ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސްގެ އިންތިހާބާއި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުން ނުވަތަ ދެއިންތިހާބު އެއްކުރުމަކީ 200 ބިލިޔަން ލޫޓުވާލަން ޖަހާ މަޅިއެކެވެ. އެ މަޅީ އައި ބެދޭނީ ރައްޔިތުންގެ ކަރުގައެވެ. ފިކުރެއް ހިޔާލެއްނެތި ފެންނަ ނުފެންނަ ވޯޓުގައި އާނއެކޭ ބުނާ ހިސާބުން ދައުވަތު އެދެވެނީ 200 ބިލިޔަން ލޫޓުވާ ލުމަށެވެ.
ރާއްޖެއަކީ އާމްދަނީގެ ގޮތުގައި އަހަރަކު 40 ބިލިޔަން ލިބޭ ތަނަވަސް ގައުމެކެވެ. އެންމެ ނަގާލާފައިވެސް ރާއްޖެއަށް 5 އަހަރުން 200 ބިލިޔަނުގެ އާމަދަނީއެއް ލިބެއެވެ. އެހުރިހާ ފައިސާއަށް ފަސް އަހަރު ވަންދެން ބަޔަކު ހަދާނެ އެއްޗެއް ހަދަން ދެވޭ ފުރުސަތަކަށް ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ނުބުނުން ވެގެން ދާނެއެވެ.
އެހެނީ ދެއިންތިހާބު އެކުގައި ބޭއްވުމުން މަގާމުގައި ހުންނަ ރައީސް ނޫން މީހަކަށް ވެރިކަމަށް އާދެވޭނެ ގޮތެއް މަޖިލީހުގެ މެޖޯރިޓީ ލިބޭނެ ގޮތެއް ނުއޮންނާނެއެވެ. އޭރުން ފަސް އަހަރު ވަންދެން ދައުލަުގެ މުދަލާ ފައިސާއަށް ރައީސް ހަދާނީ ހަދާނެ އެއްޗެކެވެ. ރައްޔިތުން ތިބެން ޖެހޭނީ ފަސްއަހަރު ފަހުން އޮންނަ އިންތިހާބު އަންނަންދެން ބަސްހުއްޓިފައެވެ.
މަޖިލީހަށް ކުރިމަތިލާ 93 މެންބަރުންނާއި އެކު 94 ރަނިން މޭޓުން ގޮވައިގެން ވާދަކޮށް މަގާމަށް ހޮވޭ ރައިސުލްޖުމްހޫރިއްޔާ 5 އަހަރު ތެރޭގައި ޖަވާބުދާރީކޮށް ޒިންމާދާރު ކުރެވޭނެ އެއްވެސް އެގޮތެއް އޭރަކުން ނުއޮންނާނެއެވެ. މަގާމުގައި ހުންނަ ރައީސުލްޖުމްހޫރިއްޔާ ނޫން މީހަކަށް ރައީސްކަމަށް އާދެވޭނެ އެއްވެސް ގޮތެއް އޭރަކުން ނުއޮންނާނެއެވެ.
މަގާމުގައި ހުންނަ ރައީސަށް ފަސޭހަ ކަމާއެކު ދެވަނަ ދައުރު ހޯދޭނެއެވެ. ދައުލަތުގެ ފައިސާ ތަޅާލައިގެން މަޖިލީހާއި ގައުމުގެ ވެރިކަން ފަސޭހަކަމާއެކު ހޯދުން މަގާމުގައި ހުންނަ ރައީސަށް ދެ އިންތިހާބު އެއްކޮށްލުމުން ފަސޭހަވާނެއެވެ. އެއްދުވަހެއްގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އޮތުމުން މަގާމުގައި ހުރި ރައީސް ނޫން ގޮތެއް ހޯދުމަކީ ރާއްޔިތުންނަށް ލާހިކު ކުޅަދާނަ ކަމެއް ނޫނެވެ.
މަޖިލިސް އިންތިހާބުގައި އެކި ވިސްނުމުގެ މީހުންނަށް ވާދަކުރުމުގެ ޖާގަ ހަނިވެ ސަރުކާރު ކެންޑިޑޭޓް ބަލިކުރަން އުދަގޫވާނެއެވެ. ސަރުކާރު ކެންޑިޑޭޓް ބަލިކުރަންޏާ ކޮންމެ ދާއިރާއަކުން އިދިކޮޅު އެކަކު ނެރުން ނޫން ގޮތެއް އޭރަކުން ނުއޮންނާނެއެވެ. އިދިކޮޅު އެއް ކެންޑިޑޭޓް ނެރުނަސް ސަރުކާރުގެ ކެންޑިޑޭޓުން ބަލިކުރުމަކީ ވޭންދެނިވި ކަމަކަށް ވާނެއެވެ. ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނޫނެކޭ ބުނަންޖެހެނީ އެހެން ވެގެންނެވެ.
ދެ އިންތިހާބު އެއްކުރަނީ 200 ބިލިޔަން ލޫޓުވާލަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ