ނިލަންދޫ ކައުންސިލުން ރަޖިސްޓްރީ ނުދީގެން ގެސްޓް ވިޔަފާރިއަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން
ފ. ނިލަންދޫ ކައުންސިލުން ދޫކުރަން ޖެހޭ ރަޖިސްޓްރީއެއް ދޫނުކޮށްގެން، އެ ރަށުގައި ގެސްޓް ހައުސްއެއް ހިންގަން އިންވެސްޓްކޮށްފައިވާ ފަރާތަކަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބި، އަދި އަތޮޅު ކައުންސިލަށް ލިބެން ޖެހޭ ހަތަރު ލައްކައެއްހާ ރުފިޔާ ނުލިބި އޮތްކަން، އޮޑިޓާ ޖެނެރަލް ފާހަގަކުރައްވައިފިއެވެ. ފ. ނިލަންދޫ ކައުންސިލުން ދޫކުރަން ޖެހޭ ރަޖިސްޓްރީއެއް ދޫނުކޮށްގެން، އެ ރަށުގައި ގެސްޓް ހައުސްއެއް ހިންގަން އިންވެސްޓްކޮށްފައިވާ ފަރާތަކަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން އަދި އެތަނުގެ ކުލީގެ ގޮތުގައި ލިބެންޖެހޭ ހަތަރު ލައްކައެއްހާ ރުފިޔާ ނުލިބި އޮތްކަން، އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވަނީ، މި މަހުގެ ތިންވަނަ ދުވަހު ނެރުއްވި ފ. އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައެވެ. ފ. އަތޮޅު ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ގެސްޓް ހައުސް ހިންގުމަށް ދޫކޮށްފައިވާ ބިމަށް ލިބެންޖެހޭ 381،677 ރުފިޔާ އޮތީ ނުލިބިއެވެ. އެއީ، 2016 ވަނަ އަހަރު، ހޯމް މިނިސްޓްރީގެ ހުއްދައާއެކު، ފ. އަތޮޅުގެ ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ފައިސާ ހޯދުމަށް، 30 އަހަރަށް އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ގެސްޓް ހައުސްއިން ލިބެން ޖެހޭ ފައިސާއެވެ. މި ގެސްޓް ހައުސްގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ފ. ނިލަންދޫ ކައުންސިލުން މިހާތަނަށްވެސް ދޫކޮށްފައިނުވާކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މި އިމާރާތުގެ ރަޖިސްޓްރީ، ނިލަންދޫ ކައުންސިލުން ދޫނުކޮށްގެން، އެތަނުގައި ގެސްޓް ހައުސް ހިންގުމުގެ ހުއްދަ އަދިވެސްވަނީ ނުލިބިއެވެ. އެ ހުއްދަ ނުލިބުމުގެ ސަބަބުން އެ ގެސްޓް ހައުސް އޮޕަރޭޝަނަށް ގެނެވިފައިނުވާއިރު، ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އެންގުމާއެކުވެސް ނިލަންދޫ ކައުންސިލުން އެ ރަޖިސްޓްރީ ދޫކޮށްފައިނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެތަން އޮޕަރޭޓް ނުކުރެވި ގިނަ ދުވަސްތަކެއްވެފައިވާތީ، ރަށަށް ލިބެން ޖެހޭނެ މަންފާތަކެއް ނުލިބުމުގެ އިތުރުން އެތަން ވީރާނާވަމުންދާކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. މި ގެސްޓް ހައުސް މައްސަލައިގައި، އަތޮޅު ކައުންސިލާއި ގެސްޓް ހައުސްއަށް އިންވެސްޓް ކުރި ފަރާތާ ދެމެދު އެއްބަސްވެފައިވާ ކަންކަން، ނިލަންދޫ ކައުންސިލުން ކޮށްދީފައިނުވާތީ އެކަމުގެ ސަބަބުން ނިލަންދޫ ރައްޔިތުންނަށް ލިބެން ޖެހޭ މަންފާތައް ނުލިބި ވާކަން ފާހަގަކޮށް، އޮޑިޓާ ޖެނެރަލް ލަފާ ދެއްވާފައިވަނީ، އެކަމާ ގުޅޭ ކަންކަން، ކަމާބެހޭ ފަރާތްކުން މަޝްވަރާކޮށް ތަން އޮޕަރޭޝަނަށް ގެނެވޭނެ މަގެއް ހޯދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ