ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ކަސްޓަމަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަގްސަދުގައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާ ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.
”ކާބޯތަކެތި ލޭބަލްކުރުމާއި ބަންދުކުރުމުގެ ގަވާއިދު“ގެ ދަށުން، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ގަވާއިދާ ހިލާފުވެއްޖެނަމަ، އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ނުވަތަ ވިޔަފާރި ހުއްދަ ބާތިލުކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.
މި ގަވާއިދުގައިވާ ގޮތުން، ކާބޯތަކެތީގެ ބާވަތް އޮޅޭގޮތަށް ނުވަތަ އުފެއްދި ގައުމާއި އޭގެ އަސްލު އޮޅޭގޮތަށް ލޭބަލް ޖަހައިގެން ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން:
ފުރަތަމަ ފަހަރު: 10,000 ރުފިޔާއިން ޖޫރިމަނާކޮށް، 7 ދުވަހަށް ވިޔަފާރި ހުއްދަ ހިފެހެއްޓުން.
ދެވަނަ ފަހަރު: 100,000 ރުފިޔާއިން ޖޫރިމަނާކޮށް، 15 ދުވަހަށް ވިޔަފާރި ހުއްދަ ހިފެހެއްޓުން.
ތިންވަނަ ފަހަރު: 750,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ވިޔަފާރި ހުއްދަ ދާއިމީކޮށް ބާތިލުކުރުން.
މީގެ އިތުރުން، ކާބޯތަކެތީގައި ހުންނަންޖެހޭ މުހިންމު މައުލޫމާތުތައް (މިސާލަކަށް: އެލާޖިކްވާ ބާވަތްތަކާއި ބޭނުންކޮށްފައިވާ މާއްދާތައް) ހިމަނާފައި ނުވާނަމަ، ތަކުރާރުކޮށް ކުށްކުރާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ. އަދި ކާބޯތަކެތި ބަންދުކުރުމުގައި ފެންވަރު ދަށް ނުވަތަ ސިއްހަތަށް ނުރައްކާތެރި މާއްދާތައް ބޭނުންކޮށްފިނަމަ، 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އާންމު ސިއްހަތަށް ނުވަތަ އިންސާނެއްގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެއްވެސް އިންޒާރަކާ ނުލައި ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު އެމްއެފްޑީއޭއަށް މި ގަވާއިދުން ވަނީ ދީފައެވެ. މީގެ ތެރޭގައި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އާއި ލައިސަންސް ބާތިލުކުރުން ހިމެނެއެވެ.
މި ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް މިހާރު އަމަލުކުރަން ފަށާފައިވީނަމަވެސް، ވިޔަފާރިތަކަށް މިކަމަށް ތައްޔާރުވުމަށް 6 މަސްދުވަހުގެ ފުރުސަތެއް (ގްރޭސް ޕީރިއަޑް) ވަނީ ދީފައެވެ. އަދި އެމްއެފްޑީއޭ އިން އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭނަމަ، 15 ދުވަހުގެ ތެރޭގައި އެކަން ލިޔުމުން ހުށަހެޅުމުގެ ފުރުސަތުވެސް ވިޔަފާރިތަކަށް އޮންނާނެއެވެ.
އަސްލު އޮޅޭ ގޮތަށް ކާބޯތަކެތި ލޭބަލްކުރާ ފަރާތްތައް 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގަވާއިދަށް އަމަލުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ