ކުރިއާ އަޅާބަލާއިރު މިހާރު މުޅި ރާއްޖެއަށް ވެސް ވައި ސާފު، 2 ދުވަސް ތެރޭ ވައިގެ ކޮލިޓީ ރަނގަޅުވާނެ: މެޓް

ކުރިއާ އަޅާބަލާއިރު، މުޅިރާއްޖެއަށް ވައި ސާފުވަމުން އަންނަ ކަމަށާއި، ދެ ދުވަހެއްގެ ތެރޭގައި ވައިގެ ކޮލެޓީ ރަނގަޅުވާނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ. ވައިގެ ސާފުމިން ބަލާ "އައިކިއު އެއާ" އިން ދައްކާ ގޮތުން މިއަދު ވައި އެންމެ ނުސާފުކަމަށް ދައްކާ ކުޅުދުއްފުށީ ސިޓީގެ ވައިގެ ސާފުކަން ހުރީ 105 ގައެވެ. އެއީ އޮރެންޖު އެލާޓެވެ. އެހެންނަމަވެސް ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ ސިޓީއަށް ވެސް ވައި ސާފުވަމުން އަންނާނެ ކަމަށް އައިކިއު އެއާއިން ދައްކައެވެ. މާލެ ސަރަހައްދުގެ ވައިގެ ސާފުކަން ހުރީ 64 ގައެވެ. އަދި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ ވައިގެ ސާފުކަން ހުރީ 33 ގައެވެ. މި ސަރަހައްދުތަކަށް ވެސް ކުރިއަށް އޮތް ދެ ދުވަހު ވައި ސާފުވާނެކަމަށް ދައްކައެވެ. މެޓް އޮފީހުން ބުނީ މިއަދު، އެހެން ދުވަސް ދުވަހާ ޚިލާފަށް ވައި ސާފުކަމަށް ދައްކާކަމަށެވެ. އަދި އަންނަ ހޯމަ ދުވަހާ ހަމައަށް ވައި ސާފުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ. މީގެ އިތުރުން މެޓުން ބުނީ ރާއްޖޭގެ މޫސުން ވެސް އާންމު ގޮތެއްގައި ރަނގަޅު ކަމަށެވެ. އެގޮތުން ކަނޑުތައް އާދައިގެ ވަރަކަށް މަޑު ކަމަށާއި ވައިޖެހޭނީ ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގައި ކަމަށް މެޓުން ބުންޏެވެ. https://sun.mv/219030 މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ ސަރައްދުގެ ވައި، ސިއްހީގޮތުން ނުރައްކާވާ މިންވަރަށް ނުސާފުވިއެވެ. އޭރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ވެސް ކޮށްފައެވެ. އެހެންނަމަވެސް މިދިޔަ ހަފްތާއިން ފެށިގެން ވައި ސާފުވަމުން އަންނަކަން ރިޕޯޓްތަކުން ވަނީ ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ