ގެސްޓްހައުސް ވިޔަފާރީގެ ކާމިޔާބީ އާއި ރާ ވިއްކުމާ ގުޅުމެއް ނެތް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭނެ އެއް ކާމިޔާބީއަކަށް ވާނީ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ފެށުމެވެ. އެންމެ 15 އަހަރުގެ ތެރޭގައި މިއަދު ރާއްޖޭގެ ގެސްޓްހައުސްގެ ދާއިރާއަށް ދުނިޔޭގެ ސަމާލުކަން ވެސް ލިބިއްޖެ އެވެ. އަގުބޮޑު މަންޒިލެއް ކަމަށް ބަލައި، ރާއްޖެ އައުމަކީ ހުވަފެނެއް ކަމަށް ދުށް އެތައް ލައްކަ ބަޔަކަށް މިއަދު ރާއްޖެ މި އޮތީ ހުޅުވިފަ އެވެ.
ނަމަވެސް އޭގައި ގައުމެއްގެ ގޮތުން ކޮންމެވެސް ވަރެއްގެ ގުރުބާނީތަކެއް ވެސް ވާން ޖެހުނެވެ. އެކަން އޮންނާނީ އެހެން ވެސް މެ އެވެ. ބައެއް ރަށްރަށުގެ ރަށު ސިފަ ގެއްލި، ގާތްގަނޑަކަށް ރިސޯޓަކަށް ބަދަލުވެއްޖެ އެވެ. ވަކިވަކި ކޮޓަރިތައް ހުންނަ ރިސޯޓްތަކެއް ނޫނެވެ. ބުރިބުރިއަށް ނަގާފައި ހުރި ގެސްޓްހައުސްތަކުން ފުރިފައިވާ ރަށްރަށެވެ.
ބީބީސީ ޓްރެވަލްގައި ދާދި ފަހުން ކާމެން ރޮބަޓްސް ވަނީ ރާއްޖޭގެ ޓޫރިޒަމަށް އައި އެ ބޮޑު އިންގިލާބުގެ ވާހަކަ ލިއެފަ އެވެ. '(ހައިރާންވާހާ) އަގުހެޔޮ ތަނަކަށް ރާއްޖެ ވީ ގޮތް' މި ރިޕޯޓްގައި ގެސްޓްހައުސްގެ ސަބަބުން ޓޫރިޒަމަށް އައި ބަދަލު ވަރަށް ރަނގަޅަށް ސިފަކޮށްދިނެވެ. ރަށްރަށުގެ އިގުތިސާދަށް ޓޫރިޒަމްގެ އާމްދަނީ ސީދާ ވަންނަން ފެށި ފެށުމެވެ. ތޮއްޑޫ ކަހަލަ ފެހިކަން ގަދަ ހިތްގައިމު ރަށެއްގެ މެހެމާންދާރީ އެވެ. އެ ރަށުން އޭނާގެ އާއިލާ ދެން ދިޔަ ސަން ސިޔާމް އޮޅުވެލިފުށީގެ ތަފާތެވެ.
އެކަމަކު ގެސްޓްހައުސްއަށް ރަށްރަށުން މަރުހަބާ ކިޔާއިރު އެއް ކަމެއް ހަނދާނުގައި ބަހައްޓަންވާނެ އެވެ. އިންވެސްޓަރުންނާއި ގެސްޓްހައުސްގެ ވިޔަފާރިވެރިންނެވެ: މީހުން އުޅޭ ރަށްރަށުގައި ރާ ވިއްކުން މަނާވަނީ ކީއްވެގެންކަމާއި އެ މަނާވުން ބަދަލުކުރުމުގައި ހުރި އިޖުތިމާއީ މައްސަލަތަކެވެ.
ތެދެކެވެ. މާލެ އާއި އެހެން ބައެއް ރަށްރަށުގައި މިހާރު ވެސް ބަނގުރާ ބޮއިހަދަ އެވެ. މަސްތުވާތަކެތި ވެސް ގެންގުޅެ އެވެ. އެކަމަކު ރާ ވިއްކުމުގެ ހުއްދަ ދީގެން އެ ވިޔަފާރި ހިންގުމާއި ވަގަށް އެތެރެކޮށްގެން އެ ބޭނުންކުރުމާ ހުރި ތަފާތު ވަރަށް ބޮޑެވެ. މިހާރު ވެސް ރަށްރަށުން ރާ ލިބެން ހުރެއޭ ނޫންހޭ، އެހެންވީމާ ގެސްޓްހައުސްތަކުގައި ރާ ނުވިއްކެންވީ ކީއްވެގެންހޭ ސުވާލުކުރެވިދާނެ އެވެ. އޭގެ ޖަވާބަކީ ޓޫރިޒަމްގެ މަޝްހޫރު މަންޒިލަކަށް ރާއްޖެ ބަދަލުވިޔަސް ރާއްޖޭގެ އިސްލާމީ ވަންތަކަމުގެ ބައެއް ސިފަތައް ދެމެހެއްޓުމެވެ. ވިޔަފާރިއަށްޓަކައި ދިވެހިންގެ ހުރިހާ ސިފަތަކެއް ގުރުބާންނުކުރުމެވެ.
މާލޭގައި ބޮޑެތި ހޮޓާތައް ހެދިޔަސް އެ ސިފަ ދަމަހައްޓަމުން އަންނަނީ އޭގައި ދީނީ އަދި އިޖުތިމާއީ އަގެއް އޮތީމަ އެވެ.
ރަށްރަށުގައި ގެސްޓްހައުސްގެ ޓޫރިޒަމް ތައާރަފުކުރެއްވި ބާނީ ކުރީގެ ރައީސް ނަޝީދު ދާދި ފަހުން މާފުށީގައި ދެއްކެވި ވާހަކަފުޅުގެ މާނަ، އެމަނިކުފާނު ބޭނުންފުޅު ނޫން ގޮތަކަށް ބައެއް މީހުން ނެގީ، މީހުން އުޅޭ ރަށްރަށުގެ މުހިންމު ސިފައެއް ގެއްލުވާލަން ދެއްކެވި ވާހަކަފުޅެއް ކަމަށް ބަލައިގެންނެވެ. ނަޝީދުގެ ވާހަކަފުޅުގެ އެ ބައިގައި އިޝާރަތްކުރެއްވީ ރަށްރަށުގައި ބޮޑެތި ހޮޓާތައް އަޅަމުން އަންނަ އިރު ރިސޯޓްތަކުން 'ވިއްކާ ތަކެތި' އެތަންތަނުގައި ނުވިއްކޭތީ، އެ ކަމަށެވެ.
"މިވަގުތު ވެސް މި ރާއްޖޭގައި ކަންކަން ހަމަޖެހިފައި ހުރި ގޮތުން ރިސޯޓްފަހަރުގައި  ގެސްޓުންނަށް ދޭ ހިދުމަތްތައް، ވިއްކާ ތަކެތި ބޮޑެތި މިހިރަ ހޮޓާތަކުން ނުދެވޭކަން އެއީ ބޭއިންސާފެއް،" ނަޝީދު ވިދާޅުވި އެވެ.
"އެ ހަމަހަމަކަން ގެނައުމަށް އަޅުގަނޑުމެން ވިސްނަން ޖެހޭ. ހަމައެއާ އެކީގައި ވިސްނަން ޖެހޭ އެންމެ ބޮޑު ސަބަބަކީ އެނގިވަޑައިގަންނަވާނެ މި ރާއްޖެއަށް 2 މިލިއަން ޓޫރިސްޓުން އަންނަ އިރު މި މާފުއްޓަށް އެބަ ފައިބާ ދެ ލައްކަ މީހުން. އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ 20 ޕަސެންޓް."
ހަނދާނުގައި އަބަދުވެސް ބަހައްޓަންވާނެ އެވެ. ގެސްޓްހައުސްއަކީ އެތައް ބުރިއަކަށް އުސްކޮށް ނަގާ ބޮޑެތި ހޮޓާތަކެއް ނޫނެވެ. އެއީ ގެސްޓްހައުސް ކޮންސެޕްޓް ނުވަތަ އޭގެ ހަގީގީ މަންޒަރެއް ވެސް ނުމެނޫންމެ އެވެ. އެހެންކަމުން ވިޔަފާރިވެރިން ރަށްރަށުގައި ބޮޑެތި ހޮޓާތައް ހަދާފައި، އެ ތަންތަނުގައި ރާ ވިއްކުމުގެ ވިސްނުން ގެންގުޅޭ ނަމަ އެއީ މީހުން ދިރިއުޅޭ ރަށްރަށުގެ އިސްލާމީ މުހިންމު ސިފައެއް ގުރުބާންކުރުމެވެ. އެއީ ގެސްޓްހައުސްގެ ވިޔަފާރި މިހާރަށް ވުރެ ފުޅާކުރަން އޮތް ހަމައެކަނި ހައްލު ކަމަށް ބެލުމަކީ ވެސް ގޯހެކެވެ.
މިހާރު ވެސް ގެސްޓްހައުސްތައް ގިނަވެ، ބައެއް ރަށްރަށުގެ އާންމު ސިފަތައް ގެއްލިއްޖެ ކަމަށް އެތައް ބަޔަކު ބުނެ އެވެ. އެ ކަންބޮޑުވުން ފާޅުކުރަނީ ކޮންމެހެން ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ މީހުންނެއް ނޫނެވެ. އާންމު އެތައް ބަޔަކު ވެސް އެ މާނައިގައި ވާހަކަ ދައްކަ އެވެ. ނަމަވެސް ގެސްޓްހައުސްގެ ވިޔަފާރި ހުޅުވާލާފައި އޮތުމާ އެކު އަދި ރަށްރަށުން އެ ފުރުސަތު ލިބޭ ނަމަ، ގެސްޓްހައުސްތައް އެޅުމަކުން މައްސަލައެއް ނެތެވެ. އިގުތިސާދު ފުޅާވެ، ރަށުގެ އެތައް ބައެއްގެ އާމްދަނީއަށް ރަނގަޅު އަސަރުކުރާ ނަމަ ވިޔަފާރި އެދަނީ ކުރިއަށެވެ.
ބޮޑެތި ހޮޓާތައް އަޅައިގެން ގެސްޓްހައުސް ވިޔަފާރި ހިންގާ ވިޔަފާރިވެރިންނާއި ސިޔާސީ ލީޑަރުން ވެސް ގަބޫލުކުރައްވަން ޖެހޭނެ އެއް ކަމަކީ ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަންވާނެ ކަމެވެ. ގެސްޓްހައުސްއަކީ ރިސޯޓެއް ނޫން ކަމެވެ. ރިސޯޓަކީ، ބީބީސީގެ ލިއުންތެރިޔާ ސިފަކޮށްފައި އޮތް ގޮތަށް، ރާއްޖޭގެ ޓޫރިޒަމްގެ އަދި އެހެން ބައެކެވެ. އާންމު ދިރިއުޅުމާ ދުރުގައި ވަކިން ރިސޯޓްތަކެއް ހަދައިގެން ހިންގުމަކީ ރާއްޖޭގެ ތަފާތު ސިފައެކެވެ.
ގެސްޓްހައުސްއަކީ ވެސް ތަފާތު ސިފައެކެވެ. އެކަމަކު ގެސްޓްހައުސް ވިޔަފާރި އާއި ރިސޯޓްތަކުގެ ވިޔަފާރި އެއްމިންގަނޑަކުން ނުކިރާށެވެ. އޭރުން ހަލާކުވެދާނީ ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގެ މުހިންމު ސިފަތަކެވެ. ކިތައްމެ ހުޅުވިފައި އޮތް ސިކުނޑިތަކެއް ނަމަވެސް، ކިތައްމެ މިނިވަން ހިޔާލުގެ އިސް ސަފުގައި ތިބި ބައެއް ނަމަވެސް، އެކަން ގަބޫލުކުރަންވާނެ އެވެ. ރަށްރަށުގައި ރާ ނުވިއްކާ ވެސް ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރެވޭނެ އެވެ. މިދިއަ 15 އަހަރު ގެސްޓްހައުސް ވިޔަފާރިވެރިން ދައްކައިދިނީ އެ ގާބިލްކަމެވެ.
އަޅުގަނޑަށް ޔަގީނެވެ: ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުންގެ ލޯ ހުއްޓެނީ ރާފުޅިތަކަކަށް ނޫނެވެ. ރާއްޖޭގެ ރީތިކަމަށެވެ. މެހެމާންދާރީއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ