ތެޔޮ އަގު ބޮޑުވުމާ އެކު ރާއްޖެ އުދުހޭ އެއާލައިންތަކުން ޓިކެޓް އަގު ބޮޑުކޮށްފި

މެދު އިރުމަތީގެ ހަނދުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވެ، އެއާލައިންތަކުން ނަގާ ފިއުލް ސާޗާޖު ބޮޑުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފިއުލް ސާޗާޖު ބޮޑުކުރުމާއެކު ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލޭނެ އެވެ. ރާއްޖޭގައި ވެސް ވީއައިއޭ އިން ވިއްކާ ޖެޓް ފިއުލްގެ އަގު ވަނީ ބޮޑުކޮށްފަ އެވެ.
ތަފްސީލް - ދުނިޔޭގެ ގިނަ އެއާލައިންތަކުން ވަނީ ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ފިއުލް ސާޖާޗު ބޮޑުކުރަން ޖެހިފައިވާކަން އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި އަވައްޓެރި އިންޑިއާގެ އެންމެ ބޮޑު އެއާލައިން، އިންޑިގޯ ވެސް ހިމެނެ އެވެ. އިންޑިގޯ އިން ވަނީ މިއަދުން ފެށިގެން އެ އެއާލައިނުން ނަގާ ފިއުލް ސާޗާޖު ބޮޑުކުރާނެކަން އިއުލާނުކޮށްފަ އެވެ. 
އެ އެއާލައިނުން އަންނަނީ ރާއްޖެ އާއި އިންޑިއާގެ ބެންގަލޫރު، ކޮޗިން، މުމްބާއީ އަދި ޓްރެވިންޑްރަމްއާ ދެމެދު ދަތުރުތައް ބާއްވަމުންނެވެ.
އެއާލައިންތަކުގެ އޮޕަރޭޝަންގައި އެންެމެ ބޮޑު ހަރަދެއް ހިނގަނީ ޖެޓް ފިއުލްއަށެވެ. ޖެޓް ފިއުލްގެ އަގު އުފުލުމާއެކު އެއާލައިންތަކުގެ ހިންގުމުގެ ހަރަދުތައް ވެސް ބޮޑުވާނެ އެވެ. އެއާލައިންތަކުގެ ހިންގުމުގެ ހަރަދުތަކުގެ %20-%30 އަކީ ތެލަށް ކުރާ ހޭދަ އެވެ.
ތެލުގެ އަގު ބޮޑުވެގެންދާނަމަ ކުރިއަށް އޮތްތަނުގައި ވައިގެ ދަތުރުފަތުރުގެ އަގުތައް ދެ ގުނަ އުފުލޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި ހަރަދުތައް ހަމަޖެއްސުމަށް ފިއުލް ސާޗާޖު ބޮޑުކުރުމަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް އިންޑިގޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އިންޑިގޯގެ އިތުރުން އެއާ އިންޑިއާ އިން ވެސް ވަނީ ފިއުލް ސާޗާޖު ބޮޑުކޮށްފަ އެވެ. ބައެއް މަންޒިލްތަކަށް 200 ޑޮލަރާއި ހަމައަށް އެ ފީ ބޮޑުކޮށްފައިވެ އެވެ. މެލޭޝިއާ އެއާލައިންސް އާއި އެއާ އޭޝިއާ އިން ވެސް ވަނީ ތެލުގެ އަގު ހަމައަކަށް ނޭޅޭނަމަ ފިއުލް ސާޗާޖު ބޮޑުކުރަން ޖެހޭނެކަމަށް ބުނެފަ އެވެ.
އެނގުން މުހިންމު - އީރާން ހަނގުރާމައާ އެކު މިފަހުން ތެޔޮ އަގުބޮޑު ނުވާ މިންވަރަށް ތެލުގެ އަގު ބޮޑުވެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އަރައިފަ އެވެ. އޭގެ އިތުރުން: 
ސާފުކޮށްފައި ހުންނަ ތެޔޮ، ޕެޓްރޯލާއި ޑީސަލްގެ އަގު ބާޒާރުގައި ވަނީ ފީފާއެއް 170 ޑޮލަރަށް ވުރެ މައްޗަށް އަރާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ