އިސްރާއީލާ އެމެރިކާއިން ގަތުލުކުރި އީރާނުގެ ދަރިވަރުންގެ ފޮތް ދަބަސްތައް ސުލްހައިގެ މޭޒަށް

އެމެރިކާ އާއި އިސްރާއީލް އިސްވެ އޮވެ، އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އެންމެ ފާހަގަކޮށްލެވުނު ދުވަހަކީ، ފެބުރުއަރީމަހުގެ 28 ވަނަ ދުވަހެވެ. އެދުވަހު އިސްރާއީލުން ފޮނުވާލި މިސައިން ހަމަލާތައް އަމާޒުވީ އީރާނުގެ އަންހެން ދަރިވަރުން ކިޔަވަމުންދާ ސްކޫލަކަށެވެ. މި ހަމަލާގައި އެ ސްކޫލުގެ 160 ހަށްވުރެ ގިނަ ދަރިވަރުންގެ ފުރާނަ ގެއްލުނުއިރު، އެނޫންވެސް އެތައް ބައެއްގެ ފުރާނަ ގެއްލުނެވެ. މިއީ މި ހަނގުރާމާގައި ހިނގާދިޔަ އިންސާނިއްޔަތާ ހިލާފް އެއް ކަންތައްކަމަށް އިސްރާއީލާ އެމެރިކާ ފިޔަވައި އެހެން ހުރިހާ ޤައުމުތަކާއި ޖަމިއްޔާ ޖަމިއްޔާތައް ވަނީ ފާހަގަކޮށްފައެވެ. އެމެރިކާގެ ރައްޔިތުންނާއި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންވެސް ވަނީ މި ގަތުލު އާއްމުގެ ވާހަކަ ދައްކާފައެވެ.
އީރާނާ ދެކޮޅަށް ދެމުންގެންދާ ވައިގެ ހަމަލާތަކަށް މަހަކަށް ވުރެ ގިނަދުވަސް ވެފައިވާއިރު، އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެމެރިކާ އަދި އިސްރާއީލުން އުއްމީނދުކުރިގޮތަށް ހަނގުރާމަ ނުނިމި ދިގުލައި އެންމެފަހުން އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ލިބެން ފެށުމުން އެޤައުމުން ވަނީ އީރާނާއެކު ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދިއުމަށް ނިންމިކަން މިދިޔަ ހަފްތާގައި ނިންމާފައެވެ. ޕާކިސްތާނު މެދުވެރިކޮށް މިއަދު އެމެރިކާ އާއި އީރާނުގެ ސުލްހައިގެ ވާހަކަތައް ފެށުމަށް ތައްޔާރުވަމުންދާއިރު، ވާހަކަތަކުގައި އީރާނުގެ ފަރާތުން ބައިވެރިވާ ވަފްދުގެ ބޭފުޅުން މިހާރު ތިބީ ޕާކިސްތާނުގައެވެ. 
އީރާނުގެ ވަފްދުން ޕާކިސްތާނަށް ދިޔައިރު އީރާނުން ވަނީ އަންހެންކުދިން ސްކޫލަށް ދިން ހަމަލާގައި ޝަހީދުވި ބައެއް ދަރިވަރުންގެ ފޮތް ދަބަސްތައް ގެންގޮސްފައެވެ. އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަހީދުވި ބައެއް ކުދިންގެ ފޮތްދަބަސް މަތިންދާބޯޓު ޝީޓްތަކުގައި ބަހައްޓާފައި ހުރި ފޮޓޯތައް ދައްކާލާފައެވެ. މި ފޮޓޯތައް ހިމަނައިގެން ކުރި ޕޯސްޓްގައި އޭނާ ވިދާޅުވީ، "މިއީ މި ދަތުރުގައި އަޅުގަނޑާއެކު ބައިވެރިވާ ވަފްދުގެ ބައިވެރިންކަމަށެވެ"
އީރާނުގެ މީޑިއާތަކުން ބުނެފައިވަނީ އެމެރިކާ އާއެކު ބައިވެރިވާ އީރާނުގެ ވަފުދުން ދަރިވަރުންގެ ފޮތް ދަބަސްތައް ސުލްހައިގެ މޭޒަށް ހުށަހެޅުމަށް ނިންމާފައިވާއިރު، މިއީ އީރާނުން އެހާފަސޭހަކޮށް ދޫކޮށްލާނޭ ކަމެއްނޫންކަމަށެވެ. 
އީރާނުން އެމެރިކާއާއެކު އިސްލާމް އާބާދުގައި މިއަދު ވާހަކަތައް ފަށާއިރު، އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ނުހުއްޓާތީ އަދި ވަނީ މި ވާހަކަތަކަސް ވާނޭގޮތް ނޭނގުމެއްގެ ތެރޭގައެވެ. އީރާނުން ބުނެފައިވަނީ، އިސްރާއީލުން ދޭ އެ ހަމަލާތައް ނުހުއްޓާނަމަ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމެއް ނެތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ