ޠާރިޤްގެ ސަރުކާރާއެކު، ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން ވަރުގަދަވާނެ ކަމަށް އުންމީދުކުރަން: ރައީސް

ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ޠާރިޤް ރަޙްމާންގެ ސަރުކާރާއެކު، ރާއްޖެއާއި ބަންގްލަދޭޝްގެ ގާތް ގުޅުން ވަރުގަދަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބަންގްލަދޭޝްގެ ކުރީގެ ރައީސް ޒިޔާއުއްރަޙްމާނާއި ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާގެ ދަރިކަލުން ޠާރިޤް، އެ ގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވީ މިއަދެވެ. މިއީ 35 އަހަރުގެ ތެރޭ ބަންގްލަދޭޝްގެ ތާރީޚުގައި އެ ގައުމުގެ ބޮޑުވަޒީރުކަން ފިރިހެން ބޭފުޅަކު ކުރައްވާ ފުރަތަމަ ފަހަރެވެ. އުމުރުފުޅުން 60 އަހަރުގެ ޠާރިޤް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ގައުމަށް ވަޑައިގަތީ އިއްޔެއެވެ. ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ. މުޙައްމަދު ޔޫނުސްގެ ދައުވަތަކަށް ތިން ދުވަހުގެ މުއްދަތަކަށް ކުރައްވާ އެ ދަތުރުފުޅު ނިިންމަވާލައްވައި ރާއްޖެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ. މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ، ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ޠާރިޤާ ބައްދަލުކުރައްވައި، އެމަނިކުފާނަށާއި ބަންގްލަދޭޝްގެ އާ ސަރުކާރަށް މަރުހަބާ ދެންނެވިކަން 'އެކްސް'ގައި ހާމަކުރައްވައިފައެވެ. https://x.com/MMuizzu/status/2023734120699056547 "[އާ ސަރުކާރާއެކު]، ރާއްޖެއާއި ބަންގްލަދޭޝްގެ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް އުންމީދުކުރަން،" ރައީސްގެ ޕޯސްޓުގައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި، ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ކޯލިޝަނުން ވަނީ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 208 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދައިފައެވެ. އެ ޕާޓީއާ ދެން އެންމެ ކައިރިން ވާދަކުރި ޖަމްޢިއްޔަތުލް އިސްލާމަށް 68 ގޮނޑި ލިބުނުއިރު އެހެން ޕާޓީތަކަށް ލިބުނީ ހަ ގޮނޑިއެވެ. ރާއްޖެއާއި ބަންދަގްލަދޭޝްއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ ސެޕްޓެންބަރު 22، 1978 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ