ހުރުުމުޒު ކަނޑުއޮޮޅި ހުރަސްކުރަން އީރާނުގެ ހުއްދަ ހޯދަން ގައުމުތައް ސަފު ހަދާލުމުން އެމެރިކާއަށް ގޮތް ހުސްވެއްޖެ

ވޮޝިންޓަން (14 މާޗް 2026): ގަލްފުގެ ހުރުމުޒު ކަނޑުއޮޅި ހުރަސް ކުރުމުގެ ހުއްދަ ލިބޭނީ އީރާން ބޭނުންވާ ގައުމަކަށް އެކަނިކަމަށް އެގައުމުން ކަނޑައެޅުމާ ގުޅިގެން ދުނިޔޭގެ ގައުމުތައް އެކަނޑުއޮޅި ހުރަސް ކުރުމުގެ ހުއްދަ ހޯދުމަށް އީރާނުގެ ކިބައިން އެދެން ފަށާފައިވާއިރު ތުރުކީގެ ބޯޓެއް ހުރުމުޒް ކަނޑުއޮޅިން ހުރަސްކުރުމުގެ ހުއްދަ އީރާނުން ދީފިއެވެ. ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ "ފައިނޭންޝަލް ޓައިމްސް" ބުނާގޮތުން ޔޫރަޕްގެ ގައުމުތައްވެސް ގެންދަނީ ހުރުމުޒު ކަނޑުއޮޅި ހުރަސް ކުރުމުގެ ހުއްދަ ޔޫރަޕްގެ ބޯޓުތަކަށް ހޯދުމަށްޓަކައި އީރާން އާ ވާހަކަ ދައްކަމުންނެވެ. ނަމަވެސް ޔޫރަޕްގެ ގައުމުތަކަކީ އެމެރިކާއާއި އިސްރާއީލުން އީރާން އާ ދެކޮޅަށް ފަށާފައިވާ އުދުވާނީ އަދި ޣައިރު ގާނޫނީ ހަނގުރާމައަށް ތާއީދުކުރާ ގައުމުތަކެކެވެ. ޔޫރަޕްގެ ގިނަ ގައުމުތަކާއި ޔޫރަޕްގެ އިއްތިޙާދުގެ މަސްއޫލުވެރިން ވިދާޅުވެފައިވަނީ އީރާނާ ދެކޮޅަށް ކުރަނީ އދ. ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ހަނގުރާމައެއް ކަމަށް ގަބޫލުކުރާ ކަމުގައެވެ. ހުއްދަނެތި ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އުޅުމުން އީރާނުން ހަމަލާދިން ތައިލެންޓްގެ ބޯޓެއް ނަމަވެސް ހަނގުރާމަ ކުރަނީ އީރާން އާ ދެކޮޅަށް ކަމަށްވާތީ މިހަނގުރާމައަށް ތާއީދު ކުރާކަމުގައެވެ. އީރާން ދެކެ ޔޫރަޕުން ރުޅިއަންނަނީ ޔޫރަޕާއި އެމެރިކާ އިސްވެ ތިބެގެން ހުޅަނގުގެ އިސްތިއުމާރީ މަސްލަހަތަށްޓަކައި ފަލަސްތީނުގައި އިންދާފައިވާ ޔަހޫދީ އިސްތިއުމާރީ އެންޓިޓީ ކަމަށްވާ އިސްރާއީލަކީ ނައްތާލަންޖެހޭ ކެންސަރު ސެލްއެއްކަމަށް އީރާނުން ސިފަކުރާތީއެވެ. ނަމަވެސް ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ފިޔަވައި އެހެން ގައުމުތައްވަނީ މިހަނގުރާމައިގަ ބައިވެރިވުމަށާއި ހަނގުރާމައިގާ އެމެރިކާއާއި އިސްރާއީލަށް އެހީތެރި ވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ބުނެފައެވެ. އީރާން މިހާރުވަނީ ގަލްފަށް ވަދެ ނުކުންނަ ދޮރުކަމަށްވާ ހުރުމުޒު ކަނޑުއޮޅި އެގައުމުގެ އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. އީރާނުގެ ހުއްދަނެތި ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ ބޯޓުތަކަށް އީރާން ގެންދަނީ ހަމަލާތައް ދެމުންނެވެ. އީރާނުގެ ހަމަލާތަކުގައި އެތަށް ބޯޓެއްވަނީ ހަލާކުވެފައެވެ. އީރާނުން އެސަރަހައްދަށް ސްމާޓް މައިން އަޅާފައިވާކަމަށް ވެއެވެ. ސްމާޓް މައިން ގެ އިތުރުން ޑްރޯން ބޭނުންކޮށްގެންވެސް ވަރަށް ފަސޭހައިން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ ބޯޓުތަކަށް އީރާނުން ހަމަލާދެމުން ގެންދެއެވެ. އީރާނުން ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ނެގުމުން އެމެރިކާ ވަނީ ރުޅިއައިސް ގެން ހަދާނެގޮތް ހުސްވެފައެވެ. އެކަން ހުއްޓުވުމަށް އެމެރިކާ ރޭވުންތަކެއްވެސް ރޭވިއެވެ. މީގެތެރޭގައި އެކަނޑުއޮޅި ހުރަސްކުރާ ކޮންމެ ބޯޓެއްގެ ފަހަތުގައި އެމެރިކާގެ މަނަވަރެއް އޮވެގެން އެބޯޓު އެސްކޯޓު ކުރުމުގެ ރޭވުން ހިމެނެއެވެ. ނަމަވެސް މިކަން އަމަލީ ގޮތުން ކުރާވަރަށް އެމެރިކާގައި ހަނގުރާމަ މަތީ މަނަވަރުތައް ނެތުމާއި މިކަމުގެ ރިސްކުބޮޑުވުމާއި ޚަރަދު އިންތިހާއަށް ބޮޑުވުމުން މިއީ ކުރެވޭނެ ކަމެއްނޫންކަމަށް އެމެރިކާ ގެ ހަނގުރާމައާބެހޭ ވުޒާރާއިންވަނީ ބުނެފައެވެ. ގަލްފުގެ ހުރުމުޒު ކަނޑުއޮޅި ހަނގުރާމަމަތީ މަނަރުތައް ބޭނުންކޮށްގެން މިގޮތަށް ހިމާޔަތް ދިންނަމަވެސް ޑްރޯން ހަމަލަތަކާއި މައިން ހަމަލާތަކުން އާގު ބޯޓުތައް ސަލާމަތް ކުރުމަކީ ކުރެވޭނެކަމެއް ނޫންކަން އެނގުމަކީ މިކަން ނުކުރަން އެމެރިކާ ނިންމި މައިގަނޑު ސަބަބު ކަމަށް މުހައްލިލުން ވިދާޅުވެއެވެ. އެމެރިކާ އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވަނީ އެއްވެސް ރޭވުންތެރިކަމެއްނެތި އެވެ، އެހެންކަމުން މިފަދަ ހާލަތަކަށް ސަރަހައްދު ގޮސް އެމެރިކާގެ ކޮންޓްރޯލް ގެއްލިދާނެކަން އެމެރިކާއަށް ލަފާކުރެވިފައި ނުވާކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ. އަނެއްކޮޅުން އީރާނުގެ ރައްދު ހަމަލާތައް އެެމރިކާ ހީކުރި ވަރަށްވުރެ އެތަށް ގުނައެއް ވަރުގަދަ އެވެ. އަދި އީރާނުގެ ކޮންމެ ހަމަލާއެއް ހުއްޓުވާނެ އެންޓި އެއާޑިފެންސް މިސައިލް ނެތުމަކީވެސް ހުރުމުޒު ކަނޑުއޮޅިއާ ގާތަށް މަނަވަރުތައް ފޮނުވަން އެމެރިކާ ޖެހިލުންވާ މައިގަނޑު ސަބަބުކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ. މިހާރުވެސް އީރާނުގެ ހަމަލާތައް ދިފާއުކުރުމުގައި އެމެރިކާ ވަނީ ނުކުޅެދޭ ހިސާބަށް ގޮސްފައެވެ. އެއީ އެންޓި ޑިފެންސް ބެޓްރީތައް ހުސްވަމުންދާތީއެވެ. އިންޑީއާގެ ބައެއް ނޫސްތައް ބުނާގޮތުން އިންޑިއާ ސަރުކާރުވެސް ގެންދަނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ހޯދުމަށް އީރާން އާއެކު މަޝްވަރާ ކުރަމުންނެވެ. އިންޑިޔާ އީރާނަށް ހުށަހަޅާފައިވަނީ އެގައުމުގެ ދިދަ ނަގައިގެން ދަތުރު ކުރާ ދެ ބޯޓު ކަމަށްވާ 'ޝިވާލިކް' އާއި 'ނަންދާ ދޭވީ' މިދެ ބޯޓަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ދިނުމަށެވެ. އިންޑިއާ ގެ ބައެއް މަސްދަރުތައް ބުނާގޮތުން މިހުއްދަ އީރާން މިހާރުވަނީ އިސްތިސްނާ ހާލަތެއްގެ ތެރެއިން އިންޑިއާއަށް ދޭން ނިންމާފައެވެ. މި ދެ އުޅަނދަކީވެސް އިންޑިޔާގެ ރަސްމީ ޝިޕިންގ ކުންފުނި ކަމަށްވާ ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާ (އެސްސީއައި) އިން އޮޕަރޭޓް ކުރާ ދެ ބޯޓެވެ. މީގެ ދެދުވަސްކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ އީރާނުގެ ރައީސް ޑރ. މަސްއޫދު ބަޒެޝްކިޔާން އާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައެވެ. އަދި އިންޑިއާގެ ޚާރިޖީ ވަޒީރު ސްބްރަމަނިޔަމް ޖަޔަޝަންކަރުވެސް ވަނީ އިއްޔެ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ އާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައެވެ. ހުރުުމުޒު ކަނޑުއޮޮޅި ހުރަސްކުރަން އީރާނުގެ ހުއްދަ ހޯދަން ގައުމުތައް ސަފު ހަދާލުމާއެކު އެމެރިކާއަށް ގޮތް ހުސްވުމުން ވައިޓް ހައުސް އިން ބުނެފައިވަނީ ހުރުމުޒު ކަނޑުއޮޅިއަށް އަތްގަދަ ކުރުމަކީ އީރާނުން ހިންގާ ޣައިރު ގާނޫނީ ކަމެއްކަމަށާ އެތަން ހުރަސްކުރަން އީރާނުގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމުގައެވެ. އީރާނުގެ މިއަމަލަކީ ޣައިރު ގާނޫނީ އަމަލެއްކަމަށް ސިފަކުރަމުން ދުނިޔޭގެ ގައުމުތަކަށް އެމެރިކާ ގޮވާލާފައިވަނީ އެކަމުގެ ހުއްދަ އީރާނުގެ ކިބައިން ހޯދުމަކީ ވަރަށް ނުރައްކާތެރި ޕްރެސީޑެންޓެއް ކްރިއޭޓް ކުރުން ކަމުގައެވެ. އެހެންކަމުން އެމެރިކާ ވަނީ މިކަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ބުނެފައެވެ. އަދި ގާނޫނީ އިމުގެ ތެރޭގައި އޮތުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ އީރާނަށް ގޮވާލާފައެވެ. އީރާނުންވަނީ އެމެރިކާއާއި އިސްރާއީލުގެ މަސްލަހަތު އޮތް އެއްވެސް އުޅަނދަކަށް ގަލްފުގެ ހުރުމުޒު ކަނޑުއޮޅި ހުރަސް ކުރުމުގެ ހުއްދަ ނުލިބޭނެކަމަށް ބުނެފައެވެ. ހުރުމުޒު ކަނޑުއޮޅި ހުރަސް ނުކުރެވި ގަލްފުގެ އެތެރެއާއި ގަލްފުގެ ބޭރުގައި 180 އަށް ވުރެ ގިނަ އުޅަނދު އެބަ އޮތްކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ