މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ރައްކާ ކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސަލް އާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް ކަމަށްވާއިރު، އެއީ 20 ދުވަހުގެ ސްޓޮކެއް ކަމަށެވެ.
"އަޅުގަނޑު ހަނދާންވާ ގޮތުގައި ރާއްޖޭގައި ރައްކާ ކުރެވެނީ، އެސްޓީއޯ އަދި ޕްރައިވެޓް ސެކްޓާ ހިމެނޭހެން 70 މިލިއަން ލީޓަރުގެ ޑީސަލް. އަދި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް. މިއީ 20 ދުވަހުގެ ސްޓޮކެއް. ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަަތު ބޮޑު،" ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ތެލަށް ޖެހުމުގެ ކުރިން މިވަގުތު ރާއްޖޭގެ ޕްރައިވެޓް ސެކްޓާ ފިއުލް ސްޓޯރޭޖް ކެޕޭސިޓީ ދެނެގަނެ، ކަރަންޓު ކަނޑާ ގަޑި ކަނޑައަޅައި، އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލްކޮށް، ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާ ވަގުތު މަދުކުރަންޖެހޭ ކަމަށެވެ.
މީގެއިތުރުން އިޖުތިމާއީ ހަރަކާތްތައް މަދުކޮށް، މަސްވެރިކަމާއި ރިސޯޓްތަކަށް ތެޔޮ ކަށަވަރުކޮށް، އޭވިއޭޝަން ފިއުލް ކަށަވަރުކޮށް، ހުޅަނގު އޭޝިއާ ހުރަސް ކުރަން ނުޖެހޭ މަތިންދާ ބޯޓު އަދި ކަނޑު ބޯޓުފަހަރުގެ ރޫޓްތައް ހޯދައި ސަޕްލައި ލައިން ބަދަލުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގުބޮޑުވުމުން ރާއްޖެއިން ތެލަށް އިތުރަށް ކުރަންޖެހޭ ހަރަދަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ހަނގުރާމަ ކުރަމުންދާ ގޮތަށް ހަނގުރާމަ ކުރަމުން ގޮސްފިނަމަ، ކޮންމެ މަހަކު ދިވެހި ސަރުކާރުގެ އާމްދަނީއަށް 85 މިލިއަނާއި 100 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑު ގެއްލުން ލިބެމުންދާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
ސަރުކާރުން ހިއްސާކުރި އަންދާޒާތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް 3000 ވަރަކަށް ޓޫރިސްޓުން ދަނީ ރާއްޖެއަށް ގެއްލެމުންނެވެ.
ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ނަޝީދު ވިދާޅުވެއްޖެ ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ނަޝީދު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ