އިންތިހާބުތައް ވަކިން ބޭއްވުން ފެއިލް ވެއްޖެ، އެހެންގޮތެއް ބެލުން މުހިންމު: ދިޔާނާ

އިންތިހާބުތައް ވަކިވަކިން ބާއްވަމުން އައި ނިޒާމް ފެއިލްވެއްޖެ ކަމަށާއި، އެހެން ގޮތްތައް ބަލަންޖެހިފައިވާކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދުސްތޫރީ މުހިންމު މައްސަލަތަކެއް ހުއްޓައި ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަންޖެހޭ ސަބަބު ސާފްކޮށްދޭން ޖެހޭކަމަށެވެ. އެގޮތުން ސުއޫދު ވަނީ އެކަމާ ގުޅޭގޮތުން ބައެއް ނުކުތާތައް ފާހަގަކުރައްވާފައެވެ.
ސުއޫދުގެ އެ ވާހަކަތަކަށް ރައްދުދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދިޔާނާ ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރެވޭ ފަދަ އިފެކްޓިވް މަޖިލީހެއް ލިބިގަތުމަކީ ޤައުމަށް މިހާރު އޮތް އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އެގޮތުން އިންތިހާބު ބޭއްވުމުގައި މިހާތަނަށް އަމަލުކުރަމުންދާ 15 އަހަރުވީ ނިޒާމުން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ މަޖިލީހެއް ފެނިފައި ނުވާކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ މިކަމުގައި އޮތް އެހެން ގޮތްތައް ބެލުމަކީ ދައުލަތުގެ މައްޗަށް ލާޒިމްވެފައި އޮތް ކަމެއް ކަމަށާއި، އެހެންކަމުން ދެންހުރި ގޮތްތައް ޓެސްޓްކުރުން މުހިންމު ކަމަށެވެ.
މީގެ އިތުރުން ދިޔާނާ ވަނީ އެއް ތާރީޚެއްގައި އިންތިޚާބު ބޭއްވުމުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރެވިދިއުމުގެ ފުރުޞަތު ކުޑަވާނެ ކަމަށާއި، އިންތިޚާބު ބޭއްވުމުގެ އިދާރީ ޚަރަދު ވެސް ކުޑަވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ސަރުކާރާ ހިޔާލު ތަފާތުވުމަކަށް އައިސްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެމްޑީޕީން ބުނީ ސަރުކާރުން އުޅެނީ އިންތހާބު އެއްކޮށްލުމަށް ކަމަށެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން މީގެ ކުރިން އެމްޑީޕީންވެސް ވަނީ ވާހަކަދައްކާފައެވެ. 
ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެކުއެކީ ނުބޭއްވުމަކީ ޤާނޫނު އަސާސީ ފަރުމާކުރި މުސައްނިފުންގެ ވިސްނުން އޭރުހުރި ގޮތް ނޫންކަމަށް ފެހި ޤާނޫނު އަސާސީ އެކުލަވާލި ދުވަސްވަރާއި އަދި ކުރީގެ ރައީސް މައުމޫން އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މިހާރުގެ މަޖިލީހުގެ މެމްބަރު އަހުމަދު ނާޒިމްވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ