވާހެންނެވެ. ހާމިދަށް ގުޅުމަށްޓަކާ ފޯނު ނަގާފައިވެސް އޭނަ މަޑުޖެހިލިއެވެ. އަދި އަނެއްކާވެސް އޮތްގޮތަށް އޮތީއެވެ. އެހިތަކުން ބިރުވެރިކަމެއް ފިލައިގެނެއް ނުދެއެވެ. ޝާރިފްގެ ހަނދާނަށް އަންނަން ފެށީ މީގެ ކުރިން، ހާމިދު ދައްކާފައިވާ ވާހަކަތަކެކެވެ. އޭނައަށް ބިރުވެރިކަންތައް ދިމާވިނަމަވެސް ބިރުނުގަތުމަށް ވަނީ އަންގާފައެވެ. އެއީ ވަގުތީކަމެއްކަމުގައިވެސް ވަނީ ބުނެފައެވެ. އަދި ރަނީމް ހާސިލްކުރުމަށް ޤުރުބާނީތަކެއް ވާންޖެހޭ ކަމުގައިވެސް ވަނީ ބުނެފައެވެ. އޭނަ ވަނީ ރަނީމް ހާސިލްކުރުމަށް ކޮންމެ އެއްޗެއް ޤުރުބާން ކުރަންވެސް ފަސް ނުޖެހޭނެކަމަށް ބުނެފައެވެ. ޝާރިފް ފުންނޭވާއެއް ދޫކޮށްލިއެވެ. ***** "އަހަރެން ދަނީ..." ރައާބިލް ބުނެލިއެވެ. ނަމީރު ލުއިކޮށް ހިނިތުންވެލާފައި ބޯ ޖަހައިލިއިރު މިއިން ދުވަހަކު އޭނާގެ ހިތަށް ނުލިބޭހާ ހިތްހަމަޖެހުމެއް އޭނައަށް ލިބިފައިވެއެވެ. ރަޙްމަތްތެރިޔާއަށް ޝުކުރުވެރި ބެލުމަކުން އޭނަ ބަލައިލިއެވެ. ވަރަ އެނދުމުން ލިބުނު ވޭނާ ތަކުލީފަށްވެސް ރައާބިލްގެ މާފުގެ ސަބަބުން ލުއި ލިބިގެން ދިޔަ ފަދައެވެ. އެތަކެއް ދުވަހަކަށްފަހު، އޭނަގެ ހިތަށް ފިނިކަމެއް ލިބިގެންދިޔައެވެ. ބޮލުން ހީވީ ބަރު އެއްޗެއް ނަގާ ދުރަށް އެއްލައިލިހެންނެވެ. އޭނަ ރައާބިލްއާއެކު ދާން އުޅުމުން އަރާމުކުރުމަށް ބުނެފައި ރައާބިލް ދެކޮޅު ހެދިއެވެ. ނަމީރުގެ ހަށިގަނޑުވަނީ ވަރަށް ބަލިކަށިވެފައިކަން ރައާބިލްއަށް އެނގެއެވެ. "އަހަންނާ މެދު ކަންބޮޑުނުވޭ." ރައާބިލް ނަމީރަށް ބަލައިލިއެވެ. "އެކަމަކު އަހަރެންގެ ބައްޕަ..." ނަމީރަށް ބުނެވުނެވެ. އޭނަގެ އަޑުން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވެއެވެ. "އަހަރެން މިތަނަށް އައިކަން މިހާރު ނަމީރުގެ ބައްޕައަށް ނޭނގި ނުހުންނާނެ. ހައްޔަރުކޮށް އަނިޔާކުރަން ބޭނުންވިނަމަ، މިހާރު އައިސް އެކަން ކޮށްފާނެ." ރައާބިލް ވިސްނައިލަމުން ބުނެލިއެވެ. އޭނައަށް އިންޖާބު ވަރަށް ރަނގަޅަށް އެނގެއެވެ. ހަޤީޤަތުގައި އެހެން ބުނެލި ނަމަވެސް ރައާބިލް ހުރީ ކުޑަކޮށް ނުތަނަވަސްވެފައެވެ. އިންޖާބު ހަމަ ހަޤީޤަތުގައިވެސް ފަހަތަށް ޖެހުނީބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. ނޫނީ ފަރުދާގެ ފުރަގަހުގައި ހުރެގެން އޭނަ އަނެއްކާ ބޮޑު ރޭވުމެއް ރާވަނީ ހެއްޔެވެ؟ ރައާބިލް ގޮސް ކޮޓަރިން ނުކުތުމާއެކު ޝައިސްތާއާ ބަތީލާއާ ދެމީހުންވެސް ރައާބިލްއަށް ޝުކުރުވެރި ބެލުމަކުން ބަލައިލިއެވެ. އެއާއެކު ރައާބިލް ނާވީއަށް ބަލައިލުމަށްފަހު، އޭނަ ދަނީކަމުގައި ބުނެލިއެވެ. ނާވީ ވެސް އޭނަ އަންނާނަން ކަމުގައި ބުނެ ރައާބިލްއާއެކު ދިޔައީއެވެ. ރުއްފާތެރެއިން ނުކުމެގެން ދެމީހުން ރަނީމްމެން ގެއާ ދިމާލަށް މިސްރާބުޖެހި ވަގުތު ނާވީގެ ނަމުން ގޮވާލައިފިއެވެ. ދެމީހުން އެއްފަހަރާ ބަލައިލިއިރު ހުރީ ދައިސަމްއެވެ. އޭނަ ފެނުމުން ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެގެން އުޅޭކަން ނާވީއަށް ނަގައިގަނެވުނެވެ. ނާވީ ރައާބިލް ފޮނުވައިލުމަށްފަހު ގޮސް ދައިސަމްގެ ގާތުގައި ހުއްޓުނެވެ. އެ މޫނުމަތީގެ ކަންބޮޑުވުމުގެ އަސަރުތައް ދެނެގަތުމާއެކު ވެގެން އުޅޭ ގޮތާ ބެހޭގޮތުން އޭނައަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނެވެ. "ކިހިނެއްވީ؟ ކަލޭ ކޮންކަމަކާ ހާސްވެފަ؟" ނާވީއަށް ބުނެވުނެވެ. "އަހަންނަށް މިރޭ ވަރަށް އެހެން ކަހަލަ މަންޒަރެއް ފެނިއްޖެ. އަހަންނަށް ޔަޤީން ބަޔަކު ރަނީމްއަށް ސިހުރު ހަދާކަން..." ދައިސަމް ބުންޏެވެ. "ސިހުރޭ؟" ނާވީއަށް ލިބުނީ ހައިރާންކަމެކެވެ. "ކިޔައިދީ. ކޮންކަމެއް ކަލެއަށް ފެހުނީ؟" "އެއީ ރަނީމްއާއެކު މަސައްކަތްކުރާ މީހެއް.... އޭނަ އެކަން ކުރީ.... ސިހުރު ހެދި މީހާ އެކަންތައް ކޮށްފައިވަނީ އެހުރި ރުއްފާތެރޭގަ." ދައިސަމް އޭނައަށް އެނގޭ މިންވަރަކަށް އޮޅުން ފިލުވައިދޭން މަސައްކަތްކުރިއެވެ. ނާވީއަށް ވަށައިގެން ބަލައިލެވުނެވެ. ދައިސަމް އެބުނި ވާހަކައަކުން އޭނަގެ ހިތަށް ބިރުވެރިކަން ވަނެވެ. ކަންބޮޑުވެ ހާސްވާގޮތްވިއެވެ. ދައިސަމް މިރޭ އޭނައަށް ފެނުނު މަންޒަރު ނާވީއަށް ކިޔައިދިނެވެ. ނާވީގެ މޫނުމަތީގައިވި ހާސްކަން ދެގުނަވެގެން ދިޔައެވެ. "ކަލޭ ކީއްވެ އެކަން ނުހުއްޓުވީ؟" ނާވީ ކުޑަކޮށް ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. އޭނަ ރަނީމްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދައިސަމް ބަހައްޓާފައި އެހުންނަނީ ކަމެއްވެގެންނެވެ. ނާވީގެ ހަރުކަށިކަމާއި ރުންކުރުކަން ހަޤީޤަތުގައި ގުޅިފައިވަނީ އޭނަގެ ކަންބޮޑުވުމާއެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް އިތުބާރުކުރާ އެކުވެރިޔާ، ރަނީމްއަށް ގެއްލުމެއް ލިބޭތަން ބަލަން ނުހުންނާނެކަމުގައިވެސް މިވަގުތު ވިސްނާލާކަށް ނޭނގުނެވެ. އެއަށްވުރެ ބޮޑަށް އޭނަ ހުރީ ރަނީމްއާ މެދު ކަންބޮޑުވެފައެވެ. "ކަލޭއަށް ހީވޭތަ ކޮންމެކަމެއް ވަރިހަމަވެގެން އަހަރެން ހުންނާހެން؟ ރަނީމްއަށް ކަމެއް ވަންޏާ ކަލޭއަށް ޚަބަރު ނުދީ ހުންނާނެހެން. އޭނަ ދިޔަތާ އަދި މާ ގިނަ އިރެއް ނުވޭ. އަހަރެން މިދަނީ ވަރަށް ގާތުން ހުރިހާކަމެއް ބަލަމުން..." ދައިސަމްއަށް ބުނެވުނެވެ. ނާވީ އެހެން އެބުނީ ކޮންމެހެން އޭނައަށް އިތުބާރު ނުކުރާތީ ނޫންކަން އެނގުނު ނަމަވެސް، އެކުވެރިޔާއަށް ވިސްނައިދޭން އޭނަ ބޭނުންވީއެވެ. ނާވީއަށް ވެސް ވިސްނައިލެވުނީ ދެނެވެ. މިހުރިހާ ދުވަހު އޭނައަށް ދިމާވި ކޮންމެ ކަމެއްގައި ގާތުގައި ހުރި އެކުވެރިޔާއާ މެދު ޝަކުވާ ކުރެވުނީތީ ދެރަވެސް ވިއެވެ. "އެންމެ ރަނގަޅޭ. ދެން އެކަމާ ނުވިސްނާ... އަހަރެން މި ދައްކާ ވާހަކަ އަޑު އަހާ..." ދައިސަމް ނާވީގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އެއަށްފަހު ފެނުނު މަންޒަރު ކިޔައިދޭން ފެށިއެވެ. "އޭނަ ސައިކަލު ބެހެއްޓީ މި ދިމާލުގަ. ބަހައްޓާފަ ގޮސް ގޭގެ ދޮރުމަތީގައި އެ ތަވީދު ވަޅުލީ... އެކަމުން އެނގެނީ އެކަން ކުރީ ރަނީމްއަށްކަން. ރަނީމް ބޭރަށް ނުކުންނައިރު އޭގެ މައްޗަށް ރަނީމްއަށް އެރޭނެހެން. އަހަރެން މިތަނުގައި އިނދެފައި އޭނައާ ކުރިމަތިލާން ދިޔައިން. އެކަމަކު ވަކި ހިސާބަކުން ފަސްޖެހެވުނީ، އެ ފިރިހެން ސޮރުގެ ކައިރީގައި ހުރި ބިޔަ މާރިދު ފެނިފަ. އެއީ އަހަރެމެންނާ މުޅީން ތަފާތު މަޚްލޫޤެއް. ބާރުގަދަ މަޚްލޫޤެއް. އޭތި ހުރީ އެ ތަވީދުގެ ހިމާޔަތުގައި ކަން އަހަންނަށް އެނގޭ. އެހެންވެ އަހަރެން މަޑުޖެހުނީ ރަނީމް އެއަށް ނާރާހާ ހިނދަކު އެ ޖިންނިއަށް ރަނީމްގެ މައްޗަށް ބަރު ނުފޯރުވޭނެކަން އެނގޭތީ... އެ ވަޅުލުމަށްފަހު އޭނަ ގޮސް ގެއަށް ވަންނަންދެން އަހަރެން އޭނައަށް ފާރަވެސް ލީން. އިތުރު ކަމެއް ކުރޭތޯ ބެލިން. އެ ހުރިހާކަމެއް ބަލާފައި އަހަރެން އަނެއްކާވެސް އައިސް އެ ތަވީދުގެ ހަޤީޤަތް ބެލުމަށްޓަކައި އެތަނާ ކައިރިވެވޭތޯ އުޅުނިން. އެކަމަކު އެ މާރިދުގެ ސަބަބުން ފަސްޖެހެވުނީ. އެވަގުތު ތަޅާފޮޅަން ބޭނުންނުވާތީ. މިވަގުތަށް ރަނީމްގެ ރައްކާތެރިކަން ކަށަވަރުކުރަން އަހަރެން ބޭނުންވީ... އަހަރެން ބޭނުންނަމަ އެ އެއްޗާ ކުރިމަތިލެވުނީސް. އެކަމަކު އެހެން ކަންތައްކޮށްފިނަމަ، ރަނީމްއާ އަހަރެމެންނާ ގުޅުން އޮތްކަން އެނގި ރަނީމްއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، ޖެހިލުންވީ... އެ ޖިންނިވަނީ ސިހުރުވެރިއަކާ ގުޅިފަ. އަހަރެމެން އެ އެއްޗާ ކުރިމަތިލާ ހިސާބުން އެ ސިހުރުވެރިޔާއަށްވެސް އެކަން އެނގޭނެ. ނަސީބެއް ކަލޭއާ ރަނީމްގެ ބައްޕަވެސް އެވަގުތު ނެތްކަން. އަދި ރަނީމްގެ އަތުގައި އޭނަގެ ހަށިރައްކަލަށް އަޅުވާފައި އޮތް އުޅާ އޮތްކަންވެސް. އެހެން ނޫނީ އެ އެއްޗަށްވެސް ރަނީމްގެ ހަޤީޤަތް އެނގުނީސް... އެއީ އިންސިއެއް ނޫންކަންވެސް" ދައިސަމް އޭނަގެ ކަންބޮޑުވުންތައް ހާމަކުރިއެވެ. ތަފްސީލުކޮށް ހުރިހާ ވާހަކައެއް އޭނަ ކިޔައިދިނެވެ. "އަހަންނަށް މާފުކުރޭ..." ދައިސަމްގެ ވިސްނުން ތޫނުކަން ފަހުންވުމާއެކު އަމިއްލަ ނަފްސު ކުށްވެރިކޮށް ނާވީއަށްއަށް ބުނެވުނެވެ. ވިސްނާނުލާ ބުނަން ނުޖެހޭ އެއްޗެއް ދައިސަމްއާ ދިމާލަށް ބުނެވުނީތީއެވެ. "އޭތި މިހާރު ކޮބާ؟" ނާވީއަށް ބުނެވުނެވެ. "ނެތް. ދިޔަތަނެއް ނޭނގެ. އެ އެއްޗަށް އަމުރު ކޮށްފަ ވަނީ ރަނީމް އެއަށް އެރުމުން ރަނީމްގެ މައްޗަށް ބާރު ފޯރުވަން. އޭގެ ކުރިއަކުން ނުވާނެ..." އެހެން ބުނެލާފައި ދައިސަމްއާ ނާވީއާ ދެމީހުން ގެއާ ދިމާލަށް ދިޔައެވެ. އަދި އެ ވަޅުލިތަނަށް ދައިސަމް އިޝާރާތްކޮށްލިއެވެ. އޭތި ނެގުމަށް މަސައްކަތްކުރާނީ ބާއޭ ނާވީގެ ހިތަށް އެރިއެވެ. "އަހަރެމެންނަށް ގެއްލުމެއް ނުވާނެތަ؟" ދައިސަމްއަށް އަހައިލެވުނެވެ. "ނޭނގެ...." ނާވީއަށް ބުނެވުނެވެ. "އަހަންނަށް ފެންނަނީ ރަނީމްގެ ބައްޕައަށް މިކަމުގެ ޚަބަރު ދޭން. އަދި ރަނީމްއަށްވެސް..." ދައިސަމް އޭނަގެ ޚިޔާލު ފާޅުކޮށްލިއެވެ. "އޭރުން އެމީހުން ކަންބޮޑުވެދާނެ..." ނާވީއަށް ބުނެވުނެވެ. "ރަނީމްއަށް ގެއްލުމެއް ވާކަށް އަހަރެން ބޭނުމެއް ނޫން." "އެނގޭ ތިކަން. އެކަމަކު ރައާބިލްއަކީ އޭނަގެ ބައްޕަ. ރަނީމް ގާތު ނުބުނެއްޏެއްކަމަކު އޭނަގެ ބައްޕަ ކައިރީގައި މި ވާހަކަ ބުނުން ރަނގަޅު...." ދައިސަމް ބުނެލިއެވެ. "ކޮން ވާހަކައެއް؟" އެމީހުންނަށް ސިހުން ލިބުނީ ދާދިގާތުން އިވުނު ރައާބިލްގެ އަޑާއެކުގައެވެ. ސިހިފައި ދެމީހުންނަށް ރައާބިލްއާ ދިމާލަށް ބަލައިލެވުނުއިރު، ހާސްވިއެވެ. "ކިހިނެއްވެގެން މިއުޅެނީ؟" ރައާބިލް އޭނަގެ ސުވާލު ތަކުރާރުކޮށްލިއެވެ. އެންމެފަހުން ނާވީއާ ދައިސަމްއާ ދެމީހުން ވެގެން އުޅޭ ގޮތް އޮޅުންފިލުވައިދިނެވެ. ރައާބިލްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އޭނަގެ ދަރިފުޅަށް ގެއްލުންދޭ ކޮންމެ މީހަކީ އޭނަގެ ދުޝްމަނެކެވެ. އަދި އަމްދުން ސިހުރު ބޭނުންކޮށްގެންނެވެ. އަމިއްލަ ނަފްސުގައި އުފެދުނު ރުޅިވެރިކަން، މީހާގެ ބާރުގެ ދަށަށް ގެނައުމަށްވީ އުނދަގޫކަމަކަށެވެ. ރައާބިލް ލޯ މަރައިލިއެވެ. އޭނަ ބާރުގެ ބޭނުންކޮށްގެން ކަންތައްތަކެއް ދެނެގަންނަން މަސައްކަތްކުރަނީއެވެ. އެހެންނަމަވެސް، ވަރަ ނެތުމުގެ ސަބަބުން ބޭނުންވި ވަރަކަށް ކަންތައްތަކެއް ނުހޯދުނެވެ. އެހެންނަމަވެސް އެކަން ކުރީ ކާކުކަން އޭނައަށް ދެގަނެވުނެވެ. ރައާބިލް ކުއްލިއަކަށް ދެލޯ ހުޅުވައިލިއެވެ. އޭރު އޭނާގެ ދެލޯވަނީ ނޫކުލައިން ދިއްލިފައެވެ. އޭނަ ވަގުތުން ޝާރިފްމެން ގެއާ ދިމާލަށް ދާން ވެގެން އުޅުނެވެ. އެހެންނަމަވެސް ނާވީ އެކަމަށް ހުރަސް އެޅިއެވެ. މިވަގުތު ވިސްނާނުލާ ކުރާ އެންމެކަމަކުން އެކަމުގެ ގެއްލުން ލިބިދާނެކަމުގައި އޭނަ ބުނެދިނުމުން ރައާބިލްވެސް ހަމަޖެހެން މަސައްކަތްކުރިއެވެ. އެރޭ ނާވީގެ އިތުރުން ރައާބިލްވެސް ހޭދަކުރީ އެ ރަށުގައެވެ. އެމީހުން އެގެއިން ދުރަކަށް ނުދެއެވެ. ރަނީމްއާ ސަމްރާގެ ސަލާމަތަށްޓަކާ އެމީހުން ތިބީ ފާރަވެރިވެއެވެ. ***** ހެނދުނުގެ ވަގުތެވެ. ރަނީމް ނިދާ ހޭލުމަށްފަހު ފާޚާނާއަށްވަދެ ތާޒާވެލައިގެން ނުކުތްއިރު މަންމަ އޮތީ ހޭލައެވެ. ކާއެއްޗެއް ތައްޔާރުކުރުމަށްޓަކައި ބަދިގެއަށް ދިޔަ ވަގުތު ހައިފާގެ ފޯނު ކޯލެއް ރަނީމްއަށް ލިބުނެވެ. ހައިފާ އެ އައީ މާލޭގައި އޮތް އިވެންޓެއްގައި އެ ގެސްޓް ހައުސް ތަމްސީލްކުރަން ގޮސް އުޅެފައެވެ. "އަހަރެން މަތިން ހަނދާންވެސް ނެތީ ދޯ. ގުޅާވެސް ނުލާ މިހާރު..." ހައިފާ ޝަކުވާ ކޮށްލިއެވެ. "ނޫން ހައި.... އެހެންވެއެއް ނޫނޭ. ބުނީމެއްނު މަންމަ ބަލި ވާހަކަ. " ރަނީމް މަސައްކަތް ފެށަމުން ފޯނު ސްޕީކަރަށް ލާފައި މޭޒުމަތީގައި ބޭއްވިއެވެ. "މިހާރު ރަނގަޅުތަ؟ މިއަދު ރަނީމްއަށް ގުޅާފަ ހަވީރުން ތިގެއަށް ދާން މިހުރީވެސް....... އަނެއްކާ އޮފީހަށް އައިތަނާ ބޮސް ބުނެފަ ރަނީމްއަށް ގުޅާފަ ބުނަން މިކޮޅަށް އަންނަން. އެހެންވެ މި ގަޑީ މިގުޅީ...ކޮންމެވެސް މީޓިން އެކޯ. ރަނީމް ވަރަށް މުހިންމޯ." ހައިފާ ބުނެލިއެވެ. "އެހެންތަ؟ ޗުއްޓީގައި ތިބޭ މީހުންވެސް ދާންޖެހޭތަ؟" ރަނީމް ބުނެލިއެވެ. އޭނައަށް ޝާރިފްގެ މަޤްސަދު އެނގޭތީއެވެ. "އަހަންނަކަށް ނޭނގެ. އޭނައަށް ރަނީމް ނުފެންނަތާ ގިނަ ދުވަސްވީ ކަންނޭނގެ." ހައިފާ ބުންޏެވެ. "ނޭނގެ އަހަންނަކަށް. ކޮން އިރަކުތަ މީޓިން އޮތީ؟" ރަނީމް ސުވާލުކޮށްލިއެވެ. "ދިހައެއް ޖަހާއިރު އޭ ބުނީ... އަންނާނަންތަ؟" ހައިފާ އަހައިލިއެވެ. "އާނ. ދެވިދާނެ. ކޮންކަމަކާ ގުޅޭ މީޓިންއެއްތަތީ އަނެއްކާ؟" ރަނީމް ސުވާލުކޮށްލިއެވެ. "މާ ގިނަ މައުލޫމާތެއް ނުދޭ. ބުނިހާވެސް އެއްޗަކީ، އަލަށް ހުޅުވަން އުޅޭ ގެސްޓް ހައުސްގެ ކަމަކުއޭ..." ހައިފާއަށް މާ ބޮޑު މައުލޫމާތެއް ނޭނގޭތީ އެނގޭ މިންވަރަށް އޭނާ ރަނީމްއާ ވާހަކަތައް ހިއްސާކުރިއެވެ. ރަނީމްވެސް އޭނަ ދާނަމޭ ބުނެ ފޯނު ބޭއްވިއެވެ. އެނބުރިލި ވަގުތު ފާރުގައި ލެނގިލައިގެން ހުރި ނާވީ ފެނި އޭނަ ދިޔައީ ސިހިގެންނެވެ. "ނާވީ...." ރަނީމްއަށް ބުނެވުނެވެ. އޭނައަށް މޭގައިވެސް އަތް އަޅައިލެވުނެވެ. ސިހުނު ވަރުންނެވެ. ނާވީ މާފަށް އެދުނެވެ. އޭނަ ދެންމެ އައި ފޯނު ކޯލާ ބެހޭގޮތުން ސުވާލުކުރީ އެ ކޯލުން ރަނީމް ދެއްކި ވާހަކަތަށް އެނގޭ ޙާލުގައެވެ. "ދާނެކަމެއްނެތް." ނާވީގެ ބުމަ ކުޑަކޮށް ގާތްވެލިއެވެ. އެއާއެކު ރަނީމްއަށް ހައިރާންކަމާއެކު ނާވީއަށް ބަލައިލެވުނެވެ. ކަމެއްނުވެ ނާވީ އެފަދަ ގޮތަކަށް ވާހަކަ ނުދައްކާނެކަން އޭނައަށް އެނގޭތީއެވެ. އޭނަ ގޮސް ނާވީގެ ކައިރީގައި ހުއްޓުމަށްފަހު ނާވީގެ ދެލޮލަށް ބަލައިލިއެވެ. މީގެ ކުޑަ ހިނދުކޮޅެއްކުރިން ވިދުން ގަދަވެފައިވާ އެ ދެލޮލުގެ ވިދުން އެހިނދު ފަނޑުވެލައިފިއެވެ. "ކިހިނެއްވީ؟ ޝާރިފް... އޭނަ... އޭނައާ މެދު ހިތްހަމަ ނުޖެހުނީތަ؟" ރަނީމްއަށް އަހައިލެވުނެވެ. ޝާރިފް އޭނައާ ހެދި އުޅޭކަމުގައި ރަނީމް ރާވީއާ ހިއްސާކޮށްފައިވާތީ އޭނައަށް ގުޅުވައިލެވުނީ އެކަމާއެވެ. "ރަނީމް... އަހަރެން..." ނާވީ އެއްޗެއް ބުނަން އުޅެފައި މަޑުޖެހުނެވެ. "އަހަރެން ހިތްހަމައެއް ނުޖެހޭ..." "ދަރިފުޅު މިއަދު ގެއިން ބޭރަށް ދާނެކަމެއް ނެތް." އެތަނަށް އައި ރައާބިލްވެސް ބުނެލިއެވެ. ރަނީމް އިތުރަށް ހައިރާންވުން ނޫންކަމެއް ނުވިއެވެ. "އެއީ ކީއްވެތަ؟ އަޅުގަނޑު މި އުޅާ އަތަކުން ނުނަގާނަމޭ. އެކަކަށް އެއްކަމެއްވެސް ނޭނގޭނެ." ރަނީމް ބުނެލިއެވެ. ރައާބިލްއާ ނާވީއާ ދެމީހުން އެކަކު އަނެކަކަށް ބަލައިލުމަށްފަހު ވެސް ނޫނެކޭ ބުނެ އެކަމަށް ދެކޮޅު ހެދިއެވެ. އެމީހުންގެ ވާހަކަތަކުން ރަނީމްއަށް ޔަޤީންވީ އެމީހުން އޭނައަށް ކޮންމެވެސް ކަމެއް ސިއްރުކުރަނީކަމުގައެވެ. "އެންމެ ރަނގަޅު..." ރަނީމް އެއްބަސްވިއެވެ. އޭނަ އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ނާވީއަށް އިތުބާރުކުރެއެވެ. ބައްޕައަށްވެސް މެއެވެ. މިވަގުތު އިތުރަށް ވާހަކަ ނުދެއްކީ ބައްޕަމެން އެ ހުރިހާ ކަމެއް އެކުރަނީ އޭނަގެ ސަލާމަތާއި ރައްކާތެރިކަމަށްކަން އެނގޭތީއެވެ. ސަމްރާ ގޮވާކަމަށް ބުނުމުން، ރަނީމް ގޮސް ކޮޓަރިއަށް ވަނުމާއެކު އެތަނަށް ދައިސަމް އަތުވެއްޖެއެވެ. އޭނަ އައީ ލިބުނު ބައެއް ޚަބަރުތައް ހިފައިގެންނެވެ. އެގޮތުން ސިހުރު ހެދުމަށް ބޭނުންކުރި ޖިންނިއަކީ ވަރަށް ބާރުގަދަ މާރިދެއްކަމުގައި އޭނަ ބުންޏެވެ. އެއީ އެހެން ޝަހަރެއްގެ ޖިންނިއެއްކަމާއި، އެ ޖިންނީގެ ބާރުތަކުން އޭނައަށް އެނގޭ މިންވަރު ކިޔައިދިނެވެ. "އެ ޝަހަރުގެ ޖިންނީންގެ މައުލޫމާތު ރަސްގެފާނަށް އެނގިލައްވާނެކަމުގައި އަހަރެން ވާހަކަ ދެއްކި މީހުން ބުނަނީ..." އެކަމުގައު އިންޖާބުގެ އެހީތެރިކަން މުހިންމުކަމުގައި ދައިސަމް ހާމަކޮށްލުމާއެކު ނާވީއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. "ކާފަގެ ގޮތެއް ނޭނގެ. އެކަމަކު ފަހަރުގައި ބައްޕައަށްވެސް އެ މައުލޫމާތު އެނގިދާނެ. ސިހުރު ހަދާ މީހާ އޭނަ ބޭނުންކަމެއް ކޮށްފަ ނޫނީ ހުއްޓައެއް ނުލާނެ." ނާވީ ވިސްނައިލިއެވެ. އެމީހުން ނިންމީ، މިރޭގެ ވަގުތުގައި، ޝަހަރަށް ގޮސް ނަމީރާ ބައްދަލުކުރާށެވެ. އެއަށް ރަނީމް ނާރާހާ ހިނދަކު ރައްކާތެރިވާނެކަމުގެ ޔަޤީންކަން ދައިސަމް ދިނުމުންނެވެ. އެ މައުލޫމާތު ދައިސަމް ހޯދީ އޭނަގެ ޢާއިލީ ދުވަސްވީ ދެ މީހެއްގެ ފަރާތުންނެވެ. ***** މީޓިން ފެށެން ވަގުތު ކުޑަތަން ވަމުން ދިޔަވަރަކަށް ޝާރިފްގެ ނޭވާ އަވަސްވަމުން ދިޔައެވެ. ރަނީމް އާދޭތޯ އޭނަ އިރުއިރުކޮޅަކާ ދޮރާ ދިމާލަށް ބަލަމުން ދިޔައެވެ. ދިހައެއް ޖަހާ ފަހެއް ހިނގިފަހުން، އޭނަ ހައިފާއަށް ބަލައިލުމަށްފަހު ރަނީމްއަށް ގުޅާލަން އެދުނެވެ. ހައިފާ ރަނީމްއަށް ގުޅުމުން ރަނީމް ބުނީ މަންމަ ބަލިކަމުން ނުދެވުނީކަމުގައެވެ. އޭނަ ޝާރިފްއަށް މެސެޖެއް ވެސް ފޮނުވި ކަމުގައެވެ. ހައިފާ އެންމެ ރަނގަޅުކަމަށް ބުނެ ފޯނު ބާއްވާފައި ރަނީމް ބުނެލި ގޮތަށް ޝާރިފްގެ ގާތުގައި ބުނެލިއެވެ. އެއާއެކު ދެބުމަ ގޮށްޖަހައިލި ޝާރިފް ގޮނޑިން ތެދުވިއެވެ. އޭނަ މީޓިން ކެންސަލްކަމަށް ބުނެ ނިންމައިލީއެވެ. އެންމެންނަށް ލިބުނީ ހައިރާންކަމެކެވެ. އެހާ މުހިންމު ބައްދަލުމެއް ރަނީމް ނައުމުންނޭ ކިޔާފައި ނިންމައިލުމުންނެވެ. ހައިފާ ރަނީމްއަށް މެސެޖަކުން އެ ޚަބަރު ދީފައި ތެދުވިއެވެ. އެހެން އެންމެންވެސް އެކި އެކި ވާހަކަތައް ދައްކަމުން ގޮސް މީޓިން ރޫމުން ނުކުމެއްޖެއެވެ. އަދި ތިން ދުވަސް އޮތުމުން އެ ތިން ދުވަސްތެރޭ ކޮންމެވެސް އެއްގޮތަކުން ރަނީމް އޮފީހަށް ގެންނަން އޭނަ ނިންމިއެވެ. ***** އެރޭ ރައާބިލަމެން ނުގޮސް އުޅެނިކޮށް ނަމީރާ ޝައިސްތާ އައެވެ. ވާހަކަ ދައްކަން ފުރުސަތު ހޯދަމުން ރައާބިލް ނަމީރު ގޮވައިގެން ނުކުތީ ބޭރަށެވެ. އޭރު ޝައިސްތާއާއި ރަނީމް ތިބީ ސަމްރާގެ ގާތުގައެވެ. ރަނީމްއާ ސަމްރާއަށް އެމީހުން ދައްކާ ވާހަކަ އަޑު ނީވުނު ނަމަވެސް ޝައިސްތާއަށް އެ ވާހަކަތައް އަޑު އިވެމުން ދިޔައީ އޭނަގެ ބާރުގެ ބޭނުންކޮށްގެންނެވެ. ހައިރާންވަމުން ދިޔަނަމަވެސް، އެކަން އޭނަ ސިއްރުކުރިއެވެ. ޝަހަރަށް ގޮސް ގަނޑުވަރަށް ވަދެވުމާއެކު ޝައިސްތާ އޭނައަށް އެ ދެއްކި ވާހަކަތައް އިވުނު ކަމުގައި ނަމީރުގެ ގާތުގައި ބުނެލިއެވެ. ނަމީރު ހައިރާނެއް ނުވެއެވެ. "ދައިސަމް އެ ކިޔާ ގޮތުން ވަންޏާ އެއީ މި ޝަހަރާ މާ ދުރުނޫން ޝަހަރެއްގެ މާރިދެއް. އަދި އެ އެއްޗެހި މަސައްކަތްކުރަނީ ސިހުރުވެރިންނާއެކީ... ކުރިމަތިލާން އެންމެ އުނދަގޫވާ ސަބަބަކީ ސިހުރުވެރިން އެ އެއްޗެހީގެ ހިމާޔަތުގަ ތިބޭތީ. އަހަރެމެން ކިތަންމެ ބާރުގަދަ ވިޔަސް، އިންސާނުންނަށް އަހަރެމެން އަންދައިލުމުގެ ބާރު ލިބިފައިވޭ..." ނަމީރު ބުނެލިއެވެ. އެމީހުންނަށް ނޭނގުނު ކަމަކީ އެ ވާހަކަތައް ދައްކަމުން ދިޔައިރު، އިންޖާބަށް އެވާހަކަތައް އަޑު އިވެމުން ދިޔަކަމެވެ. "އަހަންނަށް އެނގޭ މިންވަރަކީ މިއީ. ބައްޕައަށް މިހުރިހާކަމެއްވެސް އެނގިލައްވާނެ. އެކަމަކު..." އެހިސާބަށް ބުނެފައި ނަމީރު ހުއްޓައިލިއެވެ. "ބައްޕައާ ވާހަކަ ދައްކާލަބަލަ. ފަހަރުގައި ޚިޔާލު ބަދަލުވެދާނެ. ނާވީއާ ނަމީރާ އެކަނި މިކަމާ ކުރިމަތިލާކަށް އަހަރެން ބޭނުމެއް ނޫން. އިތުރު ގެއްލުމެއް ތިއިން އެކަކަށްވެސް ވާތަން ބާލަކަށް އަހަންނަކަށް ކެތެއް ނުވާނެ. އަހަރެން ބޭނުމެއްވެސް ނޫން ނަމީރުމެން އެކަމުގެ ތެރެއަށް ވަންނާކަށް. އެކަމަކު.... އެމީހުން އެކަން އެ ކުރަނީ ރަނީމްއަށް.... ނާވީވެސް މަޑަކުން ނުހުންނާނެ! " ޝައިސްތާ ބުނެލިއެވެ. "އަހަރެމެންނަށް އަތްނުލެވޭފަދަ ސިހުރެއް ނޫން އެއީ. އެ ނެގިދާނެ. އެކަމަކު އެ ނަގާތަނުން ރަނީމްއަށް ކަމެއް ވެދާނެތީ މައްސަލައަކީ. އެއީ އިންސިއެއް ނޫނަސް، އަހަރެމެންނާ ތަފާތު ކުއްޖެއް." ނަމީރު ހާމަކޮށްލިއެވެ. އެމީހުންގެ ވާހަކަތައް އަޑު އަހަރެން ހުރި އިންޖާބު، ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަ އެތަނުގައި ހުރެފައި ގެއްލުމަށްފަހު ދެން ފެނުނީ، ރަނީމްމެން ގޭ ކައިރިންނެވެ. ވަޅުލާފައިވާ ތަވީދު ބޭނުންކޮށްގެން ހަދާފައިވާ އެތިފަހަރަކީ ބާރުގަދަ އެތިފަހަރެއްކަން އިންޖާބަށް ވެސް ފަހުމްވިއެވެ. އެކަން ކޮށްފައިވަނީ ތަޖުރިބާ ހުރި މީހެއްކަންވެސް ފަހުމްވިއެވެ. އޭނަ އެ ވަޅުލާފައިވާ ތަނަށް ބަލަހައްޓައިގެން ހުއްޓެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ