އީރާނަށްފަހު އެމެރިކާގެ އަމާޒަކަށް ކިއުބާ ވެދާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވައިފި

އީރާނާ ދެކޮޅަށް އެމެރިކާއިން މިހާރު ކުރިއަށްގެންދާ ހަނގުރާމައަށްފަހު، އެމެރިކާގެ އަމާޒަކަށް ކިއުބާ ވެދާނެ ކަމުގެ އިޝަރާތެއް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. ވެނެޒުއެލާ އާއި އީރާނުގައި އެމެރިކާއިން ފެށި އަސްކަރީ އޮޕަރޭޝަންތަކަކީ ކާމިޔާބު އޮޕަރޭޝަންތަކެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ސައުދީގެ ވިޔަފާރި ކޮންފަރެންސް ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އަމިއްލައަށް އެމެރިކާގެ އަސްކަރިއްޔާ ބިނާކޮށް، އަސްކަރިއްޔާ ބޭނުންކޮށްފައިވާ ކަމަށާއި، "ދެން އޮތީ ކިއުބާ" ކަމަށެވެ. ނަމަވެސް އެގޮތަށް ވިދާޅުވުމަށްފަހު އެއީ އެ މަނިކުފާނު ވިދާޅުވި އެއްޗެއް ކަމަށް ނަހަދަން ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް އެގޮތަށް އިޝާރާތް ކުރައްވާފައިވާއިރު، އެެމެރިކާއިން ދީފާނެ އަސްކަރީ ހަމަލާއަކަށް ތައްޔާރުުވަމުންދާ ކަމަށް ކިއުބާގެ ޚާރިޖީ ވަޒީރުގެ ނައިބު ކާލޯސް ފަރްނާންޑޭޒް ޑި ކޮސިއޯ މިދިޔަ އާދީއްތަ ދުވަހު ވަނީ ވިދާޅުވެފައެވެ. "އަޅުގަނޑުމެންގެ އަސްކަރިއްޔާ އަބަދުވެސް ތިބީ ތައްޔާރަށް، އަދި ހަގީގަތުގައި މި ދުވަސްވަރު ތައްޔާރުވަމުންދަނީ (އެމެރިކާ) އަސްކަރީ އަނިޔާވެރިކަމުގެ ނުރައްކަލަށް. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންތައްތަކަށް ބެލުމަކީ ބުއްދިވެރި ކަމެއް." އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯވެސް ވަނީ، މުޅި ކިއުބާއިން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު، އެކަން ރަނގަޅު ކުރެވޭނެ ގާބިލުކަން ކިއުބާގައި މިހާރު އޮތް ސަރުކާރުގައި ނެތް ކަމަށާއި، އެކަން ކުުރުމަށް އާ ލީޑަޝިޕެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެމެރިކާއިން ކިއުބާއާ މަޝްވަރާ ކުރަމުންދާ ކަމަށާއި ''އެކުވެރިކަމާއެކު ކިއުބާ ހިފާފާނެ'' ކަމަށް މި މަހުގެ ކުރީކޮޅުވެސް ޓްރަމްްޕް ވަނީ ވިދާޅުވެފައެވެ. ކިއުބާގެ އެކުވެރި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ މިދިޔަ ފެބްރުއަރީ މަހު ހައްޔަރު ކުރުމަށްފަހު، ކިއުބާ ހިފުމަކީ ޓްރަމްޕް ބޭނުންފުޅުވެފައިވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އިގްތިސާދު ބަލިކަށިވެފައި އޮތުމުން ކިއުބާއަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް، މަދޫރޯ ހައްޔަރު ކުރުމަށްފަހު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން ވަނީ ކިއުބާއަށް ވިޔަފާރީގެ ގޮތުން ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް 1962 ވަނަ އަހަރުން ފެށިގެން އަޅާފައެވެ. ކިއުބާއަށް ތެޔޮ ވިއްކައި ނުވަތަ އެ ނޫން ވެސް ގޮތަކުން ތެޔޮ ފޯރުކޮށްދޭ ގައުމުތަކުގެ މުދަލުން ޓެރިފް ނެގުމުގެ އުސޫލެއް ކަނޑައެޅުމަށްވެސް ރަސްމީ އަމުރެއްގައި ޖެނުއަރީ މަހުގެ ފަހުކޮޅު ޓްރަމްޕް ވަނީ ސޮއިކުރައްވާފައެވެ. އެ އަމުރުގައި ކިއުބާ ސަރުކާރަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އާދަޔާ ޚިލާފަށް އޮތް ނުރައްކަލެއް ކަމަށް ސިފަކޮށްފައިވެއެވެ. އެމެރިކާގެ ގައުމީ ސަލާމަތީ ކަންކަމާ ގުޅިގެން ގްރީންލޭންޑް ހިފަން ބޭނުންވާ ކަމަށްވެސް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ