މާރާމާރީ ހިންގުން: އިޖުރާތު ގޯސްވުމުން ދޫކޮށްލި މީހާ އަލުން ހައްޔަރުކޮށް، ބަންދަށް 30 ދުވަސް
ހައްޔަރުކުރި އިޖުރާތު ރަނގަޅު ނޫން ކަމަށް ބުނެ، މާރާމާރީއެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު އެއްވެސް ޝަރުތެއް ނެތި މިދިޔަ ހޯމަ ދުވަހު, ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނިކޮށް, އޭނާ އަލުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ. ހޯމަ ދުވަހު އާއްމު ކުރި ބަންދު އަމުރުގައިވާ ގޮތުން އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކު މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކޮށް، ވަނީ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކޮށްފައެވެ. އަމުރުގައިވާ ގޮތުން އޭނާ އެ ދުވަހު ދޫކޮށްލީ، އެއްވެސް ޝަރުތެއް ނެތިއެވެ. https://www.sun.mv/215726 އެ ދުވަހު މި މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް އިޙުސާންގެ އަމުރުގައިވާ ގޮތުން، އެ މީހާގެ ހައްޔަރު ދަމަހައްޓައި ފުލުހުން ހުށަހަޅާފައިވާ "ހައްޔަރުކޮށްގެން ގެނެވޭ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައަޅާ" ފޯމުގެ އިޖުރާއަތުތައް ރަނގަޅު ކަމަށް ބެލެވެން ނެތް ކަމަށެވެ. ފުލުހުން އަލުން އެ މީހާ ހައްޔަރުކޮށް އިއްޔެ ވަނީ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައެވެ. އަދި އިއްޔެ ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖެހުމަށް, ގާޒީ އައިޝަތު ނުޒުހާ ނިންމަވައިފައެވެ. އޭނާ ބަންދުގައި ބަހައްޓަން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ, ތުހުމަތު ކުރެވޭ ވަރަށް ހެކި ގަރީނާ ހުށަހަޅާފައި ވުމެވެ. އެގޮތުން ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި ހާދިސާގެ ރިޕޯޓާއި އަނިޔާވި މީހާ ޑޮކްޓަރަށް ދެއްކި ލިޔުން ކޯޓަށް ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެއެވެ. އިއްޔެ މި މައްސަލަ ބެއްލެވި ގާޒީގެ އަމުރުގައި ވިދާޅުވެފައިވަނީ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފައިވަނީ އިޖުރާތްތަކާ އެއްގޮތަށް ކަމަށެވެ. އެ މީހާއަކީ އެފަދަ މައްސަލަތަކުގެ ރެކޯޑް އޮތް މީހަކަށް ވުމުން ބަންދުން ދޫކޮށްލައިފިނަމަ ކުށް ތަކުރާރު ކުރުމުގެ ފުރުސަތު އޮތްކަން ގާޒީ ފާހަގަ ކުރެއްވެވިއެވެ. ފުލުހުން އަދި ތަފްސީލު ހާމަ ނުކުރައްވާތީ މީނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ތަފްސީލު ވަނީ ލިބޭގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ