ވިނަރެސް އެޕާޓްމަންޓްގައި ހިންގާ ލޯންޑްރީ ހުއްޓާލުމަށް އެޗްޑީސީން އަންގައިފި

ވިނަރެހުގެ އެޕާޓްމެންޓެއްގައި ހިންގަމުން އަންނަ ލޯންޑްރީ ހުއްޓާލުމަށް އެޗްޑީސީން އެ އެޕާޓްމަންޓްގެ ވެރިފަރާތަށް އަންގައިފިއެވެ.
ވިނަރެސް 8 ވަނަ ޓަވަރުގެ ފަންގިފިލައެއްގައި ފުޅާދާއިރާއެއްގައި ލޯންޑްރީއެއް ހިންގާކަން ފަޅާއަރާފައިވަނީ މީހަކު ސޯޝަލް މީޑިއާއަށް ދޫކޮށްލި އެތަނުގެ ވީޑިއޯއަކުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެތަނުގައި ލޯންޑްރީ ހިންގަމުން ގެންގޮސްފައިވަނީ އިންޑަސްޓްރިއަލް ލެވެލްގައި އެ މަސައްކަތް ކުރާ ގޮތަށެވެ.
މިކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަމުން އެޗްޑީސީން ބުނެފައިވަނީ ލޯންޑްރީ ހަދައިގެން އުޅުނު މައްސަލަ ބަލަމުންދާކަމަށެވެ. އެގޮތުން ލޯންޑްރީ ހުއްޓާލުމަށް ނޯޓިސްދީފައިވާކަމަށް ބުންޏެވެ. 
ލޯންޑްރީ ހަދައިގެން އެ މަސައްކަތް ކުރަމުން ގެންގޮސްފައިވަނީ ވިނަރެސް ޓަވަރުގެ ދެވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައެވެ.
ލޯންޑްރީ ހަދައިގެން ހިދުމަތް ދެމުން އަންނަ އެޕާޓްމަންޓް.. ފޮޓޯ: ވޮއިސް
ވީޑިއޯއިން ފެންނަ ގޮތުގައި އެތަނުގެ އެތެރޭގައި ބޮޑެތި ދޮންނަ މެޝިނުގެ އިތުރުން އެއްޗެހި ހިއްކާ މެޝިނެއްވެސް ހުއްޓެވެ. ވީޑިއޯގައި ގޮނަ އަދަދެއްގެ ގޭސްފުޅިވެސް އެތަނަށް ވައްދާތަން ފެނެއެވެ. ވިނަރެސް ޓަވަރުފަދަ އާއްމުން ދިރިއުޅުމަށް ބޭނުންކުރާ ތަންތަނުގައި މިފަދަ މަސައްކަތްތައް ކުރުމަކީ މަނާކަމެކެވެ. 
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެޕާޓްމަންޓްގައި ލޯންޑްރީ ހަދައިގެން އެ މަސައްކަތް ކުރަމުންދާތާ ވަރަށް ދުވަސްވެއްޖެއެވެ. އެގޮތުން އެތަނުގެ އިމާރާތުގެ ބެލްކަނީގައި ބޮޑެތި ބެޑްޝީޓްތައް ހިއްކަން އަޅާފައި ހުންނަ މަންޒަރު ވޮއިސްގެ ނޫސްވެރިންނަށް މީގެ ކުރިން ވަނީ ފާހަގަކުރެވިފައެވެ. މިކަމާ ގުޅިގެން ވޮއިސްގެ ނޫސްވެރިން އެ އެޕާޓްމަންޓަށް ރޭ ގޮސް ޓަކިޖެހިނަމަވެސް އެ އެޕާޓްމަންޓް ދޮރު ހުޅުވާފައެއް ނުވެއެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުގައި ދައުލަތުން ސަބްސިޑީދޭ ކަރަންޓް މީޓަރު ހުންނަ ތަންތަނުގައި ވިޔަފާރީގެ އުސޫލުން މިފަދަ ކަންކަން ކުރުމަކީ ވަރަށްބޮޑު މައްސަލައެކެވެ. އަދި މިއީ ދައުލަތުން ދޭ ސަބްސިޑީގެ ބޭނުން ނަހަމަގޮތުގައި ހިފުމެވެ. އެފަދަ ފަރާތްތަކާމެދު ދައުވާކުރުމުގެ ފުރުސަތު ދައުލަތަށް ލިބިގެންވާކަމަށްވެސް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ