އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް 'ނޯ ކިންގްސް' ނުވަތަ 'ރަސްކަލުންނެއް ނެތް'ގެ ނަމުގައި އެމެރިކާގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު އިއްޔެ މުޒާހަރާކޮށްފި އެވެ.
އިއްޔެ ބޭއްވި މި މުޒާހަރާތަކަކީ ޓްރަމްޕްގެ ސަރުކާރުން ބޭރުގެ މީހުން ގައުމުން ބޭރުކުރުމާއި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި ހަރަކާތްތަކެކެވެ. މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކުން ބުނި ގޮތުގައި، ނިއުޔޯކް، ވޮޝިންޓަން އަދި ޑަލަސް ފަދަ ބޮޑެތި ސިޓީތައް ހިމެނޭހެން އެމެރިކާގެ އެކި ހިސާބުތަކުގައި 3،200އަށް ވުރެ ގިނަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މި ހަރަކާތްތަކުގެ ބައިވެރިން ބުނަމުންދަނީ ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން ޑިމޮކްރަސީއަށް ނުރައްކާވަމުންދާ ކަމަށެވެ.
މަޝްހޫރު އެކްޓަރު ރޮބަޓް ޑި ނީރޯ ބުނި ގޮތުގައި، މީގެ ކުރިން އެއްވެސް ރައީސަކު އެމެރިކާގެ މިނިވަންކަމާއި ސަލާމަތަށް މިވަރުގެ ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާފައެއް ނުވެ އެވެ.
ސެނެޓަރު ބާނީ ސޭންޑާސް ވިދާޅުވީ، އެމެރިކާގައި ހުދުމުހުތާރު ވެރިކަމެއް ގާއިމުވުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ބައެއް ސަރަހައްދުތަކުގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ އިމިގްރޭޝަން ސިޔާސަތުތަކާއި އަސްކަރީ ކުރިމަތިލުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިއަކު ބުނި ގޮތުގައި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ މޮޔަ ކަމެއް ކަމަށާއި އެމެރިކާ ސިފައިން އެތަނުގައި ތިބެން ނުޖެހޭ ކަމަށެވެ.
މި މުޒާހަރާތައް ކުރިއަށް މިދަނީ އެމެރިކާގެ މިޑްޓާމް އިންތިހާބު ކައިރިވެފައި ވަނިކޮށެވެ. ރޮއިޓާސް/އިޕްސޯސް އިން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، ޓްރަމްޕަށް އޮތް ތާއީދު މިހާރު ވަނީ %36އަށް ދަށަށް ގޮސްފަ އެވެ.
ޓްރަމްޕާ ދެކޮޅު 'ރަސްކަލުންނެއް ނެތް' މުޒާހަރާތައް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ