ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު، އެކި ގަޑީގައި ކަރަންޓު ކަނޑައި އުޅަނދު ދުއްވުން މަދުކުރަން ޖެހޭ: ނަޝީދު
ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެކަމާ ގުޅިގެން، އެކި ގަޑީގައި ކަރަންޓު ކަނޑައި އެއްގަމު އުޅަނދު ދުއްވުން މަދުކުރުން ފަދަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ތެލުގެ ސަޕްލައިއަށް ބުރޫއަރައި، އަގުތައް ވަނީ އުފުލިފައެވެ. އެގޮތުން ދުނިޔޭގެ 85 އަށްވުރެ ގިނަ ގައުމެއްގައި ތެލުގެ އަގު ބޮޑުވެފައިވާއިރު، ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. މި މަހުގެ ފަސް ވަނަ ދުވަހު، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއްކަމަށްވާ، އެފްއެސްއެމުން ވިއްކާ ތެލުގެ އަގު ވަނީ 18 އިންސައްތަ އާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައެވެ. https://sun.mv/219079 ރާއްޖޭގެ ތެލުގެ ވިޔަފާރިއާ ގުޅޭ ގޮތުން ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަނިކުފާނު ހަނދާންވާ ގޮތުން ނަމަ ރާއްޖޭގައި ރައްކާ ކުރެވެނީ، އެސްޓީއޯ އަދި ޕްރައިވެޓް ސެކްޓަރު ހިމެނޭހެން 70 މިލިއަން ލީޓަރުގެ ޑީސެލާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް ކަމަށެވެ. "މިއީ 20 ދުވަހުގެ ސްޓޮކްއެއް. ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު." އެ މަނިކުފާނު ލިޔުއްވާފައިވެއެވެ. އެއާއެކު ނަޝީދު ވަނީ، މި ވަގުތު ރާއްޖޭން އަޅަން ޖެހޭ ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ބައެއް ފިޔަވަޅުތައް ފާހަގަކުރައްވައިފައެވެ. އޭގެ ތެރޭގައި، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ތެޔޮ ރައްކާކުރެވޭ މިންވަރު ދެނެގަތުމާއި، ކަރަންޓު ކަނޑާ ގަޑިގަޑި ކަނޑައެޅުން ހިމެނެއެވެ. https://x.com/MohamedNasheed/status/2032772158360006691 މީގެ އިތުރުން އެއްގަމު އުޅަނދު ފަހަރު ދުއްވުން ކޮންޓްރޯލް ކުރުމާއި ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާ ވަގުތު މަދުކުރުމަށް ނަޝީދު ޚިޔާލު ދެއްވިއެވެ. އަދި އިޖުތިމާއީ ހަރަކާތްތައް މަދު ކުރުމަށާއި މަސްވެރިކަމާއި ރިސޯޓުތަކަށް ތެޔޮ ކަށަވަރުކޮށް، އޭވިއޭޝަން ފިއުލް ކަށަވަރުކުރުމަށް އެ މަނިކުފާނު ލަފާދެއްވިއެވެ. ނަޝީދު ވަނީ، ހުޅަނގު އޭޝިއާ ހުރަސް ކުރަން ނުޖެހޭ މަތިންދާބޯޓާއި ކަނޑުބޯޓު ފަހަރުގެ ރޫޓްތައް ހޯދައި، ސަޕްލައި ލައިން ބަދަލުކުރުމަކީ ވެސް އެޅިދާނެ ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ. https://sun.mv/219081 ހަނގުރާމަ ފެށުނުތާ ހަތަރު ދުވަސްފަހުން، މި މަހުގެ ތިން ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ވަނީ އެ ހަނގުރާމައާ ގުޅިގެން ރާއްޖެ ތެލާއި ގޭހަށް ނުޖެހޭނެ ކަމަށާއި މެދުކެނޑުމެއްނެތި ރާއްޖެއަށް ކާޑު ވެސް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން ތެލުގެ އަގު އުފުލިފައިވާއިރު، އެކަން ހައްލުކުރުމަށް، ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ޚަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން ސަރުކާރުން ވަނީ ނިންމައިފައެވެ. އަދި ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް އިންޑިއާގެ އެހީއަށް ސަރުކާރުން ވަނީ އެދިފައެވެ. ތެލުގެ އަގު އުފުލެމުންދާތީ އިގުތިސާދީ ގޮތުން ކުރިއަރައިފައިވާ ބައެއް ގައުމުތަކުން ވެސް ވަނީ ޚަރަދު ކުޑަ ކުރަން ފިޔަވަޅު އަޅައިފައެވެ. އެފަދަ ފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި އޭޝިއާގެ ގިނަ ގައުމުތައް ވެސް ހިމެނެއެވެ. އެގޮތުން ސްކޫލްތައް ބަންދުކޮށް، ސަރުކާރު މުވައްޒަފުން މަސައްކަތަށް ނުކުންނަ ވަގުތު މަދުކޮށް، އުޅަނދުތައް ދުއްވާ މިންވަރު މަދުކުރުން ހިމެނެއެވެ. ބައެއް ގައުމުތަކުން ޚަރަދު ކުޑަކުރުމަށް ސަރުކާރުގެ އިސް އޮފިޝަލުންގެ މުސާރައިން އުނިކުރުން ފަދަ ފިޔަވަޅުތައް އަޅައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ