މޫސުމީ ބަދަލުތަކަށް ތަޢުލީމީ ދާއިރާ ހޭނުވުމަށް 2ލައްކަ ޑޮލަރުގެ އެހީއެއް

މޫސުމީ ބަދަލުތަކަށް ތަޢުލީމީ ދާއިރާ ހޭނުވުމަށް "ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން" ޖީޕީއީއިން ރާއްޖެއަށް 2 ލައްކަ ޑޮލަރުގެ ހިލޭއެހީ ދިނުމަށް ފާސްކޮށްފިއެވެ. މި ހިލޭ އެހީ ދީފައިވަނީ، ކްލައިމެޓް ސްމާޓް އެޑިއުކޭޝަން ސިސްޓަމްސް، ސެސީ ޓެކްނިކަލް އިނިޝިއޭޓިވްގެ ދަށުންނެވެ.
ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ އަދި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ޤާބިލުކަން ލިބިފައިވާ، ހަރުދަނާ ނިޒާމަކަށް ހެދުމަށް 200,000 އެމެރިކާ ޑޮލަރުގެ ހިލޭއެހީ ރާއްޖެއަށް ދިނުމަށް ފާސްކޮށްފައިވާ ކަމަށެވެ. އެއީ، ދިވެހި ރުފިޔާއިން ބަލާނަމަ 3,084,000 ރުފިޔާއެވެ.
މިއީ، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ އެންމެ އިސް އެއް ޖަމްޢިއްޔާ ކަމަށްވާ "ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން" ޖީ.ޕީ.އީއިން ދޫކުރައްވާފައިވާ ހިލޭ އެހީއެކެވެ.
ކްލައިމެޓް ސްމާޓް އެޑިއުކޭޝަން ސިސްޓަމްސް، ސެސީ ޓެކްނިކަލް އިނިޝިއޭޓިވްގެ ދަށުން ދެއްވި މި ހިލޭ އެހީގެ މަޝްރޫޢު ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ޔުނެސްކޯ އަދި "ސޭވް ދަ ޗިލްޑްރަން އޮސްޓްރޭލިއާ"ގެ އެއްބާރުލުމާއެކުގައެވެ.
އަންނަ އަހަރުގެ މެއިމަހުގެ ނިޔަލަށް ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ސެސީ" މަޝްރޫޢުގައި މައިގަނޑު ހަތަރު ދާއިރާއަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން މޫސުމާ ގުޅޭ ކަންކަމަށް ޚަރަދު ކުރުމަށް މާލީ އެހީ ހޯދުމާއި، ޤައުމީ މަންހަޖުގައި މޫސުމާބެހޭ ބައިތައް ހިމެނުމާއި، މުދައްރިސުން ތަމްރީނު ކުރުމުގެ އިތުރުން، ސްކޫލުތަކުގެ ޢުމްރާނީ ވަސީލަތްތައް ވަރުގަދަ ކުރުމާއި، މޫސުމީ ބަދަލުތަކާއި މައުލޫމާތު ބަލަހައްޓާ ނިޒާމު ހަރުދަނާ ކުރުމަށް ހަމަޖެހިފައިވެއެވެ.
ޖީޕީއީއަކީ ދިވެހިރާއްޖެ ފަދަ ޤައުމުތަކުގެ ތަޢުލީމީ ލަނޑުދަނޑިތައް ހާސިލުކުރުމާއި، ދާއިރާގެ ކުރިއެރުމުގައި މުހިންމު ހިއްސާދާރެކެވެ. ޖީޕީއީގެ ހިލޭ އެހީގެ ދަށުން "ތަޢުލީމަށް އިންގިލާބީ ބަދަލު"ގެ ނަމުގައި ތަޢުލީމާބެހޭ ވުޒާރާއާއި ޖީޕީއީގެ އެހީއާއިއެކު މިހާރުވެސް އަންނަނީ، މަޝްރޫޢެއް ކުރިއަށް ގެންދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ